މެދުއިރުމަތީ ހަނގުރާމަ ދެތިން ހަފުތާއިން ނިމިދާނެ: ޓްރަމްޕް

ޔަހޫދީންނާ ގުޅިގެން އީރާނާ ދެކޮޅަށް އެމެރިކާއިން ފަށާފައިވާ ޣައިރުޤާނޫނީ ހަނގުރާމަ ކުރިއަށް އޮތް ދެތިން ހަފުތާގެ ތެރޭގައި ނިމުމަކަށް ގެންނަވާނެ ކަމުގައި ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެއެވެ. އޭނާ އިސްވެ ހަނގުރާމަ ފަށްޓަވާފައި ވަނީ ފެބުރުވަރީ 28 ވަނަ ދުވަހުއެވެ. އަދި، މިނިވަންކަމާއި ސިޔާދަތުގެ ދިފާޢުގައި އީރާނުން ދަނީ އެމެރިކާގެ މަޞްލަޙަތުތަކަކާއި ޞަހްޔޫނީ ދައުލަތަށް އަމާޒުކޮށް ވަރުގަދަ ޙަމަލާތަކެއް ދެމުންނެވެ.
ވައިޓް ހައުސްގައި ނޫސްވެރިންނާ ވާހަކަފުޅު ދައްކަވަމުން ޓްރަމްޕް ވިދާޅުވީ، ދެތިން ހަފުތާގެ ތެރޭގައި ހަނގުރާމަ ނިމުމަކަށް ގެނެވުނު ނަމަވެސް، އީރާނާއި އެމެރިކާއާ ދެމެދު ރަސްމީ އެއްބަސްވުމެއް އެކުލަވައިލުމަކީ ހަނގުރާމަ ހުއްޓައިލުމަށް ލާޒިމުކަމެއް ނޫން ކަމުގައެވެ. އަދި، އީރާނުން ނިއުކްލިޔަރ ހަތިޔާރެއް އުފެއްދުމުގެ ޤާބިލުކަން އެއްކޮށް ނެތިގޮސްފައިވާކަން ކަށަވަރުވުމުން އެމެރިކާ ސިފައިން އެ ސަރަހައްދު ދޫކޮށް ދާނެ ކަމުގައެވެ.
"އީރާނުން އެއްބަސްވުމެއް ހަދާކަށް ނުޖެހޭ. އަޅުގަނޑުމެން ވަރަށް އަވަހަށް ފައިބާނަން،" ޓްރަމްޕް ވިދާޅުވިއެވެ. އޭނާ ސިފަކުރެއްވި ގޮތުގައި، އެމެރިކާގެ އަމާޒަކީ އީރާނުގެ ނިއުކްލިޔަރ މަޝްރޫޢު ހުއްޓުވުމެވެ. ނަމަވެސް، މީގެ ކުރިން އޭނާ ވިދާޅުވަމުން ގެންދަވާފައި ވަނީ ހަނގުރާމައިގެ މައިގަނޑު ލަނޑުދަނޑިއަކީ އީރާންގެ ސަރުކާރު ބަދަލުކުރުން ކަމުގައެވެ. "އެ މީހުންނަށް ނިއުކްލިޔަރ ހަތިޔާރެއް ނުއުފެއްދޭނެކަން ކަށަވަރުވުމުން އަޅުގަނޑުމެން ފައިބާނަން،" އޭނާ ތަކުރާރުކުރެއްވިއެވެ.
އީރާނުގެ ރައީސް މަސްޢޫދު ޕީޒިޝްކިޔާން ވިދާޅުވީ، ދުޝްމަނުންގެ ޢުދުވާނީ ޙަމަލާތައް އަލުން ފަށައިނުގަންނާނެ ކަމުގެ ޔަޤީންކަން ލިބިއްޖެ ނަމަ، ހަނގުރާމަ ނިމުމަކަށް ގެނައުމުގެ ބާރު ތެހްރާނަށް އޮތް ކަމުގައެވެ. ނަމަވެސް، އީރާނުގެ ޚާރިޖީ ވަޒީރު ޢައްބާސް ޢަރާޤިޖީ ވަނީ ވޮޝިންޓަނާއެކު އެއްވެސް ރަސްމީ މަޝްވަރާއެއް ކުރިއަށް ނުދާކަން ކަށަވަރުކޮށްދެއްވާފައެވެ. އީރާނުން އަބަދު ވެސް ބުނަމުންދަނީ އެ ޤައުމުގެ ނިއުކްލިޔަރ ޕުރޮގުރާމަކީ ސުލްޙަވެރި މަސައްކަތްތަކެއް ކަމުގައެވެ.
މެދުއިރުމަތީ ހަނގުރާމައިގެ ތެރެއިން ޔަހޫދީ ފައުޖުގެ ނިރުބަވެރި ސިފައިން ލުބްނާނަށް އެއްގަމު މަގުން އަރައިގަނެފައިވާއިރު، މަސްރަހު ދިރާސާކުރާ ފަރާތްތަކުން ޓްރަމްޕްގެ ތާވަލާ މެދު ސުވާލު އުފައްދައެވެ. ކުއިންސީ އިންސްޓިޓިއުޓްގެ ދާރިސް ޓްރީޓާ ޕާރސީ ވިދާޅުވީ، ހަނގުރާމަ ނިންމަވާނެ ކަމުގައި ޓްރަމްޕް ވިދާޅުވަމުން ގެންދަވާ ތާރީޚު ބައްދަލުކުރައްވަމުން ގެންދަވާ ކަމުގައެވެ. އަދި، މުއްދަތު އިތުރުކުރައްވަމުން ގެންދަވާ ކަމުގައެވެ.
"ފުރަތަމަ ބުނީ ހަތަރު ދުވަހޭ، ދެން ބުނީ ތިން ހަފުތާއޭ. މިހާރު މި ބުނަނީ އަދި ދެތިން ހަފުތާއޭ. ޙަޤީޤަތަކީ މި ހަނގުރާމައިގެ ކޮންޓުރޯލު އެމެރިކާގެ ކިބައިން ގެއްލިއްޖެ،" ޕާރސީ ފާހަގަކުރެއްވިއެވެ. މަޝްވަރާގެ މަގު އިޚުތިޔާރު ނުކޮށްފި ނަމަ، ތިން ހަފުތާ ފަހުން ވެސް އިވޭނީ ހަމަ މި ފަދަ ވާހަކަތަކެއް ކަމުގައި އޭނާ ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ