ވަޒީރުންނަށް ރުހުން ދިނުމުގައި ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 171 ވަނަ މާއްދާގެ ވ. އަށް އަމަލު ނުކުރެވޭނެ ކަމަށް ކަނޑައަޅައި ސުޕްރީމް ކޯޓުން މިރޭ ހުކުމްކޮށްފި އެވެ.
ވަޒީރުންނަށް ރުހުން ދިނުމުގައި މަޖިލިހުގެ ގަވާއިދުގެ 171 ވަނަ މާއްދާގެ ވ. އަށް އަމަލު ކުރުމަކީ ގާނޫނު އަސާސީއާ ހިލާފް ކަމެއް ކަމަށް ކަނޑައަޅައިދިނުމަށް ބަންޑާރަ ނައިބުގެ އޮފީހުން ހުށަހެޅި އެ މައްސަލައިގައި ހުކުމް ކުރައްވަމުން އުއްތަމަ ފަނޑިޔާރު އަހުމަދު ފާއިޒު ހުސެއިން ވިދާޅުވީ، އެ އަކުރުގައި ކަނޑައަޅާފައިވާ އިޖުރާއަތުތަކަކީ ވަޒީރުންނަށް ރުހުން ދިނުމުގައި މަޖިލީހަށް ލިބިފައިވާ ބާރުތައް ފަހަނައަޅާ ކަންތައްތަކެއް ކަމަށެވެ.
"... ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 171 ވަނަ މާއްދާގެ ވ. ގައި ބަޔާންކޮށްފައިވާ އިޖުރާއަތުތަކަކީ ގާނޫނު އަސާސީގެ 129 ވަނަ މާއްދާގެ ނ. ގެ ދަށުން ވަޒީރުންނަށް ރުހުން ދިނުމުގައި ރައްޔިތުންގެ މަޖިލީހަށް ލިބިފައިވާ ބާރުތައް ފަހަނައަޅާދާ އިޖުރާއަތުތަކެއް،" އުއްތަމަ ފަނޑިޔާރު ވިދާޅުވި އެވެ. "ގާނޫނު އަސާސީގައި ބުނެވިދިޔަ 129 ވަނަ މާއްދާގެ ނ. [ވަޒީރުންނަށް ރުހުން ހޯދަން ޖެހޭ މާއްދާ]ގެ ދަށުން ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 171 ވަނަ މާއްދާގެ ވ. އަށް އަމަލު ނުކުރެވޭނެ ކަމަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ހަތް ފަނޑިޔާރުންގެ ތެރެއިން ހަ ފަނޑިޔާރުންނަށް އިއްތިފާގުވެވުނު ހިނދު އެގޮތުގެ މަތިން ހުކުމްކޮށްފިން."
ސުޕްރީމް ކޯޓުގެ ހަތް ފަނޑިޔާރުންގެ ތެރެއިން ހަ ފަނޑިޔާރުން ބުރަވެވަޑައިގެންނެވި ގޮތް އިއްވަވަމުން އުއްތަމަ ފަނޑިޔާރު ވިދާޅުވީ ދައުލަތުގެ އެކި މަގާމުތަކަށް އައްޔަން ކުރަން ޖެހޭ ފަރާތްތަކަށް ރުހުން ދިނުމުގައި ގާނޫނު އަސާސީ އާއި ގާނޫނުގައި ވަކި ގޮތަކަށް އަމަލު ކުރަން ޖެހޭ ކަމަށް ބުނެފައިވާ ކަންތައްތަކުގައި ގަވާއިދުގެ އެ އަކުރަށް އަމަލު ކުރުމަށް ހުރަހެއް ނެތް ކަމަށެވެ.
މީގެ އިތުރުން މި މައްސަލައިގައި ފާހަގަކުރެވުނު ނުކުތާތައް އިއްވަވަމުން އުއްތަމަ ފަނޑިޔާރު ވިދާޅުވީ ގާނޫނު އަސާސީގައި ބަޔާންކޮށްފައިވާ ދައުލަތުގެ ބާރުތައް ހިންގަންވާނީ ގާނޫނު އަސާސީގައިވާ ގޮތުގެ މަތިން ކަމަށެވެ. އެމަނިކުފާނު ވިދާޅުވީ އެއް ބާރުން އަނެއް ބާރުގެ މައްޗަށް ނުފޫޒު ފޯރުވުމެއް، ހުދުމުހްތާރުވުމެއް ނެތި، އެހެން ބާރެއްގެ ދުސްތޫރީ އިހްތިސާސްގެ ތެރެއަކަށް ވަނުމަކާ ނުލައި އެއްބާރުން ކުރާ ކަންކަން ހުންނަނީ ގާނޫނު އަސާސީގެ އިމުގެ ތެރޭގައިތޯ އަނެއް ބާރުތަކުން ބަލައި ތިން ބާރުގެ މެދުގައި ތިލަފަތް ހަމަހަމަކޮށް ޗެކް ކުރެވޭނެ އުސޫލުތަކަކާއި އިޖުރާއަތުތަކެއް ގާނޫނު އަސާސީގައި ކަނޑައަޅާފައިވާ ކަމަށެވެ.
"... ގާނޫނު އަސާސީގައި ކަނޑައެޅިފައިވާ މި އިންތައް ފަހަނައަޅާ ދާ ގޮތަކަށް ގަނޫނެއް ނުވަތަ ގަވާއިދެއްގެ ބައެއް ވިޔަސް ހުރެއްޖެ ނަމަ އެބައެއް ވާނީ ކަނޑައެޅިގެން ބާތިލު އެއްޗަކަށްކަން އެނގެން އޮވޭ،" އުއްތަމަ ފަނޑިޔާރު ވިދާޅުވި އެވެ.
އުއްތަމަ ފަނޑިޔާރު ވިދާޅުވީ ވަޒީރުންނަށް ރުހުން ދިނުމުގައި މަޖިލީހުގެ ގަވާއިދުގެ 171 ވަނަ މާއްދާގެ ވ. އަށް އަމަލު ކުރުމަކީ، ދައުލަތުގެ ބާރުތައް ވަކިވެފައި އޮތުމުގެ ދުސްތޫރީ އުސޫލާއި ވަޒީރުންގެ މަޖިލީސް އެކުލަވާލުމުގައި ރައީސުލްޖުމްހޫރިއްޔާ އަށް ލިބިދޭ ބާރާއި ވަޒީރުންނަށް ރުހުން ދިނުމުގައި މަޖިލީހަށް ލިބިދޭ ބާރު ބަޔާންކޮށްފައިވާ ދުސްތޫރީ އުސޫލާ ތައާރަޒްވާ އިޖުރާއަތުތަކެއް ކަމަށެވެ.
މީގެ އިތުރުން އުއްތަމަ ފަނޑިޔާރު ވިދާޅުވީ ވަކި ގޮތަކަށް އަމަލު ކުރުމަށް ގާނޫނު އަސާސީ އާއި ގާނޫނުގައި ބަޔާންކޮށްފައިނުވާ ނަމަ މަޖިލީހުން ރުހުން ދޭން ޖެހޭ ކަންކަމުގަ އާއި ލަފާ ދޭން ޖެހޭ ކަންކަމުގަ އާއި މަޝްވަރާ ދޭން ޖެހޭ ކަންކަމުގައި މަޖިލީހުގެ ގަވާއިދުގެ 171 ވަނަ މާއްދާގެ ވ. އަށް އަމަލު ކުރެވިދާނެ ކަމަށެވެ. އަދި ގާނޫނު އަސާސީގައި ނުވަތަ ގާނޫނުގައި ވަކި ގޮތަކަށް ބުނެފައިވާ ކަމެއްގައި އެ އަކުރަށް އަމަލު ކުރެވެން ނެތުމަކީ ގާނޫނު އަސާސީ އާއި ގާނޫނުގައި ވަކި ގޮތަކަށް ބަޔާންކޮށްފައިނުވާ ކަމެއްގައި އެ އަކުރަށް އަމަލު ކުރުން ހުރަސްއަޅާ ކަމެއް ނޫން ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. އެހެންކަމުން މަޖިލީހުގެ ގަވާއިދުގެ 171 ވަނަ މާއްދާގެ ވ. އަކީ އޭގެ ޒާތުގައި ގާނޫނު އަސާސީއާ ތައާރަޒްވާ އަކުރެއްކަން ބެލެވޭނެ ހަމައެއް ނެތް ކަމަށް ވެސް އުއްތަމަ ފަނޑިޔާރު ވިދާޅުވި އެވެ.
މިގޮތަށް ރައުޔު ނެރުއްވާފައި ވަނީ އުއްތަމަ ފަނޑިޔާރު ފާއިޒުގެ އިތުރުން ފަނޑިޔާރު އަބްދުﷲ ސައީދާއި އާދަމް މުހައްމަދު އަބްދުﷲ އާއި އަލީ ހަމީދު މުހައްމަދާއި އަބްދުﷲ އަރީފާއި ޑރ. އަހުމަދު އަބްދުﷲ ދީދީ އެވެ. ތަފާތު ރައުޔެއް ނެރުއްވާފައި ވަނީ ފަނޑިޔާރު އަހުމަދު މުއުތަސިމް އަދުނާނެވެ.
މުއުތަސިމް ފާހަގަކުރެއްވި ހަތް ޕޮއިންޓްގެ މައްޗަށް ބިނާކުރައްވާ އެމަނިކުފާނު ނެރުއްވި ރައުޔުގައި ވިދާޅުވެފައި ވަނީ ވަޒީރުންގެ މަޖިލީހަށް މިފަހުން އިސްކުރެއްވި މެމްބަރުންނަށް ރުހުން ދިނުމުގެ މައްސަލަ ކުރިއަށް ގެންދާނެ ގޮތެއް ނިންމުމުގެ ފުރިހަމަ ބާރާއި އިހުތިޔާރު ރައްޔިތުންގެ މަޖިލިހަށް ލިބިފައިވާ ކަމަށެވެ. އަދި ގާނޫނު އަސާސީން ރައްޔިތުންގެ މަޖިލީހަށް ލިބިދީފައިވާ ބާރެއް ފިޔަވައި އެހެން ބާރެއް އެމަޖިލީހުން ހަދާ ގަވާއިދަކުން ލިބި ނުގަނެވޭނެ ކަމަށް ވެސް ވިދާޅުވެފައިވެ އެވެ.
މި މައްސަލަ ނިމުމުން ބަންޑާރަ ނައިބު އަހުމަދު އަލީ ސަވާދު ވިދާޅުވީ މިއީ ދައުލަތަށާއި ރާއްޖޭގެ ގާނޫނީ މުޖްތަމައަށް ލިބުނު ވަރަށް ބޮޑު ކާމިޔާބީއެއް ކަމަށެވެ. ސަވާދު ވިދާޅުވީ ސުޕްރީމް ކޯޓުގެ ހުކުމުގެ ސަބަބުން ބާރުތައް ވަކިވެފައިވާ ގިންތިތައް ވަރަށް ސާފުކޮށް ބަޔާންކޮށްފައިވާ ކަމަށެވެ. އެހެންކަމުން ކުރިއަށް އޮތް ތަނުގައި ދައުލަތުން މަސައްކަތް ކުރުމުގައި ވެސް ބޮޑެތި ފަސޭހަތަކެއް ވެގެންދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
އެ މައްސަލައިގެ ބައިވެރިވި އެއް ފަރާތް ކަމަށްވާ ޕީޕަލްސް އެލަޔަންސް (ޕީއޭ) ގެ ޕާލަމެންޓްރީ ގްރޫޕުގެ މެންބަރު އަދި ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ނާޒިމް ވިދާޅުވީ ސުޕްރީމް ކޯޓުން ހުކުމްކުރި ގޮތުން މަޖިލީސް ކުރިއަށް ގެންދިއުމަށް މަގުފަހިވެފައިވާ ކަމަށެވެ. އަދި ގަވާއިދުގެ 171 ވަނަ މާއްދާގެ ވ. އުވާލުމަށް ސުޕްރީމް ކޯޓުން ނިންމާފައިނުވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ވަޒީރުންނަށް ރުހުން ދިނުމުގައި މަޖިލިހުގެ ގަވާއިދުގެ 171 ވަނަ މާއްދާގެ ވ. އަށް އަމަލެއް ނުކުރެވޭނެ: ސުޕްރީމް ކޯޓު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ