ފުވައްމުލަކުގައި މަދިރި މަދުކުރުމުގެ ގޮތުން އެއް އަހަރު ދުވަހުގެ ޕޮރޮގުރާމެއް ފައްޓައިފި

ޏ. ފުވައްމުލަކުގައި މަދިރި މަދުކުރުމުގެ ގޮތުން އެއް އަހަރު ދުވަހުގެ ޕޮރޮގުރާމެއް ފައްޓައިފި އެވެ.
ޏ.އަތޮޅު ހޮސްޕިޓަލުގެ ކޮމިއުނިޓީ ހެލްތް ސުޕަވައިޒަރު އާމިނަތު އަހްމަދު ވިދާޅުވި ގޮތުގައި މަދިރި މަދުކުރުމަށް ހިންގާ އެއް އަހަރު ދުވަހުގެ ޕްރޮގުރާމަކީ މަދިރި އުފެދޭ ތަންތަން ނައްތާލުމާއި މަދިރީގެ ސަބަބުން ޖެހޭ ބަލިތަކަށް މީހުން ހޭލުންތެރިކުރުމަށް ހިންގާ ޕްރޮގުރާމެކެވެ.
"މި ޕްރޮގުރާމްގެ ދަށުން އެންމެ މުހިންމު ކަމެއްގެ ގޮތުގައި އޮންނާނީ ރަށުތެރޭގައި ހުރި މަދިރި އުފެދޭ ތަންތަން ނައްތާލުން. އަދި މަދިރީގެ ސަބަބުން ޖެހޭ ބަލިތަކަށް މީހުން ހޭލުންތެރިކުރުމުގެ ވޯކްޝޮޕްތަކެއް ވެސް ކުރިއަށްދާނެ،" އާމިނަތު ވިދާޅުވި އެވެ.
ކުޅި އާއި އަލައޮޅު ފަދަ ތަންތަން ގިނަ ފުވައްމުލަކުގައި މަދިރި އުފެދޭ ތަންތަން ނައްތާލުމަށް ހިންގާ ޕްރޮގްރާމަކީ މި ރަށުގެ ހުރިހާ އޮފީސްތަކާއި ކޮމެޓީތައް ގުޅިގެން ކުރިއަށްގެންދާ ޕޮރޮގުރާމެއް ކަމަށް ވެސް ޏ. އަތޮޅު ހޮސްޕިޓަލުން ވިދާޅުވި އެވެ.
"މި ޕްރޮގުރާމްގައި ކޮންމެ ހޮނިހިރު ދުވަހަކު ރަށުގެ ކޮންމެވެސް އެއް އަވަށެއް ސާފުކުރާ ގޮތަށް ހަމަޖެހިފައިވޭ. މި ގޮތުން އިއްޔެވެސް އެބައި ކުރިއަށްދިޔަ،" ހޮސްޕިޓަލުން ވިދާޅުވި އެވެ.
ފުވައްމުލަކުގައި މަދިރި އުފެދޭ ތަންތަން ނައްތާލުމާ ބެހޭ ހަ މަސް ދުވަހުގެ ކެމްޕޭނެއް މިދިޔަ އަހަރު ވެސް ފައްޓައިފައިވެ އެވެ. ނަމަވެސް އެދެވޭ ގޮތެއްގައި އެ ކެމްޕޭން ކުރިއަށް ގޮސްފައެއް ނުވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ