ސަރުކާރުން ދައްކާ ބިރަކަށް ޖެހިލުމެއްނުވާނެ: މައުމޫން

ސަރުކާރުން ނުވަތަ އެމްޑީޕީން ކިތަންމެ ބިރެއް ދެއްކި ނަމަވެސް، ޖެހިލުންނުވާނެ ކަމަށާއި ބިރު ވެސް ނުގަންނާނެ ކަމަށް ކުރީގެ ރައީސް އަދި ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސްގެ ވަގުތީ ރައީސް އަލްއުސްތާޒު މައުމޫން އަބްދުލްގައްޔޫމް މިއަދު ވިދާޅުވެއްޖެ އެވެ.
ސިންގަޕޫރަށާއި މެލޭޝިއާ އަށް ކުރައްވާ ނުރަސްމީ ދަތުރުފުޅެއްގައި ފުރާވަޑައިގަތުމުގެ ކުރިން އެއާޕޯޓްގައި "ހަވީރު"ން ކުރި ސުވާލަކާ ގުޅިގެން މައުމޫން ވިދާޅުވީ މ. އެންދެރިމާގޭ ދޮށުގައި މިދިޔަ ބުރާސްފަތި ދުވަހު ހިންގި ހަމަނުޖެހުމާ ގުޅިގެން އެ މަނިކުފާނުގެ ދަރިކަލުން ޣައްސާން މައުމޫން ފުލުހުން ހައްޔަރުކުރުން އެއީ ސިޔާސީ ގޮތުން ސަރުކާރުން ކުރި ކަމެއް ކަމަށެވެ.
"މި ކަމަކީ އެއްވެސް ހަގީގަތެއް ނެތް ކަމެއް. އަޅުގަނޑުގެ ދަރިފުޅާ ބެހޭ ގޮތުން އެ ހުށަހެޅުނު މައްސަލައަކީ އެއްވެސް ހަގީގަތެއް އަސްލެއް ނެތް ކަމެއް. އޭނަ ހުރީ އަޅުގަނޑުމެންނާއެކީގަ އެ ދުވަހު. އެނގިވަޑައިގަންނަވާނެ އެމްޑީޕީގެ އިސް މީހުންނާއި ސަރުކާރުގެ އިސް މީހުން ބައިވެރިވެގެން އަޅުގަނޑުމެންގެ ގެ އަށް ދިނީ ވަރަށް ނުރައްކާތެރި ހަމަލައެއް،" އެ މަނިކުފާނު ވިދާޅުވި އެވެ.
މައުމޫން ވިދާޅުވީ އެންދެރިމާގޭ ދޮށަށް އެއްވެ ހިންގި ހަމަނުޖެހުމުގައި އެ ގެ އަށް އެމްޑީޕީގެ މީހުން ގެއްލުންދިން ނަމަވެސް އެ ކަންކުރުމުން އެންމެ ފަހުން ކުށްވެރިވީ އެ މަނިކުފާނާއި އާއިލާ ކަމަށެވެ.
"މިއީ ވަރަށް ދެރަވަރުކޮށް، ވަރަށް ހެއްވާކޮށް ހިނގާދިޔަ ކަމެއްކަމުގައި ދަންނަވަން ޖެހެނީ. މީގެ އަޑީގައި މިއޮތީ ސިޔާސީ ކުޅިގަނޑެއް. ސިޔާސީ ގޮތުން އަޅުގަނޑަށް ދަތިކުރުމުގެ ކަންތައްތަކެއް ސަރުކާރުން ހިންގަމުން މި ގެންދިޔައީ،" އެ މަނިކުފާނު ވިދާޅުވި އެވެ.
މި ކަންތައްތަކާ ގުޅިގެން ސިޔާސީ ވިސްނުންފުޅަށް ބަދަލެއް އަތުވެދާނެތޯ "ހަވީރު"ން ދެންނެވުމުން މައުމޫން ވިދާޅުވީ "އިރާދަކުރެއްވިއްޔާ އެހެނެއްނުވާނެ" ކަމަށެވެ.
"އަޅުގަނޑަކީ މިއަށްވުރެ މާ ބޮޑެތި ކަންތައްތަކާ ކުރިމަތިލާފައި ހުރި މީހެއް. އެނގިވަޑައިގަންނަވާނެ ފަދައިން އަޅުގަނޑު ޖެހިލުމެއް ނުވާނެ. އިރާދަކުރެއްވިއްޔާ އަޅުގަނޑު ބިރެއް ނުގަންނާނެ. އަޅުގަނޑަށް އެނގޭ އަޅުގަނޑު މި މަސައްކަތްކުރަނީ ދިވެހި ރައްޔިތުންގެ ދިފާއުގައި. ދިވެހި ރައްޔިތުންނަށް ހެޔޮ ގޮތެއް ހޯދައިދޭން ކަން. އަޅުގަނޑު ގަސްދުކޮށްފައި ހުރި މަގުގައި ކުރިޔަށްދާނަން،" އެ މަނިކުފާނު ވިދާޅުވި އެވެ.
އަންނަ މަހު އައްޑޫގައި އޮންނަ ސާކް ސަމިޓަށް ދައުވަތު ނުދެއްވާނެ ކަމަށް ފޮރިން މިނިސްޓަރު އަހުމަދު ނަސީމް ވިދާޅުވެފައިވާތީ އެކަމާ ބެހޭ ގޮތުން މައުމޫން ވިދާޅުވީ ސާކުގެ ބާނީންގެ ތެރޭގައި ހިމެނިވަޑައިގަންނަވާނެ ކަމަށާއި އަދި މިދިޔަ އަހަރު ނޫން އެހެން ހުރިހާ ސަމިޓެއްގައި ބައިވެރިވި ހަމައެކަނި ސިޔާސީ ލީޑަރަކީ އެ މަނިކުފާނު ކަމަށް ވިދާޅުވި އެވެ.
"އެ ބޭފުޅަކަށް ހައްގެއް ނޯންނާނެ އަޅުގަނޑަށް ދައުވަތުދޭކަށް. އަޅުގަނޑަކީ ދިވެހި ގައުމުގައި 30 އަހަރުވަންދެން ރައީސްކަން ކުރި މީހެއް. އަދި ސާކުގެ ބާނީއެއް. ދެން ކާކުތޯ އަޅުގަނޑަށް ދައުވަތު ދޭނީ. [ފޮރިން މިނިސްޓަރު ނަސީމް] އެއީ ކާކުތޯ އަޅުގަނޑަށް ދައުވަތު ދޭން. އަޅުގަނޑު އޭނާގެ ދައުވަތެއް ބޭނުމެއް ވެސް ނޫން،" މައުމޫން ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ