ރިޔާސީ އިންތިހާބާ ގުޅޭ ގޮތުން ގާސިމް މިމަހު ގޮތެއް ނިންމަވަނީ

މިއަހަރު ބާއްވާ ރިޔާސީ އިންތިހާބުގައި ޖުމްހޫރީ ޕާޓީން ވާދަކުރުމާމެދު އެ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް މިމަހު ގޮތެއް ނިންމަވާނެ އެވެ.
އަވަސްއަށް އެނގިފައިވާ ގޮތުން ރިޔާސީ އިންތިހާބުގައި ވާދަކުރުމާމެދު ގާސިމް އިބްރާހީމް މިމަހު ގޮތެއް ނިންމަވާނެ އެވެ.
ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި އެ ޕާޓީގެ އަމިއްލަ ކެންޑިޑޭޓެއް ނެރުމަށް ޖޭޕީގެ ކައުންސިލަށް ވަނީ ލަފާދީފަ އެވެ.
ރިޔާސީ އިންތިހާބުގައި ވާދަކުރުމާއި ކޯލިޝަން ހެދުމުގެ ބާރު ޖޭޕީގެ ކައުންސިލުން ދީފައިވަނީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމްއަށެވެ.
ޖޭޕީގެ ކައުންސިލުން މިހެން ނިންމާފައި މިވަނީ މިމަހުގެ ހަވަނަ ދުވަހު ބޭއްވި އެ ޕާޓީގެ ކައުންސިލް ބައްދަލުވުމުގައި ކައުންސިލް މެންބަރު މުހައްމަދު ނާޒިލް ހުށަހެޅި ގަރާރެއް ފާސް ކޮށްގެންނެވެ. މި ގަރާރު ފާސްވެފައިވަނީ ކައުންސިލް ބައްދަލުވުމުގައި ބައިވެރިވި މެންބަރުންގެ އިއްތިފާގުންކަމަށް ޖޭޕީން ބުނެ އެވެ.
ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެކަން މިހާތަނަށް އިއުލާނު ކުރައްވާފައިވަނީ އެމްޑީޕީގެ ފަރާތުން ރައީސް އިބްރާހީމް މުހައްމަދު ސޯލިހް އާއި މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ)ގެ ފަރާތުން އެ ޕާޓީގެ ރައީސް މުހައްމަދު ނާޒިމުގެ އިތުރުން ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު އާއި ކުރީގެ ބަންޑާރަަ ނައިބު ޑރ. މުހައްމަދު މުނައްވަރު އެވެ.
ޕީޕީއެމްގެ ރިޔާސީ ޓިކެޓް ވަނީ ރައީސް އަބްދުﷲ ޔާމީނާ ހަވާލުކޮށްފަ އެވެ. އެކަމަކު އެމަނިކުފާނަށް 11 އަހަރުގެ ހުކުމެއް އިއްވާފައިވާތީ މިވަގުތު އެމަނިކުފާނަށް ވަނީ ރިޔާސީ އިންތިހާބުގައި ވާދަކުުރުމުގެ ދޮރު ބަންދުވެފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ