ޢަރަބިއްޔާ ސުކޫލުގެ މޫނުބުރުގާ އަޅާ ދަރިވަރުންގެ ހައްގުތައް ނިގުޅައިގަންނަ މައްސަލަ ކޯޓަށް

މޫނު ބުރުގާ އަޅައިގެން ޢަރަބިއްޔާގައި ކިޔަވަމުން އަންނަ ދަރިވަރުން އުނގެނުމުގެ ހައްގުން މަހުރޫމުކުރާ މައްސަލަ ސިވިލް ކޯޓަށް ހުށަހަޅައިފިއެވެ.
އެ ދަރިވަރުންގެ ފަރާތުން ކޯޓުގައި ވަކާލާތުކޮށް އެ ކުދިން ތަމްސީލުކުރާ ރެހެންދި ޗެމްބާސްއިން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މި މައްސަލަ ކޯޓަށް ހުށަހަޅާފައިވާ ޤާނޫނު އަސާސީއާއި ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގެ ޤާނޫނާއި ރާއްޖެއިން ބައިވެރިވެ އަމަލުކުރަމުންދާ ބައިނަލްއަޤުވާމީ މުއާހަދާތަކުގެ ދަށުން ކަމަށެވެ.
ގެޒެޓުނުކޮށް އެޑިއުކޭޝަން މިނިސްޓްރީން އާންމުކޮށްފައިވާ ސުކޫލު ދަރިވަރުންގެ ޤަވާއިދާއި ސުކޫލު ޔުނިފޯމު ކޯޑުގެ ތެރެއިން، ޢަރަބިއްޔާގައި ކިޔަވަމުން އަންނަ މޫނުބުރުގާ އަޅާ ކުދިންނަށް ތައުލީމު ހާސިލުކުރުމަށް ހުރަސްއަޅަމުންދާކަމަށް އެ ސުކޫލުގެ ބެލެނިވެރިން އަންނަނީ ބުނަމުންނެވެ.
މި މައްސަލާގައި ރެހެންދި ޗެމްބާސްއިން ފާހަގަކުރި ގޮތުގައި ތަފާތުކުރުމެއް ނެތި ތައުލީމު ލިބިގަތުމުގެ ހައްގަކީ ރާއްޖޭގެ ކޮންމެ ކުއްޖަކަށް ލިބިފައިވާ އަސާސީ އިންސާނީ އަދި ދުސްތޫރީ ޙައްޤެކެވެ.
އަދި ކުޑަކުދިންގެ ޙައްޤުތަކުގެ ޤާނާއި ތަޢުލީމުގެ ޤާނޫނުގައި ހުރިހާ ކުދިންނަށް ފަށާ ތައުލީމާއި މެދު މަދުރަސީ ތައުލީމު ފޯރުކޮށްދިނުމަކީ މައިންބަފައިންނާއި ދައުލަތަށް ލާޒިމު ކަމެއްކަމުގައި ބަޔާންކޮށްފައިވާ ކަމަށާއި، އެއްވެސް ފަރާތަކުން އެއްވެސް ކުޑަކުއްޖެއް އުނގެނުމުގެ ޙައްޤުން މަހުރޫމުކޮށްގެން ނުވާނެ ކަމަށް ބުނެފައިވާ ކަމަށްވެސް އެ މައްސަލާގައި ފާހަގަކުރިއެވެ.
ހުރިހާ ކުދިން ޝާމިލުވާނެ ގޮތެއްގެ މަތިން، ޕްރީ ސުކޫލު ތައުލީމާއި ފަށާ ތައުލީމާއި ޘާނަވީ ތައުލީމު އަދި މަތީ ޘާނަވީ ތައުލީމު ފޯރުކޮށްދިނުމަށް އެކަށީގެންވާ ވަސީލަތްތަކާއި ފުރުސަތުތައް ފަހިކޮށްދޭންޖެހޭނެކަމަށް އެ ޤާނޫނުތަކުގައި ބަޔާންކުރާކަންވެސް އެ ލޯފާމުން ފާހަގަކުރިއެވެ.
އަދި ހުރިހާ ކުދިންވެސް އުމުރުން 18 އަހަރުވަންދެން ތައުލީމު އުނގެނުމުގެ ނުވަތަ ހުނަރު ދަސްކުރުމުގެ ޕްރޮގުރާމެއްގައި ބައިވެރިވާކަން ކަށަވަރުކުރަންޖެހޭނެކަމަށާއި، ޤަވާއިދުން ސުކޫލަށް ހާޒިރުވުމަށް ބާރުއަޅައި، ސުކޫލަށް ކުދިން ގެންދާނެ ނިޒާމެއް އެކުލަވައިލުމަކީ މި ޤާނޫނުތަކުން ސަރުކާރަށް މަތިކޮށްފައިވާ ޒިންމާއެއްކަމަށް އެ މައްސަލާގައި ބަޔާންކޮށްފައިވެއެވެ.
ހަމައެހެންމެ އެއްވެސް ކުއްޖަކު ތައުލީމުން މަރޫނުކުރެވޭނެ ގޮތަށް ކަންކަން ބައްޓަންކުރުމަކީ ރާއްޖެއިން ބައިވެރިވެފައިވާ ބައިނަލްއަޤުވާމީ މުއާހަދާތަކުން ދިވެހި ދައުލަތަށް ލާޒިމުކުރާކަމެއްކަމަށްވާއިރު، އެއްވެސް ކުއްޖަކަށް މަދުރަސާއަށް ނުދެވޭ ގޮތަށް ތައުލީމުން މަހުރޫމުވެދާނެ ގޮތަކަށް ދައުލަތުގެ ސިޔާސަތު ބައްޓަންނުކުރެވޭނެކަމަށްވެސް އެ މައްސަލާގައި ފާހަގަކުރެއެވެ.
އަދި މޫނުބުރުގާ އެޅުމަކީ މިހާރު ރާއްޖޭގެ މުޖުތަމައުން ޤަބޫލުކޮށްފައިވާ އަދި ޤާނޫނީ ގޮތުން ހުއްދަ ހެދުން އެޅުމުގެ އާދައެއްކަމަށާއި، އެހެންކަމުން ނިޤާބު އަޅާ ކުދިންނަށްވެސް އެހެން ކުދިންނެކޭ އެއްގޮތަށް ސުކޫލަށް ހާޒިރުވެ ކިޔެވުމުގެ ފުރުސަތާއި ހައްގު އޮންނާނެ ކަމަށްވެސް ބުނެފައިވެއެވެ.
މިހާރު ޢަރަބިއްޔާ މެނޭޖުމެންޓުން ސުކޫލު ޔުނިފޯމު ކޯޑު މާނަކުރާ ހަރުކަށި ގޮތުގެ ސަބަބުން މޫނު ކަޝްފުކޮށްގެން މުޖުތަމައަށް ނިކުންނަން ބޭނުންނުވެ މޫނުބުރުގާ އަޅައިގެން ތިބި ކުދިންނަށް ތައުލީމު އުނގެނުމުގެ ހައްގު އެކީ ގެއްލިގެން ދިއުމުގެ ފުރުސަތު އޮތުމާއެކު، އެކުދިންގެ ތައުލީމާއި ނަފުސާނީ ދުޅަހެޔޮކަމާއި މުސްތަޤުބަލަށް ބޮޑެތި ގެއްލުންވާނެކަމަށްވެސް ފާހަގަކުރިއެވެ.
ސަރުކާރަށް ޤަވާއިދު ހަދައި ސިޔާސަތު އެކުލަވައިލުމުގެ ބާރު ލިބިފައި އޮންނަ ނަމަވެސް އެއްވެސް ކުއްޖަކު ތައުލީމުން މަހުރޫމުވާނެ ގޮތަކަށް ޤަވާއިދެއް ނުވަތަ ސިޔާސަތެއް ސަރުކާރަށް ނުހެދޭނެކަމަށާއި، ތައުލީމުގެ ހައްގަކީ އެއްވެސް ގޮތަކުން ނިގުޅައިނުގަނެވޭނެ ހައްގެއްކަމަށް އެ ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.
ހަމައެހެންމެ މިހާރު ޢަރަބިއްޔާގައި މޫނު ބުރުގާ އަޅާ ދަރިވަރުންނާމެދު ތަފާތުކުރުމުގެ ސަބަބުން އެކުދިންގެ ކިޔެވުމަށް ބުރޫއަރައި ނަފުސާނީ ދުޅަހެޔޮކަމަށް ނޭދެވޭ އަސަރުތައްކުރާކަން ފާހަގަކޮށް، އެކަމަށް ހައްލެއް ހޯދުމަށް ކޯޓުގައި އެދިފައިވާނެކަަމަށް ލޯޔަރުން ބުނެފައިވެއެވެ.
އަދި އެ މައްސަލާގައި ކޯޓުން ގޮތެއް ނިންމަންދެން އެ ކުދިން ސުކޫލަށް ހާޒިރުވެ ކިޔެވުމަށް ހުރަސްއެޅޭނެ އެއްވެސް ކަމެއް ނުކުރުމަށް ޢަރަބިއްޔާ ސުކޫލުގެ މެނޭޖުމެންޓާއި އެޑިއުކޭޝަން މިނިސްޓްރީގެ މައްޗަށް އަމުރުކޮށްދިނުމަށް އެދިފައިވާކަމަށްވެސް އެ ބަޔާނުގައި ބުނެފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ