ރައީސް މުހައްމަދު ނަޝީދުގެ އަނބިކަނބަލުން ލައިލާ އަލީގެ ބައްޕާފުޅު އަދި ސަރުކާރުގެ އެކި މަގާމުތައް ގިނަ ދުވަސްތަކެއް ވަންދެން ފުރުއްވި އެލިއާ އަލީ އަބްދުﷲ ރޭ ދަންވަރުގެ ވަގުތެއްގައި އަވަހާރަވެއްޖެ އެވެ.
އުމުރުފުޅުން 69 އަހަރުގައި އަލީ އަބްދުﷲ އަވަހާރަވީ އައިޖީއެމްއެޗުގެ އައިސީޔޫގައި ފަރުވާ ދެމުން ގެންދަނިކޮށެވެ. އަދި ގިނަ ދުވަސްތަކެއް ވަންދެން އުޅުއްވީ އާލާސްކަންފުޅުގަ އެވެ.
ކުރީގެ މޯލްޑިވްސް ޕޯޓްސް އޮތޯރިޓީ (އެމްޕީއޭ) ގެ މެނޭޖިން ޑިރެކްޓަރުކަން ވެސް ކުރެއްވި އަލީ އަބްދުﷲގެ މައްޗަށް ކަށުނަމާދުކުރުން އޮންނާނީ މިއަދުގެ ހުކުރު ނަމާދަށް ފަހު އިސްލާމީ މަރުކަޒުގަ އެވެ.
އަލީ އަބްދުﷲ އަވަހާރަވިއިރު ރައީސް ނަޝީދު ވަނީ ލަންކާގެ ރައީސް މަހިންދަ ރާޖަޕަކްސަގެ ހުވާކުރެއްވުމުގެ ރަސްމިއްޔާތަށް އެ ގައުމަށް އިއްޔެ ވަޑައިގެންފަ އެވެ. އަދި އަނބިކަނބަލުން ލައިލާ ވަޑައިގެންވީ ހައްޖަށެވެ.
އެހެން ނަމަވެސް ރައީސް އޮފީހުގެ ޕްރެސް ސެކްރެޓަރީ މުހައްމަދު ޒުހައިރު މިއަދު ވިދާޅުވީ ރައީސް ނަޝީދުގެ ދަތުރުފުޅު ކުރުކުރެއްވުމަށް ފަހު ރާއްޖެ ވަޑައިގަތުމަށް ފުރާވަޑައިގެންފައިވާ ކަމަށެވެ. ނަމަވެސް ސައުދީ އަރަބިއްޔާ އިން ރާއްޖެ ވަޑައިގަތުމުގެ ދަތުރު ދިގުކަމުން ލައިލާ އަށް ބައްޕާފުޅުގެ ޖަނާޒާ އަށް ވަޑައިގެންނެވޭ ގޮތް ނުވި ކަމަށް ޒުހައިރު ވިދާޅުވި އެވެ.
އަލީ އަބްދުﷲ ވަނީ އަތިރީ މާފަންނުގޭ ވިޔަފާރި މެނޭޖަރު ކަމާއި މޯލްޑިވިއަން ގަވަންމަންޓް ބޮޑު އިސްޓޯރުގެ ވިޔަފާރި މެނޭޖަރު ކަމާއި މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަންގެ ރާއްޖޭގެ ވިޔަފާރި ބަނދަރުތަކާބެހޭ މުޝީރުކަން ވެސް ކުރައްވާފަ އެވެ.
އަދި އަލީ އަބްދުﷲ އަކީ ރާއްޖޭގައި ވަޑާމުގެ މަސައްކަތް ޒަމާނާ އެއްގޮތަށް ކުރިއަށް ގެންދެވުމުގައި ވަރަށް މުހިންމު ޚިދްމަތްތަކެއް ކޮށްދެއްވާފައިވާ ބޭފުޅެކެވެ. އެގޮތުން ފަރުނީޗަރު ޖެހުމާއި އިމާރާތްކުރުމުގެ މަސައްކަތް މަތީ ފެންވަރަކަށް ގެންދަވައި ވަޑާމަށް ބޭނުންކުރާ ތަފާތު މެޝިނަރީތަކުގެ މަސައްކަތް އެތައް ބަޔަކަށްވަނީ ދަސްކޮށްދެއްވާފައެވެ. އަދި ވަޑާމުގެ މަސައްކަތަކީ އަގުހުރި މަސައްކަތެއްކަން މުޖްތަމައުގައި ވަޒަން ކުރެވޭވަރަށް އެމަސައްކަތް ކުރިއަށް ގެންދަވާފައިވެއެވެ.
އަލީ އަބްދުﷲ ގެ މި ޚިދްމަތުގެ އަގު ވަޒަންކޮށް، ރާއްޖޭގައި ވަޑާމުގެ މަސައްކަތް ތަރައްގީ ކުރެއްވުމުގެ ރޮނގުން 1980 ވަނަ އަހަރު އާންމު ޚިދްމަތުގެ ހިތްވަރު ދިނުމުގެ އިނާމު ސަރުކާރުންވަނީ ދީފައެވެ.
އަލީ އަބްދުﷲ އަށް ލިބިވަޑައިގަތީ ފަސް ބޭފުޅުންނެވެ. އެއީ ފިރިހެން ދެ ބޭފުޅުންނާއި އަންހެން ތިން ބޭފުޅުންނެވެ.
އެލިއާ އަލީ އަބްދުﷲ އަވަހާރަވެއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ