ޓިކްޓޮކުން ބުނަނީ އަރަބި ސެންޓު ވަރެއް ނެތޭ!

ޓިކްޓޮކްގެ މަގުބޫލު ކަމާއެކު ދުނިޔޭގެ ލައިފްސްޓައިލްގެ ޓްރެންޑުތަކަށް ބޮޑެތި ބަދަލުތަކެއް ވަނީ އައިސްފައެވެ. ބޮޑެތި ބްރޭންޑުތަކުގެ އަޑު ފަނޑު ކޮށްލަނީއެވެ. ސެންޓު، އަތަރު އަދި ބޮޑީ ސްޕްރޭ ތަކަށް ވެސް މިފަހަރު ވެފައި މިއޮތީ އެކަހަލަ ގޮތެކެވެ. ޓިކްޓޮކްގެ މަގުބޫލު ކަމާއެކު އެންމެ ބޮޑު ކުރިއެރުމެއް ލިބެން ފަށާފައިވަނީ ކުދި ވިޔަފާރިތަކާއި ބްރޭންޑުތަކަށެވެ. އާއިލާތަކާއި އަމިއްލަ މީހުން ބުރަ މަސައްކަތާއި ވަގުތު ހޭދަކޮށްގެން ތައްޔާރު ކުރާ އުފެއްދުންތައް މާ ބޮޑަށް ވެސް ވަނީ ކަމުގޮސްފައެވެ. އެތައް އަހަރުތަކެއް ވަންދެއް ބޮޑެތި އަގުތައް ކިޔާފައި އެއްޗެހި ވިއްކި ބްރޭންޑުތަކުގެ މަގުބޫލުކަން ފަނޑު ކޮށްލައިފިއެވެ. އަގުބޮޑެތި ސެންޓު ފުޅިތައް ބޭނުން ކުރުން ހުއްޓާލައި މިފަހަރު ޓިކްޓޮކުން ބުނަނީ ސެންޓުތައް އަރަބި ކޮށްލާށެވެ. މި ޓިކްޓޮކް ޓްރެންޑު އުފެދިފައިވަނީ ވެސް އަރަބި ސެންޓުތަކާއި އަތަރުތަކުގެ އަގުހެޔޮވެ ކޮލިޓީ ރަނގަޅު ވުމާ ގުޅިގެންނެވެ. ސެންޓު ފުޅީގެ ފޮށިގަންޑުން ފެށިގެން ފުޅި ހުންނަ ގޮތާ ހަމަ އަށް ވެސް ގިނަ ބަޔަކު އަންނަނީ ޓިކްޓޮކްގައި އަރަބި ސެންޓު ފުޅި ތަކުގެ ވާހަކަ ދައްކަމުންނެވެ. ބޮޑެތި ބްރޭންޑުތަކުގެ ސެންޓު ފުޅިތަކުން ދުވާ ވަސްތަކާ ގާތް ކުރާ އެތައް ވަހެއް، އަރަބި ސެންޓުތަކުން ލިބެން އެބަހުއްޓެވެ. އެހާ ގިނަ އިރު ވަސް ހުންނަ އިރު އަގުތައް އެހާ ކުޑަ ކަމަށް އެތައް ބަޔަކު ބުނެއެވެ. އެހެންވީމާ އަރަބި ސެންޓުތަކާ އެއްޗެހި ނުގަންނަން ވީ ސަބަބެއް ނެތެވެ. އަރަބީންނަކީ މީރު ވަސް ދުވުމަށް ވަރަށް ބޮޑު އިސްކަން ދޭ ބައެއް ކަން ސޯޝަލް މީޑިއާއިން ފެނެއެވެ. ގައިގައި ޖަހާ ސެންޓުން ފެށިގެން ތެލުގެ އިތުރުން ގައިން މީރުވަސް ދުއްވަން ޖަހާ ތަފާތު ދުންތައް އުފެއްދުމުގައި ވެސް އަރަބީން އުޅެނީ ކުރީގައެވެ. އަރަބި ސެންޓުތަކުގެ ތެރެއަށް ވަންނަން ބޭނުންވާ އެހެން ނަމަވެސް އަދި ނުވަދެވި އުޅޭ މީހުންނަށް މި ދެނީ ކުޑަ އެހީއެކެވެ. އަރަބި ސެންޓުތަކުގެ ތެރެއިން ޓެސްޓު ކޮށްލަން ބޭނުންވާ ސެންޓުތަކުގެ ކުޑަ ލިސްޓެއް ދޭނަމެވެ. މިއީ އަތް ފޯރާ ފަށުގައި އަގުބޮޑު ވަސް ދުވާ އުފެއްދުންތައް ބޭނުންވާ މީހުންނަށް ރަނގަޅު ލިސްޓަކަށް ވާނެއެވެ. ލަތާފާ ލަތާފާ އަކީ އަރަބި ބްރޭންޑުތަކުގެ ތެރެއިން އެންމެ މަގުބޫލު އެއް ބްރޭންޑެވެ. ހާއްސަކޮށް އަންހެން ސެންޓުތަކަށް ލަތާފާ ވަރަށް މަގުބޫލެވެ. މިއީ ހުޅަނގުގައި ވެސް އެންމެ މަގުބޫލުވަމުން އަންނަ އަރަބި ބްރޭންޑެވެ. މީގެތެރެއިން ވެސް ޓެސްޓު ކޮށްލަން ޕްރޮޑަކްޓުތަކެއް ބޭނުންވާ ނަމަ "ޔާރާ" އާއި "ފަޚަރު" އަދި "ގިންމަ" އަދި "ނެބްރަސް" އަކީ ޓެސްޓު ކޮށްލަން ރަނގަޅު ޕްރޮޑަކްޓުތަކެކެވެ. ސްވިސް އެރެބިއަން އާއި އަފްނާން ފަދަ ބްރޭންޑް ތަކަކީ ވެސް މިހާރު ވަރަށް މަގުބޫލު ބްރޭންޑްތަކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ