ހަނގުރާމައާ ހެދި އެމްބީބީއޭގެ އިންސްޓްރަކްޓާ ކޯސް ފަސްކޮށްފި ހަނގުރާމައާ ހެދި އެމްބީބީއޭގެ އިންސްޓްރަކްޓާ ކޯސް ފަސްކޮށްފި

އިޒްރޭލާއި އެމެރިކާ އިން އިރާނާ ދެކޮޅަށް ފަށާފައިވާ ހަނގުރާމައިގެ ސަބަބުން މެދުއިރުމަތީގެ ހާލަތު ގޯސްވެފައިވާ މި ދަނޑިވަޅުގައި ހުރި ދަތިތަކުގެ ސަބަބުން، މޯލްޑިވްސް ބޮޑީބޯޑިން އެސޯސިއޭޝަން (އެމްބީބީއޭ) އިން މި މަހު ބާއްވަން ގަސްދުކުރި ބޮޑީބޯޑިން އިންސްޓްރަކްޓާ ކޯސް ފަސްކޮށްފި އެވެ.
އެމްބީބީއޭ އިން މުޅިން އަލަށް ކުރިއަށްގެންދާ މި އިންސްޓްރަކްޓާ ކޯސް، މި މަހު 29 އިން އަންނަ މަހުގެ 1 ވަނަ ދުވަހަށް ބާއްވަން ނިންމާފައި އޮތީ، އޮސްޓްރޭލިއާގެ އެކަޑަމީއަކާ ގުޅިގެންނެވެ.
"އަދަދު ސްޕޯޓްސް" އިން ކުރި ސުވާލަކަށް ދިން ޖަވާބުގައި، ޖެނެރަލް ސެކްރެޓަރީ ހަސަން ރަޝީދު (ރަޝް) ވިދާޅުވީ، އިންސްޓްރަކްޓާ ކޯހަކީ، ސްޕޯޓްސް މިނިސްޓްރީން ބަޖެޓް ވެސް ލިބި ހުރިހާ ކަމެއް ރޭވިފައި އޮތް ޕްރޮގްރާމެއް ކަމަށެވެ.
"ރާއްޖޭގައި މުޅިން އަލަށް ބާއްވާ ބޮޑީބޯޑިން އިންސްޓްރަކްޓަރުން އުފައްދާ ކޯހެއް، އޭއެސްއައި ކިޔާ އޮސްޓްރޭލިއަން އެކަޑަމީއަކާ އެކީގައި، އެ މީހުންގެ އިންސްޓްރަކްޓަރުން އަންނަނީ ޕޯޗުގަލް އިން، ދުބާއީ މަގުން، އެ މީހުން މަޝްވަރާކޮށްފައި މި ނިންމީ، މިހާރު މި އޮތް ހަނގުރާމައިގެ ތެރޭގައި، ދަތުރުފަތުރު ކުރަން މި ހުރި އުނދަގޫތަކުގެ ތެރެއިން ރިސްކެއް ނުނަގަން ވެގެން ލަސްކުރީ،" ރަޝް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ، މި ކޯސް ހިންގަނީ، ރާޅާ އަޅާ ގައިޑުންނާއި މި ކަމުގައި ވަރަށް ހަރަކާތްތެރިކޮށް އުޅޭ ފަރާތްތަކަށް ހާއްސަކޮށް ކަމަށެވެ. އެހެން ކަމުން، މި ކޯސް ދެން ކުރިއަށްގެންދާނެ ތާރީހެއް ނިންމާއިރު ހުރިހާ ފަރާތަކަށް ވެސް އެންމެ ރަނގަޅު ވަގުތުގައި މިކަން ކުރުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް ރަޝް ފާހަގަކުރެއްވި އެވެ.
"މިހާރު ވާ ގޮތަކީ، ރާޅާ އަޅާ ގައިޑުންނާއި މީހުން މި ބައިވެރިވަނީ، ދެން، ސާފް ސީޒަން ނިންމާފައި، އޮކްޓޫބަރު ނޫނީ ނޮވެމްބަރު ހިސާބަށް ދެން މި ބަލަނީ، އެއީ، އޭގެ ބައިވެރިވާނީ ބޮޑަށް ކިޔަވައިދޭނެ މީހުން، ކުޑަކުދިން ރެޑީކުރާނެ އިންސްޓްރަކްޓަރުން، ދެން، ސާފް އިންޑަސްޓްރީގެ ބޮޑަށް ގައިޑުން، ސާފް ސްކޫލް ހިންގާ މީހުންނަށް ބޮޑަށް ފުރުސަތު ދޭތީވެ، އެ މީހުންނަށް އެންމެ ރަނގަޅު ދުވަސްވަރަށް ވެސް ބަލަންޖެހޭތީއާ އެކު ލަސްކޮށްލީ،" ރަޝް ވިދާޅުވި އެވެ.
ހުރިހާ ކަމަކަށް ބަލާއިރު، މިހާރު މިއީ، މި ކޯސް ހިންގަން އެންމެ ރަނގަޅު ދުވަސްވަރު ކަމަށް އެމްބީބީއޭ އިން ފާހަގަކުރި އެވެ. އެކަމަކު، މެދުއިރުމަތީގައި މިހާރު މި އޮތް ހާލަތުގައި ދަތުރުފަތުރު ކުރަން މި ހުރި ދަތިތަކުގެ ސަބަބުން ދުބާއީ ނޫން އެހެން ސެކްޓާ އަކުން ޓިކެޓް ހަމަޖެއްސުމާއި އެ ކަންކަމަށް ބަދަލު ގެންނަން ބަލައިފިނަމަ، ބަޖެޓް ފައިނަލް ވެފައި އޮތް ކަމަކަށް ހަރަދުތަކެއް އިތުރުވެގެންދާނެތީވެ، ކޯސް ފަސްކުރަން ނިންމީ ކަމަށް އެމްބީބީއޭ އިން ވަނީ ބުނެފަ އެވެ.
އެމްބީބީއޭ އިން ބުނީ، މި ގޮތަށް ނިންމާފައިވަނީ، އޭއެސްއައިއާ ވެސް މަޝްވަރާ ކުރުމަށް ފަހު ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ