ހޭއަރުވާލާނެ ކަމަށް ބުނެ އަޅުގަނޑާއި ނާޒިމަށް އަދީބު އިންޒާރު ދެއްވި: އުމަރު
ޓޫރިޒަމް މިނިސްޓަރަށް ހުންނެވި ދުވަސްވަރު ކުރީގެ ޑިފެންސް މިނިސްޓަރު ކާނަލް ރިޓަޔާޑު މުހައްމަދު ނާޒިމާއި ހޯމް މިނިސްޓަރު އުމަރު ނަސީރަށް އަހުމަދު އަދީބު އަބްދުލް ޣަފޫރު އިންޒާރުދެއްވި ކަމަށް އުމަރު ވިދާޅުވެއްޖެ އެވެ. އުމަރު މިރޭ ސަން އަށް ވިދާޅުވީ ކޮންފަރެންސް ކޯލެއްގައި ނާޒިމާއި އޭނާ އަށް އަދީބު އިންޒާރުދެއްވީ "ހޭއަރުވާލާނެ" ކަމަށް ވިދާޅުވެ ކަމަށެވެ. އަދި އެގޮތަށް އިންޒާރު ދިނުމުން އެއްކަމެއްވެސް ނުކުރެވޭނެ ކަމަށް އަދީބަށް ދެންނެވި ކަމަށް ހޯމް މިނިސްޓަރު ވިދާޅުވި އެވެ. "އަދީބު ބުނި ހަމަ ސީދާ އަޅުގަނޑާއި ނާޒިމާ ދިމާލަށް ހޭއަރުވާލާނެމޭ. އަޅުގަނޑު ދެންނެވިން އެއްކަމެއް ވެސް ނުކުރެވޭނެއޭ. ތި ހަމަ ހީވާ އެއްޗެކޭ،" އުމަރު ވިދާޅުވި އެވެ. އޭނާ ވިދާޅުވީ ކާނަލް ނާޒިމް ފްރޭމުކުރި ކަމަށް ތުހުމަތު ކުރަނީ އެ ސަބަބާ ހެދި ކަމަށާއި އަދީބުގެ ބޮލުގައި އެ އިލްޒާމު އެޅޭ ކަމަށެވެ. "ކަން މިހެން ހުރުމުން ނާޒިމް ފްރޭމު ކުރި ކަމަށް ބުނެ އުޅެނީ. އެ އިލްޒާމް އެޅުވެނީ އަދީބުގެ ބޮލުގައި. އެކަން އެގޮތަށް ހިނގި ކަމުގައިވިޔަސް ސަރުކާރުގެ އަތެއް އެކަމުގައި ނޯންނާނެ،" އުމަރު ވިދާޅުވި އެވެ. ހޯމް މިނިސްޓަރު ވިދާޅުވީ ނާޒިމް ފްރޭމް ކުރިކަމަށް އޭނާ އަށް ދެންނެވެން ނެތް ކަމަށާއި އެކަމުގައި ބަލާނީ ކޯޓުން ނިންމާ ނިންމުމަށް ކަމަށެވެ. ނާޒިމް ފްރޭމް ކުރުމަކީ ހަގީގަތެއް ކަމުގައިވާނަމަ އެކަމުގައި މި ސަރުކާރުގެ އެއްވެސް އަތެއް ނޯންނާނެ ކަމަށާއި އެކަން ސާބިތުކޮށްދޭން ބޭނުންވާ ކަމަށް ވެސް އުމަރު ވިދާޅުވި އެވެ. "އަޅުގަނޑު ސީދާ ނުދަންނަވާނަން ނާޒިމް ފްރޭމް ކުރިއޭ ނުވަތަ ނުކުރެއޭ ވެސް. އެއީ އޭރު ތަހުގީގުގައި އުޅުމުގެ ފުރުސަތެއް އަޅުގަނޑަކަށް ނުލިބޭ،" އުމަރު ވިދާޅުވި އެވެ. ސުޕްރީމް ކޯޓުގައި މިއަދު ބޭއްވި ނާޒިމްގެ އިސްތިއުނާފުގެ ފަހުމަރުހަލާގެ އެންމެ ފުރަތަމަ އަޑުއެހުމުގައި ނާޒިމްގެ ގާނޫނީ ވަކީލު ހުސްނުއްސުއޫދު ވިދާޅުވީ "ހޭއަރުވާލާނެ" ކަމަށް ހޯމް މިނިސްޓަރު އުމަރާއި ނާޒިމާ އެކު ކުރި ކޮންފަރެންސް ކޯލެއްގައި އަދީބު ވިދާޅުވި ކަމަށެވެ. އެކަން ސާބިތުކޮށްދިނުމަށް އުމަރު ސުޕްރީމް ކޯޓަށް ހާޒިރުކޮށް ހެކިބަސް ނެގުމަށް ވެސް ސުއޫދު މިއަދު ވަނީ އެދިވަޑައިގެންފަ އެވެ. ސުއޫދު މިއަދު ވިދާޅުވީ ނާޒިމް ދިރިއުޅުއްވާ އެޕާޓްމަންޓުގެ ކަބަޑަށް ފިސްތޯލަ ލާފައި ވަނީ "އާސިފް" ނަމަކަށް ކިޔާ ފުލުހެއް ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ