ހަ ރަށެއްގެ ކަރަންޓު މައްސަލަ ފަސް ދުވަސްތެރޭ ޙައްލުކުރެވިގެންދާނެ: މުއާޒް

ހަ ރަށެއްގެ ކަރަންޓު މައްސަލަ ފަސް ދުވަސްތެރޭ ޙައްލުކުރެވިގެންދާނެކަމަށް ފެނަކަ ކޯޕަރޭޝަންގެ މެނޭޖިންގް ޑިރެކްޓަރ މުއާޒް މުހައްމަދު ރަޝީދު ވިދާޅުވެއްްޖެއެވެ.
މުއާޒް މިހެން ވިދާޅުވެފައިވަނީ އަތޮޅުތެރޭގެ ބައެއް ރަށްރަށުގައި ކަރަންޓުގެ މައްސަލަ ވަރަށް ބޮޑުވެފައި އޮތް ދަނޑިވަޅެއްގައެވެ. އެގޮތުން ހދ. ވައިކަރަދޫން ކަރަންޓު ކެނޑެމުންދާތާ މިހާރު ފަސް ދުވަސް ވެފައިވާއިރު، ކަރަންޓު ލިބޭނެ ދުވަހެއް ނޭންގޭތީ އެކަމުގެ ކަންބޮޑުވުން އެރަށު ރައްޔިތުން އަންނަނީ ފާޅުކުރަމުންނެވެ.
މިކަންކަމާ ގުޅޭގޮތުން އިއްޔެ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި މުއާޒް ވިދާޅުވެފައި ވަނީ، ކަރަންޓުގެ ހާލަތު މިވަގުތު އެންމެ ދަށް ހަ ރަށެއް ފާހަގަކުރެވިފައިވާ ކަމަށެވެ. އެހެނެކަމުން، މި މައްސަލަ ހައްލުކުރުމަށްޓަކައި އެ ރައްތަކަށް ބޭނުންވާ ޖަނަރޭޓަރުތައް ހޯދުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުންކަމަށެވެ. އަދި މިކަމަށް ފަސް ދުވަހުގެ ތެރޭގައި ޖަނަރޭޓަރުތައް އެރަށްތަކަށް ހޯދައި، އިންސްޓޯލުކޮށް އެކަށީގެންވާ ހައްލެއް ހޯދައިދޭނެކަމަށް ވެސް ވަނީ ބުނެފައެވެ.
ކަރަންޓުގެ މައްސަލައަށް ހައްލު ބޭނުންވާ ރަށްތައް:
- ހދ. ވައިކަރަދޫ: 250 ކިލޯ ވޯޓުގެ ޖެނެރޭޓަރެއް މިހާރު ވަނީ ފޮނުވާފައި
- ގދ. ހޯޑެއްދޫ: 400 ކިލޯ ވޯޓުގެ ޖެނެރޭޓަރު މިހާރު ހޯދާ އިންސްޓޯލް ކުރުމުގެ މަސައްކަތް ކުރަމުން އެބަދޭ
އަދި މީގެ އިތުރުން، ހަތަރު ރަށަކަށް ބޭނުންވާ ޖަނަރޭޓަރު ވެސް މިހާރު ވަނީ ހޯދާފައިކަމަށާއި އެ ޖަނަރޭޓަރުތައް ވީ ކަސްޓަމުސް އިން ކްލިއަރ ކުރުމުގެ މަރުހަލާގައި ކަމަށްވެސް މުއާޒު ވިދާޅުވިއެވެ.
އެ ހަތަރު ރަށަކީ:
- ހއ. ދިއްދޫ: 1000 ކިލޯ ވޯޓުގެ ޖަނަރޭޓަރު
- އައްޑޫ ސިޓީ: 1000 ކިލޯ ވޯޓުގެ ޖަނަރޭޓަރު
- ކުޅުދުއްފުށި ސިޓީ: 800 ކިލޯ ވޯޓުގެ ޖަނެރޭޓަރު
- ރ. މީދޫ: 800 ކިލޯވޯޓުގެ
މި ޖަނެރޭޓަރުތައް ކަސްޓަމްސް ކްލިއަރެންސް ނިމުނުހާ އަވަހަކަށް އެ ރަށްރަށަށް ފޮނުވޭނެ ކަމަށް ވަނީ ބުނެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ