މިނިވަން މުއައްސަސާތަކުގެ މުސާރަ ހަމަހަމަ މިންގަނޑަކަށް ގެނައުމަށް އެއްބަސްވި ނަމަވެސް، އިންފްލޭޝަނާ އެއްވަރަށް މުވައްޒަފުންގެ މުސާރަތައް މައްޗަށް ޖައްސަން ބަޖެޓް ދިރާސާ ކުރާ ކޮމެޓީގައި ހިޔާލު ތަފާތުވެއްޖެ އެވެ.
އަންނަ އަހަރަށް ހުށަހަޅާފައިވާ 14 ބިލިއަން ރުފިޔާގެ ބޮޑު ބަޖެޓުގެ މަޝްވަރާގެ ތެރޭގައި ކޮމެޓީގައި މިއަދު ވާހަކަ ދައްކަވަމުން މުގައްރިރު އަދި މާމިގިލީ ދާއިރާގެ ގާސިމް އިބްރާހިމް ވިދާޅުވީ ރާއްޖޭގެ އިގްތިސާދީ އަދި މާލީ ހާލަތު ހުރި ގޮތުން އިންފްލޭޝަނަށް އަންނަ ބަދަލާ އެކު މުސާރަ އަށް ބަދަލު ގެނެވޭ ގޮތަށް ހަމަޖެއްސުން އެއީ ބުއްދިވެރި ގޮތެއް ނޫން ކަމަށެވެ.
"ބެލްޓް ބާރުކޮށްލަންޖެހޭ ވަގުތުތައް ހުންނާނެ. ބަޖެޓްގެ ދަރަނިވެފައި ވަނިކޮށް އިންފޭޝަނަށާއި ޑޮލަރަށް އަންނަ ބަދަލާއެކު މުސާރަ އަށް ބަދަލު ގެނައުމަކީ ހަލާކުވެގެން ދާނެ ކަމެއް،" ގާސިމް ވިދާޅުވި އެވެ.
ކެލާ ދާއިރާގެ މެމްބަރު ޑރ. އަބްދުﷲ މައުސޫމް ވިދާޅުވީ މުސާރަ ހަމައަކަށް އަޅުވާއިރު، އިންފްލޭޝަނަށާއި ޑޮލަރުގެ އަގަށް އަންނަ ބަދަލުތަކާ އެކު ރިޔާއަތްކުރަން ޖެހޭނެ ކަމަށާއި އެހެން ނޫންނަމަ އެކަމުގެ ނޭދެވޭ އަސަރު މުވައްޒަފުންނަށް ކުރާނެ ކަމަށެވެ.
މިނިވަން މުއައްސަސާތަކުން ހުށަހަޅާފައިވާ މިންވަރަށް ބަޖެޓް ދޭނަމަ، އަހަރުގެ ދައުލަތުގެ ބަޖެޓަށް 690 މިލިއަން ރުފިޔާ އިތުރުވާނެ ކަމަށް ވެސް ގާސިމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ މިނިވަން މުއައްސަސާތަކުން ބޮޑު ބަޖެޓެއް ހުށަހަޅާފައިވާއިރު އެ ތަންތަނުގެ މުސާރަ އިންތިހާ އަށް ބޮޑު ކަމަށެވެ. އަދި އެ ތަންތަނުގެ މުސާރަ ހަމަހަމަ މިންގަނޑެއް އެކުލަވާލަންޖެހިފައިވާ ކަމަށް ވެސް ގާސިމް ވިދާޅުވި އެވެ.
މިނިވަން މުއައްސަސާތަކާއި ކުންފުނިތަކުގެ މުސާރަ އިންތިހާ އަށް ބޮޑުވެފައިވާ އެއް ސަބަބަކީ އެކަށީގެންވާ ގޮތުގައި ފިޔަވަޅު ނޭޅި މުސާރަ ކަނޑައެޅުން މިނިވަން މުއައްސަސާތަކަށާއި ކުންފުނިތަކަށް ދޫކޮށްލެވިފައި އޮތުން ކަމަށް ކުރީގެ ސަރުކާރުގެ ފިނޭންސް މިނިސްޓަރުކަމާއި މިހާރުގެ ސަރުކާރުގެ ހޯމް މިނިސްޓަރުކަން ވެސް ކުރެއްވި ގާސިމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ މިހާރު ބައެއް ރަށްރަށުގައި ސްކޫލްގެ ޕްރިންސިޕަލަށް 15،000ރ. ލިބޭއިރު، އިންޖީނުގެ ހިންގަން ހުންނަ މީހާ އަށް 25،000ރ. ލިބޭ ކަމަށާއި އެއީ އިންސާފެއް ނޫން ކަމަށެވެ.
"މި ބަލި އުފެދުނީ ސަރުކާރުގެ ކުންފުނިތަކުގެ ސަބަބުން. އެއާޕޯޓްސް ކޮމްޕެނީގެ މުވައްޒަފުންގެ މުސާރަ ބޮޑުކުރުމުން އެހެން ކުންފުނިތައް ބޮޑުކުރަން ފެށީ. އޭރު އަޅުގަނޑު ރައީސުލްޖުމްހޫރިއްޔާ އަށް ދެންނެވިން މިކަން ވަބާއަކަށް ވެގެންދާނޭ،" ގާސިމް ވިދާޅުވި އެވެ.
ބަޖެޓް ކޮމިޓީގެ ނައިބު މުގައްރިރު އަދި ހިންނަވަރު ދާއިރާގެ މެމްބަރު އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) ވިދާޅުވީ މިނިވަން މުއައްސަސާތަކުގެ މެދުގައި ވެސް މުސާރައިގެ ފަރަގު އިންތިހާ އަށް ބޮޑު ކަމަށާއި ބައެއް މުއައްސަސާއެއްގެ ސެކްރެޓަރީ ޖެނަރަލްގެ މުސާރަ އެހެން ބައެއް ތަންތަނުގެ ސެކްރެޓަރީ ޖެނެރަލްގެ މުސާރަ އަށް ވުރެ 10،000ރ. ވަރު އިތުރުވެފައިވާ ކަމަށެވެ.
"މިކަންކަން ދިރާސާކޮށް، އެބަޖެހޭ ހަމައަކަށް ފައްތަން،" އިބޫ ވިދާޅުވި އެވެ.
ބަޖެޓް ކޮމިޓީގައި ބައެއް މެމްބަރުން ވިދާޅުވީ މިނިވަން މުއައްސަސާތަކުގެ މުސާރައިގެ ފަރަގު ބޮޑުވުމާއެކު މުސާރައިގެ އޮނިގަނޑެއް މަޖިލީހުން އެކުލަވާލަންޖެހޭ ކަމަށެވެ.
އެގޮތުން ވިލުފުށީ ދާއިރާގެ މެމްބަރު ރިޔާޒު ރަޝީދު ހުށަހެޅުއްވީ މިނިވަން މުއައްސަސާތަކުގެ މަސައްކަތަށް ބަލައި ދަރަޖަތަކެއް ކަނޑައެޅުމަށް ފަހު މުސާރަ ހަމަޖެއްސުމަށެވެ. އެ ހުށަހެޅުމަށް ބައެއް މެމްބަރުން ތާއިދުކުރެއްވި އެވެ.
"މުސާރައިގެ ތަފާތުތައް ހުރިކަމުގެ ޝަކުވާ މާލިއްޔަތު ކޮމިޓީ އަށް ވެސް ވަނީ ލިބިފައި. އެހެންވެ މިނިވަން މުއައްސަސާތަކުން ކުރާ މަސައްކަތާއި ޒިންމާ އަށް ބަލައި މުސާރަ ހަމައަކަށް އަޅުވަންޖެހޭ،" ރިޔާޒު ވިދާޅުވި އެވެ.
ކުޅުދުއްފުށީ އުތުރު ދާއިރާގެ މެމްބަރު އަބްދުލްޣަފޫރު މޫސާ ވިދާޅުވީ މަޖިލީހުގެ މާލިއްޔަތު ކޮމިޓީ އާއި ސަރުކާރާ މަޝްވަރާކޮށްގެން ވީހާ ވެސް އަވަހަކަށް މިނިވަން މުއައްސަސާތަކާއި ސަރުކާރުގެ ކުންފުނިތަކުގެ މުސާރައިގެ އޮނިގަނޑެއް އެކުލަވާލުމަށް، ބަޖެޓް ރިކަމެންޑޭޝަނެއްގެ ގޮތުގައި ހުށަހަޅުން މުހިންމު ކަމަށެވެ.
ބަޖެޓް ކޮމިޓީގެ ބައެއް މެމްބަރުން ވިދާޅުވީ މިނިވަން މުއައްސަސާތަކުގެ މުސާރައިގެ އިތުރުން ޓްރޭނިން ޕްރޮގްރާމްތަކުގެ ބަޖެޓް ވެސް ކުޑަކޮށް، އެ ފައިސާ ގައުމީ ޔުނިވާސިޓީ އަށް ބަދަލުކުރުން މުހިންމު ކަމަށެވެ.
ކޮމިޓީގެ ނައިބު މުގައްރިރު އިބޫ ވިދާޅުވީ މިނިވަން މުއައްސަސާތަކުން އެދިފައިވާ ގޮތަށް ބަޖެޓް ދިނުމާ މެދު ގޮތެއް ނިންމާނީ ފިނޭންސް މިނިސްޓަރު އަހްމަދު އިނާޒާ މަޝްވަރާކުރެއްވުމަށް ފަހު ކަމަށެވެ.
ކޮމިޝަންތަކުގެ ބަޖެޓާ އެކު 690 މިލިއަން ރުފިޔާ އިތުރުވާނެ: ގާސިމް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ