ޕްރެސް ކޮންފަރެންސްތަކުން ނޫސްވެރިން ނެރުމަކީ ބަލައިގަނެވޭ ކަމެއް ނޫން: ނަޝީދު

ނޫސްވެރިންގެ މައްޗަށް ދައުވާ އުފުލުމާއި ޕްރެސް ކޮންފަރެންސްތަކުން ނޫސްވެރިން ނެރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ. 
"އަދަދު" ނޫހުން ނެރުނު ވީޑިއޯ ޑޮކިއުމެންޓްރީއާ ގުޅޭ އެއްވެސް ވާހަކައެއް ސީދާ ގޮތުން ވެސް އަދި ނުސީދާ ގޮތުން ވެސް ދެއްކުން މަނާކޮށް ކްރިމިނަލް ކޯޓުން އިއްޔެ އަމުރެއް ނެރެފައި ވަނިކޮޮށް، އެ ނޫހުގެ ނޫސްވެރިޔާ މުހައްމަދު ޝަހުޒާން މިއަދު ރައީސް އޮފީހުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ކުރި ސުވާލަކާ ގުޅިގެން އޭނާ އެތަނުން ނެރެފައިވެ އެވެ. 
އެކަމަށް އިޝާރާތް ކުރައްވައި، ނަޝީދު މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ނޫސްވެރިންގެ މައްޗަށް ޖިނާއީ ދައުވާ އުފުލުމާއި މަސްދަރު ހާމަކުރަން މަޖުބޫރުކޮށް، ނޫހުގެ އޮފީސް ރެއިޑްކުރުމާއި މުދަލާއި ސާމާނު ހިފަހައްޓައި، ނޫސްވެރިން ނެރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ. 
އެ މަނިކުފާނު ވަނީ އަދަދު ނޫހުގެ ސީއީއޯ ހުސެއިން ފިޔާޒު މޫސާ އާއި އެޑިޓަރު ހަަސަން މުހައްމަދުގެ މައްޗަށް އުފުލާފައިވާ ގަޒުފުގެ ދައުވާ އަނބުރާ ގެންދަން ވެސް ގޮވާލައްވައިފަ އެވެ. 
The most trusted news source in the Maldives
ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ހަފުތާ ބްރީފިންގައި ޝަހުޒާން މިއަދު ކުރި ސުވާލަކާ ގުޅިގެން ރައީސް ފާހަގަ ކުރެއްވި ގޮތުގައި ކްރިމިނަލް ކޯޓުން "ގެގް" އޯޑަރެއް ވަނީ އިއްޔެ ނެރެފަ އެވެ. 
އެހެންވެ، މިއަދުގެ ބްރީފިންގައި ޝަހުޒާން ކުރި ސުވާލާ އެކު، ޝަހުޒާން ކޯޓުގެ އަމުރާ ހިލާފުވެފައިވާ ކަމަށް ވިދާޅުވެ ރައީސް ވަނީ އެ މާލަމުން ނިކުތުމަށް އޭނާއަށް އަންގަވައިފަ އެވެ. ޝަހުޒާން އެ މާލަމުން ނެރުނީ ސެކިއުރިޓީންގެ އެހީތެރިކަމާ އެކުގަ އެވެ. 
އެ މަނިކުފާނުގެ މައްޗަށް ޝަހުޒާންގެ ސުވާލުގައި ކުރަނީ ދޮގު ތުހުމަތުތަކެއް ކަމަށް ވިދާޅުވެ، ރައީސް ވަނީ ކޯޓު އަމުރާ ހިލާފު ވާހަކަތައް ދެއްކުމުގެ ފުރުސަތު އެ މާލަމުގައި ނުދެއްވާނެ ކަމަށް ވިދާޅުވެފަ އެވެ.  
The most trusted news source in the Maldives
ޝަހުޒާންގެ ސުވާލުގެ ކުރިން ބްރީފިންގައި ރައީސް މުއިއްޒު ވިދާޅުވީ ރާއްޖެއަކީ ހިޔާލުފާޅު ކުރުމުގެ މިނިވަންކަން ތަންމިނަށް ފުޅާކޮށް އޮތް ގައުމެއް ކަމަށެވެ. ނަމަވެސް، ހުރިހާ ރައްޔިތުން ވެސް އަމަލު ކުރަން ޖެހޭނީ ގާނޫނުއަސާސީގައިވާ އިންތަކުގެ ތެރެއިން ކަމަށް ވިދާޅުވި އެވެ. އަދި ހިޔާލު ފާޅު ކުރުމުގެ މިނިވަންކަމުގެ ނަމުގައި އިސްލާމްދީނާ ހިލާފު އަދި ގާނޫނުއަސާސީއާ ހިލާފު ކަންކަން ނުކުރެވޭނެ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ. 
"ނޫސްވެރިކަމުގެ ފާހެއް އެޅުމަކީ ރައްޔިތުންގެ އަބުރަށް އަރައިގަތުމުގެ ލައިންސެންސެއް ނޫން. މުސްލިމަކަށް ވީތީ އޮތް ލައިސެންސެއް ނޫން އެއީ އެއްވެސް މީހެއްގެ އަބުރަށް އަރައިގަތުމަކީ،" ރައީސް ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ