މި ފަހަރު އެކަންޏެއް ނޫން، 1968 ގެ ފަހުން ވެރިކަން ބަދަލުވަނީ އަމާންކަމާއެކު: މައުމޫން

1968 ގެ ފަހުން އައި ހުރިހާ ވެރިކަމެއް ބަދަލު ވެފައި ވަނީ އަމާންކަމާއެކު ކަމަށް ރައީސް މައުމޫން އަބްދުލްގައްޔޫމް ވިދާޅުވެއްޖެއެވެ.
މައުމޫން މިފަދައިން ވިދާޅުވީ މިއަދު ފާހަގަ ކުރަމުންދާ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ގައުމާ މުހާތަބުކުރައްވާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ދެއްކެވި ވާހަކަފުޅާ ގުޅިގެންނެވެ.
ރައީސް ސޯލިހު ވިދާޅުވީ ގިނަ ޕާޓީ އެކުލެވޭ ސިޔާސީ ނިޒާމަށް ރާއްޖެ ބަދަލުވި ފަހުން އޮމާންކަމާއެކު ވެރިކަން ބަދަލުވުމުގެ މަރުހަލާ ހިނގަމުން މިދަނީ ހަމައެކަނި މި ފަހަރު ކަމަށެވެ. އަދި މީގެ ކުރިން ވެރިކަން ބަދަލުވުމުގެ މަރުހަލާ ކުރިއަށްގޮސްފައި ވަނީ ވޯޓުން ނުވެއްޖެނަމަ ކޯޓުން ނުވަތަ މަގުމަތިން ކަމަށް ރައީސް ވިދާޅުވިއެވެ.
ކުރިއަށް އޮތްތަނުގައިވެސް ރާއްޖޭގައި އޮންނަ ރިޔާސީ އިންތިހާބުތަކާއި ވެރިކަން ބަދަލުވެގެން ދިއުން އަމާންކަމާއެކު ހިނގަމުންދާތަން ދިވެހި ރައްޔިތުން ދެކޭ ހިތްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
އެކަމާ ގުޅިގެން މައުމޫން ވިދާޅުވީ 1968 ގެ ފަހުން ރާއްޖޭގެ ވެރިކަން ހުރިހާ ފަހަރަކުވެސް ބަދަލުވަމުން އައިސްފައިވަނީ ގާނޫނީ ހަމަތަކުގެ މަތިން އަމާންކަމާއި އޮމާންކަމާއެކު ކަމަށް ނުހަނު އިހްތިރާމާއެކު ދަންނަވާ ކަމަށެވެ.
މައުމޫން އެ އިޝާރާތް ކުރައްވަނީ ރާއްޖޭގެ ދެވަނަ ރައީސް އިބްރާހިމް ނާސިރުގެ ވެރިކަން ނިމުމު އަހަރަށެވެ. ރައީސް ނާސިރުގެ ވެރިކަން ނިމި، ރައީސް މައުމޫންގެ ވެރިކަން ފެށުނީ އެ އަހަރެވެ.
ރައީސް ސޯލިހު ވިދާޅުވީ ހޯދުނު ކާމިޔާބީތައް ހިފަހައްޓައި، ދަމަހައްޓައި، ގައުމުގައި އެކަން އަށަގެންނެވުމަކީ ދެން އަންނަ ހުރިހާ ސަރުކާރުތަކާއި ވެރިންގެ މަސްއޫލިއްޔަތެއް ކަމަށެވެ. އަދި ސަރުކާރުތައް ބަދަލުވެ، ވެރިން އައިސް ގޮސްވާނެ ކަން ފާހަގަކުރައްވާ ރައީސް ސޯލިހު ވިދާޅުވީ ގާއިމްވެ، ދާއިމްވެ، ދެމިއޮންނާނީ ގައުމާއި ރައްޔިތުން ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ