ޤައުމު ތަރައްޤީ ވާނީ ރައްޔިތުން ތަރައްޤީވެގެން ކަމަށާއި، ރަށްރަށުގައި އާއިލާތަކަށް ދިރިއުޅެވޭނެ ގޮތްތައް ހަމަޖެހިގެން ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު ވިދާޅުވެއްޖެއެވެ.
ރައީސް މިހެން ވިދާޅުވީ ކޮޅުމަޑުލު ހިރިލަންދޫގައި ފެނަކަ ކޯޕަރޭޝަނުން ޢިމާރާތްކޮށްފައިވާ ހިރިލަންދޫ ފެނަކަ އޮފީސް އިމާރާތް ރަސްމީގޮތުން ހުޅުވައިދެއްވުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސުލްޖުމްހޫރިއްޔާ މިހާރު ހިރިލަންދުއަށް ކުރައްވަމުންގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން ހިރިލަންދޫ ފެނަކަ އޮފީސް ހުޅުވުމުގެ ރަސްމިއްޔާތު އޮތީ މިއަދު ހެނދުނު ހިރިލަންދޫ ފެނަކަ އިންޖީނުގެ ސަރަހައްދުގައެވެ.
ރާއްޖޭގެ ކަރަންޓްގެ ހާލަތުގެ މައްޗަށް ބައްލަވާލައްވައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، މިގެ ކުރިން ރާއްޖޭގެ ރަށްރަށުގެ ކަރަންޓްގެ ޙާލަތު އޮތީ އެންމެ އެކަށީގެންވާ ގޮތެއްގައި ނޫންކަމަށެވެ. އެހެން ނަމަވެސް މިސަރުކާރުން ރާއްޖޭގެ ރަށްރަށުގެ ކަރަންޓްގެ ޙާލަތު ރަނގަޅު ކުރުމަށް ގިނަ މަސައްކަތްތަކެއް ކޮށް، ހިރިލަންދޫގެ ކަރަންޓްގެ ޙާލަތުވެސް ރަނގަޅު ކުރެވިފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ އަލަށް މިހުޅުވުނު އިންޖީނުގޭގެ އޮފީސް ޢިމާރާތާއި އެކު މުވައްޒަފުންނަށް ފަސޭހަތަކާއި، ޚިދުމަތްތައް ފުރިހަމަ ވެގެންދާނެ ކަމަށެވެ. މީގެ އިތުރުން އަލަށް މިހުޅުވުނު އޮފީސް އިމާރާތުގެ ހުރިހާ މަސައްކަތެއްވެސް ކޮށްފައި ވަނީ ހިރިލަންދޫގެ ރައްޔިތުންކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ.
ރާއްޖެ ތަރައްޤީކުރެވެމުން އައި ގޮތުގެ މައްޗަށް އަލިއަޅުއްވާލައްވައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ރާއްޖެއަށް ލިބެމުން އައި އާމްދަނީއާ އަޅާބަލާއިރު މީގެކުރިން ރާއްޖެ އޮތީ ތަރައްޤީވާންވީ މިންވަރަށް ތަރައްޤީ ނުވެކަމަށެވެ. މިގޮތުން މިސަރުކާރު އައިއިރު ރާއްޖޭގެ ގިނަ ރަށްރަށުގައި ފެނާ ނަރުދަމާ އާއި ކަރަންޓް ފަދަ އެންމެ އަސާސީކަންކަންވެސް ފުރިހަމަވެފައި ނެތްކަން ފާހަގަކުރެއްވިއެވެ.
ހިރިލަންދޫގައި ފެނަކަ ކޯޕަރޭޝަނުން ޢިމާރާތް ކުރި، އޮފީސް ޢިމާރާތް ހުޅުއްވައި ދެއްވުމަށް ފަހުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ އެއިމާރާތް ބައްލަވާ ލައްވާފައެވެ. މިޢިމާރާތަކީ، 30 މުވައްޒަފުންނަށް މަސައްކަތްކުރެވޭނެ ޖާގައިގެ ގޮތުން ތަނަވަސް އޮފީސް އިމާރާތެކެވެ. މިއީ ތ. އަތޮޅުގައި އިމާރާތް ކުރަމުންދާ 10 އޮފީސް އިމާރާތުގެ ތެރެއިން މަސައްކަތް ނިންމައި ރަސްމީކޮށް ހުޅުވުނު ފުރަތަމަ އޮފީސް އިމާރާތެވެ.
ކޮޅުމަޑުލު ހިރިލަންދޫއަށް ކުރައްވާ ރަސްމީ ދަތުރުފުޅެއްގައި، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް އެރަށަށް ވަޑައިގެންނެވީ މިއަދު ހެނދުނުއެވެ. ހިރިލަންދޫ ބަނދަރު ސަރަހައްދުން އެރަށުގެ ރައްޔިތުން ވަނީ ރައީސުލްޖުމްހޫރިއްޔާއަށް ހޫނު މަރުޙަބާއެއް ދަންނަވާފައެވެ
ޤައުމު ތަރައްޤީ ވާނީ ރައްޔިތުން ތަރައްޤީވެ ރަށްރަށުގައި އާއިލާތަކަށް ދިރިއުޅެވޭނެ ގޮތްތައް ހަމަޖެހިގެން: ރައީސް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ