ގައުމީ ދުވަސް ފާހަގަ ކުރަން، ސިފައިންގެ "ސިފަ ހަވީރު"

މާދަމާ ފާހަގަ ކުރާ ގައުމީ ދުވަހާ ދިމާކޮށް، ދިވެހި ސިފައިން އިންތިޒާމް ކޮށްގެން ދެ ދުވަހުގެ ހަވީރެއް މިއަދު ފަށައިފި އެވެ. "ކުޑަކުދިންގެ ސިފަހަވީރު" ގެ ނަމުގައި ބާއްވާ އެ ހަވީރު މިއަދު ހުޅުއްވައި ދެއްވީ ޖުމްހޫރީ މައިދާނުގައި ބޭއްވި ރަސްމިއްޔާތެއްގައި ފަސްޓް ލޭޑީ މެޑަމް ފާތިމަތު އިބްރާހިމް އެވެ.
މި އާއިލީ ހަވީރުގައި ސިފައިން ބޭނުންކުރާ ބައެއް ވެހިކަލްތަކާއި، ރެޕަލް ކުރުމާއި، ކޯސްޓްގާޑް އުޅަނދުތައް ބަލާލުމާއި ސިފައިންގެ ޔުނިފޯމްގައި ފޮޓޯ ނެގުން ފަދަ ހަރަކާތްތަކުގެ އިތުރުން ބަޑި ޖެހުމުގެ ހަރަކާތްތައް ކުޑަކުދިންނަށް އަމާޒުކޮށްގެން ކުރިއަށް ގެންދާނެ އެވެ. 
އެ ހަފްލާގައި ޑިފެންސް މިނިސްޓަރު، އާދަމް ޝަރީފް ވިދާޅުވީ، އެ ހަވީރުގެ މަގުސަދަކީ ކުޑަކުދިންގެ ހިތްތަކުގައި ގައުމިއްޔަތާއި، ގައުމީ ލޯބި ދިރުވައި އާލާކޮސް އެކުވެރި މާހައުލެއްގައި ވަގުތު ހޭދަކޮށްލުމުގެ ފުރުސަތު ދިނުން ކަމަށެވެ. އެގޮތުން ޢާއިލީ ހަވީރުގައި ކުޑަކުދިންނަށް ޚާއްޞަކޮށްގެން ތަފާތު ގޭމްތަކުގެ އިތުރުން މުނިފޫހިފިލުވުމުގެ ހަރަކާތްތައް ހިމެނޭނެ ކަން މިނިސްޓަރު ފާހަގަ ކުރެއްވި އެވެ.
ހަވީރު ފައްޓަވައި ދެއްވުމަށް ފަހު މެޑަމް ފާތުން ވަނީ އެކި ސްޓޯލްތަކަށް ޒިޔާރަތް ކުރައްވައި ބައްލަވާލައްވައިފަ އެވެ. 
"ކުޑަކުދިންގެ ސިފަހަވީރު" މިއަދު ބާއްވާފައިވަނީ ހަވީރު 4:30 އިން އިރުއޮއްސި 6:00 އަށެވެ. އަދި މާދަމާ ހަވީރު 4:00 އިން ފެށިގެން އިރުއޮއްސި 6:00 އަށް އެ ހަވީރު ބޭއްވުމަށް ވަނީ ހަމަޖެހިފަ އެވެ.
މި އާއިލީ ހަވީރަށް އާންމުގެ ތެރެއިން ގިނަ އަދަދެއްގެ ރައްޔިތުންނާއި ކުޑަކުދިންވަނީ ޖުމްހޫރީ މައިދާނަށް ޖަމާވެ، އުފާވެރި ވަގުތުކޮޅެއް ސިފައިންނާ އެކު ހޭދަކުރި އެވެ. އަދި މި ހަވީރުގެ ހަރަކާތްތަކަށް ކުޑަކުދިންގެ ފަރާތުން ރަނގަޅު ތަރުހީބެއް ލިބުނެވެ. "ކުޑަކުދިންގެ ސިފަހަވީރު" ހުޅުވުމުގެ ރަސްމިއްޔާތުގައި ވަޒީރުންނާއި ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއަރ ޖެނެރަލް އަހުމަދު ޝާހިދާއި ޖެނެރަލް އޮފިސަރުންނާއި އެހެނިހެން ރޭންކުތަކުގެ ސިފައިން ބައިވެރިވެލެއްވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ