ރަން ގަތުމާއި ބޭރު ދަތުރުތައް ކުރުން މަދުކުރަން މޯދީ އިލްތިމާސްކުރައްވައިފި
މެދުއިރުމަތީގައި މިހާރު އޮތް ހަނގުރާމައިގެ ހާލަތުގެ ސަބަބުން ދުނިޔޭގެ ހަކަތައިގެ އަގު އުފުލެމުންދާތީ ގޭގައި ތިބެގެން މަސައްކަތް ކުރުމާއި، ރަން ފަދަ އަގުބޮޑު މުދާ ގަތުން މަދުކުރުމާއި ބޭރު ދަތުރުތައް ކުރުންވެސް މަދުކުރުމަށް އިންޑިއާ ރައްޔިތުންނަށް އެ ގައުމުގެ ބޮޑު ވަޒީރު ނަރެންދްރާ މޯދީ ގޮވާލައްވައިފިއެވެ. މޯދީ ވިދާޅުވީ ކޮވިޑް ދުވަސްވަރު އެޅި ޚަރަދު ކުޑަކުރުމުގެ ފިޔަވަޅުތައް ފަދައިން ފިޔަވަޅު އަޅައިފިނަމަ، އިންޑިއާގައި ތެޔޮ ބޭނުންކުރުން މަދުވެ، ބޭރު ފައިސާ ސަލާމަތްކުރުމަށް އެހީތެރިވެދޭނެ ކަމަށެވެ. އިންޑިއާއިން 90 ޕަސަންޓް ތެޔޮ އިމްޕޯޓްކުރާއިރު، އެމެރިކާއާއި އިސްރާއީލުން އީރާނާ ދެކޮޅަށް ހަނގުރާމަ ފެށި ފަހުން ތެޔޮ ގަންނަން ޚަރަދު ކުރާ މިންވަރު ވަނީ އެތައް މިލިއަން ޑޮލަރަކަށް އިތުރުވެފައެވެ. މަޝްރަހު ދިރާސާކުރާ ފަރާތްތަކުން ބުނާ ގޮތުގައި ތެލުގެ ޚަރަދު ކުޑަކުރުމަށް މިފަހަރު މޯދީ ކުރެއްވި އިލްތިމާސަކީ މިހާތަނަށް ކުރެއްވި އެންމެ ހަރުކަށި އިލްތިމާސެވެ. "ގައުމީ ލޯތްބަކީ ހަމައެކަނި ބޯޑަރުގައި ފުރާނަ ގުރުބާން ކުރަން ތައްޔާރަށް ހުރުމެއް ނޫން. މި ޒަމާނުގައި ޒިންމާދާރުކަމާއެކު އުޅެ، ދުވަހުގެ ދިރިއުޅުމުގައިވެސް ގައުމީ ވާޖިބު އަދާކުރުން." މޯދީ ވިދާޅުވިއެވެ. "މިހާރުގެ ހާލަތުގައި ބޭރު ފައިސާ ރައްކާކުރުމަށް ވަރަށް ބޮޑަށް އަލިއަޅުވާލަން ޖެހޭ." މެޓްރޯ ފަދަ އާންމު ދަތުރުފަތުރު ބޭނުން ކުރުމަށް އިލްތިމާސް ކުރައްވައި މޯދީ ވަނީ ތެޔޮ ރައްކާތެރި ކުރުމަށް މީހުން ކާރުޕޫލް (ކައިރި ހިސާބުތަކަށް މީހުން އެއް ކާރެއް ހިއްސާކޮށްގެން ދިއުން) ކުރުމަށްވެސް ލަފާ ދެއްވާފައެވެ. އަދި ދަނޑުވެރިން ގަސްކާނާ ބޭނުންކުރުން ދެބައިކުޅަ އެއްބައި މަދުކުރުމަށް ވެސް އޭނާ އެދިވަޑައިގެންނެވިއެވެ. ދައުލަތުގެ ތެޔޮ ވިއްކާ ފަރާތްތަކަށް ޕްރެޝަރު ބޮޑުވި ނަމަވެސް އިންޑިއާއިން މިހާތަނަށް ވަނީ ޕެޓްރޯލާއި ޑީސަލްގެ އަގު ބޮޑުނުކޮށް ދަމަހައްޓާފައެެވެ. ނަމަވެސް ދިގުދެމިގެންދާ ހަމަނުޖެހުންތަކުގެ ސަބަބުން ތެލުގެ ސަޕްލައިއަށް ބުރޫއަރައި އިގްތިސާދަށް ވަނީ ދަތިވެފައެވެ. ބިއްލޫރި އާއި ޕްލާސްޓިކް އުފެއްދުންތަކާއި ޓައިލްސް އުފައްދާ ފެކްޓްރީތަކުގައި ލައްކައެއްހާ މީހުންގެ ވަޒީފާއަށް ނުރައްކާ ކުރިމަތިވެފައިވެފައިވާއިރު، ގަސްކާނާގެ ސަޕްލައި ދަށްވުމުން ދަނޑުވެރިކަމުގެ އުފެއްދުންތައް ދަށްވުމާއި ކާބޯތަކެތީގެ އަގު ބޮޑުވުމުގެ ކަންބޮޑުވުންތައް ވަނީ އިތުރުވެފައެވެ. އެކަމުގެ އަސަރު އެންމެ ބޮޑަށް ކޮށްފައިވަނީ ފާއިތުވި ހަފްތާތަކުގައި ރެކޯޑް އަދަދަކަށް ދަށްވެފައިވާ އިންޑިއާގެ ފައިސާއަށެވެ. މަޝްރަހު ދިރާސާކުރާ ފަރާތްތަކުން ބުނާ ގޮތުގައި މޯދީގެ ވާހަކަތަކުން ދޭހަވަނީ ހަކަތަ ބޭނުންކުރުން ހުއްޓުވުމަށް ސަރުކާރުން ވަރަށް އަވަހަށް ބައެއް ފިޔަވަޅުތައް އަޅާނެ ކަމަށާއި ޕެޓްރޯލިއަމް އުފެއްދުންތަކުގެ އަގު އިސްލާހު ކުރުމުގެ މަސައްކަތް ވެސް ވަރަށް އަވަހަށް ފަށާނެ ކަމަށެވެ. އިންޑިއާގެ އިދިކޮޅު ލީޑަރުން ވަނީ މޯދީގެ ވާހަކަތަކަށް ފާޑުވިދާޅުވެފައެވެ. އެގޮތުން ކޮންގްރެސް ޕާޓީގެ ލީޑަރު ރާހުލް ގާންދީ ވިދާޅުވީ ސަރުކާރުން ރައްޔިތުންގެ މައްޗަށް މަސްއޫލިއްޔަތު ބަދަލުކޮށް، އަމިއްލައަށް މަސްއޫލިއްޔަތުން ރެކެނީ ކަމަށެވެ. އަދި އެއީ ސަރުކާރު ފެއިލްވުން ކަމަށްވެސް ރާހުލް ވިދާޅުވިއެވެ. ހަނގުރާމައިގައި ހުރްމުޒް ކަނޑުއޮޅި ބަންދުކޮށްފައި އޮތުމުގެ ސަބަބުން ހަކަތަ ލިބުން ދަތިވެ، މުޅި ދުނިޔޭގެ އިގްތިސާދަށް އަސަރުކޮށްފައިވާއިރު، ޚާއްސަކޮށް އޭޝިއާގެ ގައުމުތަކަށް ވަނީ ތެލުގެ އަގުބޮޑުވުމުގެ ސަބަބުން ވަރަށް ބޮޑަށް އަސަރުކޮށްފައެވެ. އިންޓަނޭޝަނަލް އެނާޖީ އެޖެންސީ (އައިއީއޭ) އިން ސިފަކޮށްފައިވާ ގޮތުގައި މިއީ ތާރީހުގައި ވެސް ތެލުގެ ސަޕްލައިއަށް ދިމާވި އެންމެ ބޮޑު ގޮންޖެހުމެވެ. ހަނގުރާމަ ފެށިފަހުން ތެލުގެ އަގު އުފުލުމާ ގުޅިގެން ގިނަ ގައުމުތަކަކުން ވަނީ އިގްތިސާދަށް ކުރާ އަސަރު ކުޑަ ކުރުމަށް ފިޔަވަޅުތައް ތައާރަފްކޮށްފައެވެ. ޗައިނާއިން ވަނީ އެގައުމުގެ ތެޔޮ ރިފައިނަރީތަކުން މި ވަގުތަށް ތެޔޮ އެކްސްޕޯޓްކުރުން ހުއްޓާލުމަށް އަމުރުކޮށްފައެވެ. އަދި ޗައިނާގެ ބައެއް އެއާލައިންތަކުން ޖެޓް ފިއުލްގެ އަގު ބޮޑުވުމުން ފްލައިޓްތައް ވަނީ މެދުކަނޑާލާފައެވެ. އޮސްޓްރޭލިއާގެ ބައެއް ސްޓޭޓްތަކުން ވަނީ އާންމު ދަތުރުފަތުރު ހިލޭ ނުވަތަ ދަތުރުފަތުރުގެ އަގު ދެބައިކުޅަ އެއްބައި ކުޑަކޮށްފައެވެ. ފިލިޕީންސްގައި މާޗް މަހު ގައުމީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރިއިރު، އެގައުމުގެ ސަރުކާރުން ވަނީ ޑްރައިވަރުންނަށް ސަބްސިޑީ ދީ، ފެރީގެ ހިދުމަތް މަދުކޮށް، ސިވިލް ސާވަންޓުންނަށް މަސައްކަތްކުރަންޖެހޭ ދުވަހުގެ އަދަދު ހަތަރު ދުވަހަށް މަދުކޮށްފައެވެ. ސްރީ ލަންކާއިންވެސް ވަނީ ހަފުތާއަކު ހަތަރު ދުވަހު މަސައްކަތްކުރާ ގޮތަށް ނިންމައި ސްކޫލްތަކާއި ކޮލެޖްތަކާއި ސަރުކާރުގެ އެހެން މުއައްސަސާތައް ބުދަ ދުވަހު ބަންދުކުރުމަށް ނިންމާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ