ކަމްބަބެޗްގެ ގެއަށް ހަމަލާ ދީ ކުރީގެ ޝެފް ބިރު ދައްކައިފި

އިނގިރޭސިވިލާތުގެ މަޝްހޫރު އެކްޓަރު ބެނެޑިކްޓް ކަމްބަބެޗްގެ ގޯތި ތެރެއަށް އޭނާގެ ކުރީގެ ޝެފް ވަދެ ތަކެއްޗަށް ގެއްލުން ދީ ބިރު ދައްކައިފިއެވެ. އެމްސީޔޫގެ ޑޮކްޓާ ސްޓްރޭންޖްގެ ރޯލުން ގިނަ ބައެއްގެ މެދުގައި ބޮޑު މަގުބޫލުކަމެއް ހޯދާފައިވާ ބެނެޑިކްޓްގެ ގޯތި ތެރެއަށް ވަދެފައިވަނީ އޭނާގެ ކުރީގެ ޝެފް ޖޭކް ބިޒެލްއެވެ. ބީބީސިން ބުނާގޮތުގައި 35 އަހަރުގެ ޖޭކް ވަނީ ކަމްބަބެޗްގެ ގޯތިތެރެއިން ވަދެ ގޭތެރެއަށް ވަންނަން އުޅެފައެވެ. ގޭގެ ދޮރު ކުރިމަތީ ހުރެ އެތައް ފަހަރަކު ދޮރުގައި ފައިން ތަޅައި އެ ސަރަހައްދުގައި ހުރި ގަސްތައް އުފުރައި ވަޅިއަކުން ގޭގެ ޓެލެފޯން ލައިންތަކާއި ސިސްޓަމްތަކުގެ ވާގަނޑުތައް ވެސް ކަނޑާލާފައިވާ ކަމަށް ބީބީސީއިން ވަނީ ބުނެފައެވެ. އެތަނުގައި ހުރެ މާ ގިނަ އިރުތަކެއް ނުވެ ބިޒެލް ފިލާފައިވި ނަމަވެސް އޭނާގެ ޑީއެންއޭ އެތަނުގައި ހުރި ކަމަށް ބީބީސީއިން މައުލޫމާތު ދެއެވެ. މިކަމާ ގުޅިގެން އޭނާ ވަނީ ހައްޔަރު ކޮށްފައެވެ. މި ހާދިސާ ހިނގައި ދިޔަ އިރު ކަމްބަބެޗް އާއެކު އޭނާގެ އަންހެނުންނާއި ތިން ދަރިން ގޭގައި ދިރިއުޅެމުން ދިޔައެވެ. މި މައްސަލަ އާ ގުޅިގެން އޭނާ ކޯޓަށް ހާޒިރުކޮށްފައިވާއިރު ބިޒެލް ވަނީ ކުށަށް އިއުތިރާފުވެފައެވެ. އޭނާ ކުށަށް އިއުތިރާފު ވުމާ ގުޅިގެން ވަނީ 250 ޕައުންޑުން ޖޫރިމަނާކޮށްފައެވެ. އަދި އޭނާ އާ ދެކޮޅަށް ކޯޓުން ވަނީ ރިސްޓްރެއިނިން އޯޑަރެއް ވެސް އިއުލާނުކޮށްފައެވެ. އެއީ ކަމްބަބެޗް އާއި އޭނާގެ އާއިލާ އާ ގާތް ނުވުމަށް އަންގައި ނެރުނު އަމުރެކެވެ. މި އަމުރު ނެރެފައިވަނީ އަހަރެއްގެ މުއްދަތަށެވެ. ކަމްބަބެޗްގެ ގެއަށް ގޮސް އޭނާއަށް ބިރު ދައްކައި ހަމަލާ ދޭން އުޅުނު އިރު އެކަމުގެ ފަހަތުގައިވާ ސަބަބެއް އަދި ނޭނގެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ