ޓޫރިޒަމް ނަމްބަރުތައް ބިރުވެރި: ބޮޑު ހަނަފަސްކަމެއްގެ ކޮޅުމަތި

މެދުއިރުމަތީގައި އީރާނާއި އިޒްރޭލާ ދެމެދު މިހާރު ހިނގަމުންދާ ހަނގުރާމައަށް 15 ވަރަކަށް ދުވަސްވީއިރު ރާއްޖޭގެ ޓޫރިޒަމަށް މި ކުރީ ކޮން އަސަރެއް ހެއްޔެވެ؟ އެކަމުގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަމާއި ދައުލަތަށް ލިބޭ އާމްދަނީއަށް އަންނާނީ ކިހާ ބޮޑު ހީނަރުކަމެއް ހެއްޔެވެ؟
ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތަކާއި ފަތުރުވެރިކަމުގެ ހިދުމަތްދޭ ތަންތަނުން ލިބިފައިވާ އެންމެ ފަހުގެ މައުލޫމާތުތަކަށް ބަލާ ތިރީގައި އެ ވަނީ މި ހަނގުރާމައިގެ އަސަރުތަކެވެ. 
މި މަހުގެ ފުރަތަމަ 14 ދުވަހު ރާއްޖެއަށް ޒިޔާރަތްކުރި ޓޫރިސްޓުންގެ އަދަދު ވަނީ މިދިޔަ 2025 ވަނަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު %21.1 ދަށަށް ގޮސްފަ އެވެ. އެގޮތުން: 
2025 މާޗު 1-14: 88,274 ޓޫރިސްޓުން
2026 މާޗު 1-14: 69,648 ޓޫރިސްޓުން 
މިއީ ހަމައެކަނި ދެ ހަފްތާގެ ތެރޭގައި 18,626 ޓޫރިސްޓުންގެ މަދުވުމެކެވެ.
މެދުއިރުމަތީގެ ހާލަތާ ގުޅިގެން މާޗު 2 ވަނަ ދުވަހުން ފެށިގެން 15 ވަނަ ދުވަހުގެ ނިޔަލަށް ޓޫރިޒަމް މިނިސްޓްރީން އެއްކޮށްފައިވާ ހިސާބުތަކަށް ބަލާއިރު ޓޫރިޒަމް ފެސިލިޓީތަކުން ވަނީ ކަންބޮޑުވާ ފަދަ ކެންސަލޭޝަން ރިޕޯޓުތަކެއް ހިއްސާކޮށްފަ އެވެ. މި މައުލޫމާތުތަކަށް ބަލާއިރު:
ޖުމްލަ ކެންސަލްވި ބުކިން: 135 ފެސިލިޓީއަކުން ޖުމްލަ 3,357 ބުކިން ވަނީ ކެންސަލްވެފައި
ގެއްލުނު ބެޑް ނައިޓްސް: މި ކެންސަލޭޝަންތަކާއެކު ޖުމްލަ 27,918 ބެޑް ނައިޓްސް ވަނީ ގެއްލިފައި
މެދުއިރުމަތިން އަންނަ ފްލައިޓްތައް ކެންސަލްވުމާ ގުޅިގެން ރިސޯޓުތަކުގައި މިވަގުތު ވެސް ތަށީވެފައި 31 ޓޫރިސްޓަކު އެބަތިއްބެވެ.
ފަތުރުވެރިން އައުން މަދުވުމާއި ބުކިންތައް ކެންސަލްވުމަކީ ހަމައެކަނި ޓޫރިޒަމްގެ ވިޔަފާރިތަކަށް އެކަނި ލިބޭ ގެއްލުމެއް ނޫނެވެ. މިއީ ދައުލަތަށް ޓެކްސްގެ ގޮތުގައި ލިބޭ އާމްދަނީ އެތައް މިލިއަން ރުފިޔާއަކުން މިކަމުން ދަށްވެ އެވެ.
ބޭސިކް ޓޫރިޒަމް ރެވެނިއު އެސްޓިމޭޝަން މޮޑެލްއެއް ބޭނުންކޮށްގެން، ގެއްލުނު 18,626 ފަތުރުވެރިންނާއި ކެންސަލްވި 27,918 ބެޑް ނައިޓްސްއަށް ބިނާކޮށް ބަލާއިރު މިވީ 15އަށް ދުވަހުގެ ގެއްލުމުން ދައުލަތުގެ އާމްދަނީން މަދުވާނޭ ކަމަށް ލަފާވާ މިންވަރަކީ: 
ގްރީން ޓެކްސް: އާ ރޭޓުތަކަށް ބަލާއިރު، ރިސޯޓުތަކާއި ހޮޓާ އަދި ސަފާރީތަކުން ބޮލަކަށް ދުވާލަކު 12 ޑޮލަރު އަދި ކުދި ގެސްޓްހައުސްތަކުން 6 ޑޮލަރު ނަގާ. ކެންސަލްވި 26,847 ރިސޯޓު/ހޮޓާ/ސަފާރީ ބެޑް ނައިޓްސް އަދި 1,071 ގެސްޓްހައުސް ބެޑް ނައިޓްސްއަށް ބިނާކޮށް އަންދާޒާކުރެވޭ ގޮތުގައި ދައުލަތަށް ގާތްގަނޑަކަށް 328,590 ޑޮލަރު (5 މިލިއަން ރުފިޔާ) ގްރީން ޓެކުހުން ގެއްލޭނެ.
ޑިޕާޗާ ޓެކްސް އަދި އޭޑީއެފް: މާޗު މަހުގެ ފުރަތަމަ ދެ ހަފްތާއިން އެކަނި 18,626 ފަތުރުވެރިން މަދުވެފައިވާއިރު، ކޮންމެ ފަތުރުވެރިއެއްގެ އަތުން އެވްރެޖްކޮށް އެންމެ މަދުވެގެން 60 ޑޮލަރު (ޑިޕާޗާ ޓެކްސް އާއި އެއާޕޯޓް ޑިވެލޮޕްމަންޓް ފީ އެއްކޮށް) ނެގިކަމުގައި ވިޔަސް، ދައުލަތަށް 1.1 މިލިއަން އެމެރިކާ ޑޮލަރު (17.2 މިލިއަން ރުފިޔާ) ވަނީ ގެއްލިފައި.
ޓީޖީއެސްޓީ: މި ޓެކުހުގެ ގޮތުގައި %17 ނަގާއިރު މިއީ ދައުލަތުގެ އާމްދަނީގެ އެންމެ ބޮޑު ބައެއް ހިއްސާކުރާ ޓެކުހެވެ. ކެންސަލްވި 26,687 ރިސޯޓް ބެޑް ނައިޓްސްގައި، ކޮންމެ ފަތުރުވެރިއަކު އެވްރެޖްކޮށް ދުވާލަކަށް 400 ޑޮލަރު ހަރަދުކުރާނެކަމަށް ލަފާކުރި ނަމަވެސް (ކޮޓަރީގެ އަގާއި ކެއިންބުއިމުގެ ހަރަދު ހިމަނައިގެން)، މިއީ 10.6 މިލިއަން ޑޮލަރުގެ ވިޔަފާރި. މީގެ %17 އަށް ބަލާއިރު، ޓީޖީއެސްޓީގެ ގޮތުގައި ލިބެންޖެހޭ 1.8 މިލިއަން އެމެރިކާ ޑޮލަރު (27.9 މިލިއަން ދިވެހި ރުފިޔާ) ވަނީ މި ދެ ހަފްތާގެ ކެންސަލޭޝަންތަކާއެކު ގެއްލިފައި.
އެހެންކަމުން، 15 ވަރަކަށް ދުވަހުން އެކަނި ވެސް ޓޫރިޒަމްއިން ލިބޭ ޓެކުހުގެ ގޮތުގައި ދައުލަތަށް 50 މިލިއަން ރުފިޔާ ގެއްލޭނެ އެވެ. މަހެއްގެ މައްޗަށް އެއީ 100 މިލިއަނެއްހާ ރުފިޔާ އާމްދަނީން މަދުވުމެކެވެ.
މިއީ އަދި ފެށުމެކެވެ. މި ހަނގުރާމަ ދިގުލައިގެން ހިނގައްޖެ ނަމަ، ދުނިޔޭގެ ދަތުރުފަތުރާއި ތެލުގެ އަގަށް އަންނަ ބަދަލުތަކާ އެކު، ރާއްޖެއަށް އަންނަ ޓޫރިސްޓުންގެ އަދަދު އިތުރަށް ދަށްވެ، ދައުލަތުގެ ރިޒާވްއަށާއި އިގްތިސާދަށް މިއަށްވުރެ މާ ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލާން ޖެހިދާނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ