ފިޔާޒާއި ހަސަނަށް ކުރި ދައުވާ އަނބުރާ ގެންދަން ނަޝީދު ގޮވާލައްވައިފި
ރައީސް މުހައްމަދު މުއިއްޒުގެ މައްޗަށް އަހުލާގީ ގޮތުން ދަށް އަމަލުތަކެއް ހިންގެވި ކަމަށް ތުހުމަތުތަކެއްކޮށް އަދަދު ނޫހުން ގެނެސްދިން ޑޮކިއުމަންޓަރީއެއްގެ މައްސަލާގައި އެ ނޫހުގެ ސީއީއޯ ހުސައިން ފިޔާޒު މޫސާ އާއި އެ ނޫހުގެ މެނޭޖިން އެޑިޓަރު ހަސަން މުހައްމަދުގެ މައްޗަށް އުފުލާފައިވާ ޖިނާއީ ދައުވާ އަނބުރާ ގެންދިއުމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ގޮވާލައްވައިފި އެވެ. އެ ނޫހުން އާންމުކުރި ވީޑިއޯ ޑޮކިއުމެންޓްރީއާ ގުޅިގެން ޕްރޮސިކިއުޓާ ޖެނަރަލްގެ އޮފީހުން އެ ދެ ނޫސްވެރިންގެ މައްޗަށް ޖިނާއީ ދައުވާ އުފުލައި، ކްރިމިނަލް ކޯޓަށް ފޮނުވީ އިއްޔެ އެވެ.އެ ކޯޓުން ވަނީ މައްސަލައިގެ ޝަރީއަތް ސިއްރު ކޮށްގެން ކުރިއަށް ގެންދަން ނިންމައި، އެ މައްސަލަ އާއި ޑޮކިއުމެންޓްރީއާ ގުޅޭ ވާހަކަތައް ސީދާ ގޮތުންނާއި ނުސީދާ ގޮތުން ވެސް ނުދައްކަން އަމުރުކޮށްފަ އެވެ. އެ ދައުވާތައް އަނބުރާ ގެންދިޔުމަށް ގޮވާލައި ނަޝީދު ކުރެއްވި ޓްވީޓެއްގައި ވަނީ ރާއްޖޭގައި ނޫސްވެރިިކަމުގެ ހާލަތު އޮތް މިންވަރާ މެދު ކަންބޮޑުވުން ފާޅުކުރައްވާފަ އެވެ.“ނޫސްވެރިންގެ މައްޗަށް ޖިނާއީ ދައުވާ އުފުލައި، މަސްދަރު ހާމަކުރަން މަޖުބޫރުކޮށް، ނޫހުގެ އޮފީސް ރެއިޑުކޮށް، މުދަލާއި ސާމާނު ހިފެހެއްޓުމާއި، ނުރުހޭ ސުވާލެއް ކުރީމައި ޕްރެސް ކޮންފަރެންސްތަކުން ނޫސްވެރިން ނެރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން،” މީގެކުރިން ނޫސްވެރިކަން ކުރެއްވި ނަޝީދު އެކްސްގައި ލިޔުއްވި އެވެ. މި މައްސަލާގައި ފިޔާޒާއި ހަސަންގެ މައްޗަށް ދައުވާކުރިއިރު، އެ ދެ މީހުންގެ އިތުރުން ރައީސް އޮފީހުގައި ކުރިން މަސައްކަތްކުރި އީޝާ އަޝްރަފް ވެސް ތަހުގީގަށް ބަޔާން ދޭން ވެގެން ފުލުހަށް ހާޒިރުކޮށްފަ އެވެ. މި މައްސަލާގައި އީޝާގެ މައްޗަށް ވެސް ގަޒުފު ކުރުމުގެ ތުހުމަތު ފުލުހުން ކުރި ނަމަވެސް އަދި އޭނާގެ މައްޗަށް ދައުވާއެއް ނުކުރެ އެވެ. އެ ތިން މީހުންގެ ޕާސްޕޯޓް ވެސް ހިފަހައްޓާފައިވެ އެވެ.ފިޔާޒް އާއި ހަސަންގެ މައްޗަށް ކުރަނީ ގަޒްފު ކުރުމުގެ ކުށުގެ ދައުވާ އެވެ. ދައުވާ އުފުލި ސަބަބެއް ކަމަށް ބުނެފައި ވަނީ އަދަދުގެ އެޑިޓަރުންގެ ގޮތުގައި ފިޔާޒް އާއި ހަސަން ތިބެ، މުއިއްޒަށް ތުހުމަތުތަކެއް ރައްދުވާ ގޮތަށް ޑޮކިއުމެންޓަރީއެއް ޕަބްލިޝްކޮށްފައިވުމެވެ. އެ މައްސަލައިގެ ޝަރީއަތް ކުރިއަށްގެންދަން ކޯޓުން ނިންމާފައި ވަނީ ސިއްރުކޮށްގެންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ