ރުހުން ނުދިން ވަޒީރުން މަގާމުތަކަށް އައްޔަން ކުރެއްވުމަކީ ގާނޫނީ ހުކޫމަތު ދެމެހެއްޓެވުން: ގާސިމް

ރައްޔިތުންގެ މަޖިލީހުން ރުހުން ނުދިން ވަޒީރުން އަލުން އެ މަގާމު ތަކަށް އައްޔަން ކުރައްވަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ނިންމެވި ވަޒީރުން ހުވައިކުރެއްވުން ސްޕްރީމް ކޯޓުން ކުރިއަށް ގެންދެވުމަކީ، ގާނޫނީ ހުކޫމަތު ދަމަހައްޓަވައި ދުސްތޫރީ ހަމަތައް ހިފަހައްޓަވައިދެއްވުމަށް ކުރެއްވި، ވަރަށް އަގުހުރި މަސައްކަތްޕުޅެއް ކަމަށް ޖުމްހޫރީ ޕާޓީ (ޖޭޕީ) ގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ މާމިނގިލީ ދާއިރާގެ މެންބަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.
މަޖިލީހުން ރުހުން ނުދެއްވި އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު، އެޓާނީ ޖެނެރަލް އަހުމަދު އުޝާމް އަދި ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރު، އެ ބޭފުޅުން ކުރިން ތިއްބެވި މަގާމުތަކަށް ރައީސުލްޖުމްހޫރިއްޔާ ވަނި އަައްޔަން ކުރައްވައިފައެވެ. އަދި ސުޕްރީމް ކޯޓުން ވަނީ އެ ބޭފުޅުންނަށް މަގާމުގެ ހުވައި ލައިދެއްވައިފައެވެ.
އެކަމާ ގުޅިގެން ގާސިމް މިއަދު ވިދާޅުވީ، އެއްވެސް ވަޒީރެއްގެ ޝަރުތެއް އުނިވެފައި ނުވާކަމަށާއި ހުރިހާ ވަޒީރުންނަށް ރުހުން ދޭން ޖެހޭކަމަށް އެ މައްސަލަ ދިރާސާކުރި ކޮމެޓީން ނިންމައި މަޖިލިސް ތަޅުމަށް ފޮނުވުމުން ބައެއް ވަޒީރުންނަށް އެމްޑީޕީން ތްރީލައިން ވިޕެއް ނެރެ ދެ ވަޒީރާއި ބަންޑާރަ ނައިބަށް ރުހުން ނުދޭން ނިންމުމަކީ ގާނޫނުއަސާސީއާ ހިލާފަށް ކުރި ކަމެއް ކަމަށެވެ.
ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީގެ ބޭނުން ނަހަމަ ގޮތުގައި ހިފައި، ގާނޫނު އަސާސީގެ ރޫހާއި، މަޖިލީހުގެ ގަވާއިދުގެ އިމުން ބޭރުން، އަމިއްލަ އެދުން އިސްކޮށް، ސިޔާސީ ޖަޒުބާތުގައި ކުރާ މިބާވަތުގެ ކަންކަމުގެ ނަތީއްޖާއަކީ ރައްޔިތުންނަށް ދެރަ ލިބިގެން ދިއުން ކަމަށްވެސް ވިދާޅވިއެވެ. އަދި އެއީ މުޅި ގައުމަށާއި ރައްޔިތުންނަށް ލިބޭ ބޮޑު ހިތާމައަކާއި، ނިކަމެތި ކަމެއްކަމެއްކަމަށްވެސް ވިދާޅުވެފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ