ރައީސް މުހައްމަދު މުއިއްޒު އާއި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް މިއަދު ބައްދަލުކުރައްވައިފި އެވެ. 
ވީ ކިހިނެއް؟ - ދެ ރައީސުންގެ މި  ބައްދަލުކުރެއްވުން އޮތީ މިއަދު ރައީސް އޮފީހުގަ އެވެ.
ތަފްސީލު - ބައްދަލުވުމަށް ފަހު، ރައީސް އޮފީހުން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ، މި ބައްދަލުކުރެއްވުމުގައި ގައުމުގެ އިޖުތިމާއީ އަދި ސިޔާސީ ކަންކަމާ ގުޅޭގޮތުން ދެ ބޭފުޅުން މަޝްވަރާ ކުރެއްވި ކަމަށެވެ. 
އިތުރު ތަފްސީލެއް ނުދެ އެވެ. 
 ގުޅުންހުރި - ގާނޫނުގައި ބުނާ 3،000 މެންބަރުން ހަމަނުވެގެން އުވާލުމުގެ ބިރު އޮތް އެމްއާރުއެމްގެ ޒައީމްކަން ވެސް ކުރައްވާ މައުމޫން ވަނީ މިފަހުން ސަރުކާރުން މަރުގެ އަދަބު ތަންފީޒު ކުރާނެ ކަމަށް ހާމަ ކުރުމުން އެކަމަށް ފާޑު ވިދާޅުވެ އެކްސްގައި ވާހަކަ ދައްކަވާފަ އެވެ.
 މިސްރުން ދީނީ ތައުލީމް ހާސިލްކުރައްވައިގެން ހުންނެވި މައުމޫން އެކްސްގައި މިދިޔަ ބުދަ ދުވަހު ވިދާޅުވީ، މަރަށް މަރު ހިފުމަކީ، އިސްލާމީ ޝަރީއަތުގައި ވަކި ހަމަތަކަކާ އުސޫލުތަކެއްގެ މަތިން ކުރަން އޮންނަ ކަމެއް ކަމަށެވެ. އެކަމާ ބެހޭ ލިޔުމެއް ހުކުރު ދުވަހު އާންމު ކުރައްވާނެ ކަމަށް އެ ޕޯސްޓުގައި މައުމޫން ވިދާޅުވި ނަމަވެސް އެ ލިޔުން އަދި ހާމައެއް ނުކުރައްވަ އެވެ. 
ފާހަގަކޮށްލެވޭ ކަމެއް - މިދިޔަ ހަފްތާގައި ރައީސް މުއިއްޒު ވަނީ، ރާއްޖޭގެ އެހެން ސިޔާސީ ބައެއް ލީޑަރުންނާ ވެސް ބައްދަލު ކުރައްއްވައިފަ އެވެ. އެގޮތުން ބައްދަލު ކުރެއްވި ބޭފުޅުންގެ ތެރޭގައި: 
ޖުމްހޫރީ ޕާޓީގެ ލީޑަރު، ގާސިމް އިބްރާހިމް 
އެމްޑީއޭގެ ރައީސް އަހްމަދު ސިޔާމް މުހައްމަދު
އެމްއެންޕީގެ ރައީސް މުހައްމަދު ނާޒިމް
ޑިމޮކްރެޓްސްގެ ރައީސް ހަސަން ލަތީފް
ވަކި ވަކިން ބޭއްވި އެ ބައްދަލުވުންތަކުގައި މައިގަނޑު ގޮތެއްގައި މަޝްވަރާކޮށްފައި ވަނީ ރައީސް އޮފީހުން އޭރު ބުނި ގޮތުގައި ގައުމުގެ ކަންކަން ކުރިޔަށްގެންދިއުމުގައި އެންމެން ގުޅިގެން ރައްޔިތުންގެ ފައިދާ އާއި ލާބައަށް މަސައްކަތްކުރުމާ ގުޅޭ ގޮތުންނެވެ. 
"އެގޮތުން ގައުމުގައި ސުލްހައާއި ހަމަޖެހުން ގާއިމުކުރުމާއި ސަރުކާރުން ކުރިޔަށްގެންދަވާ ތަރައްގީގެ އެކިއެކި މަޝްރޫއޫތަކާއި ދާހީލީ އަދި ހާރިޖީ އެކިއެކި ކަންކަމުގައި ގައުމީ މަސްލަހަތު އިސްކުރައްވައި، ސަރުކާރަށް އެ ބޭފުޅުންގެ ފުރިހަމަ އެއްބާރުލުމާއި ތާއީދު ދެއްވާނެކަމުގައި އެބޭފުޅުން ފާހަގަކުރެއްވި އެވެ،" ރައީސް އޮފީހުގެ ވެބްސައިޓުގައި ބުދަ ދުވަހު ޝާއިއުކުރި ހަބަރުގައިވެ އެވެ. 
ގުޅުން ހުރި ކަމެއް - މި ބައްދަލުވުންތައް ބާއްވާފައި ވަނީ، މަޖިލީހުގައި ސާފު އަގުލަބިއްޔަތެއް އޮތް އިދިކޮޅު މައި ޕާޓީ އެމްޑީޕީގެ ބައެއް މެންބަރުން ރައީސް މުއިއްޒު މަގާމުން ވަކިކުރަން ޖެހޭ ކަމަށް ވިދާޅުވެ އަދި އެކަން ފަސޭހައިން ކުރެވޭނެ ގޮތަށް މަޖިލިސް ގަވައިދަށް ބައެއް އިސްލާހުތަކެއް ގެނެސްފައިވަނިކޮށެވެ.
    
    ރައީސް މުއިއްޒާއި މައުމޫން ބައްދަލުކުރައްވައިފި
                
            އަރުޝީފަށް ނެގީ
            
        
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ
 
                 
             
             
                     
                     
             
             
             
            