އިންޑޮނޭޝިއާގައި 16 އަހަރުން ދަށުގެ ކުދިންނަށް ސޯޝަލް މީޑިއާ މަނާކޮށްފި

ދުނިޔޭގެ ހަތަރުވަނައަށް އެންމެ އާބާދީ ބޮޑު ގައުމު ކަމަށްވާ އިންޑޮނޭޝިއާގައި، އުމުރުން 16 އަހަރުން ދަށުގެ ކުދިން ސޯޝަލް މީޑިއާ ބޭނުންކުރުން މަނާކުރާ ހަރުކަށި ގާނޫނަކަށް އަމަލުކުރަން ފަށައިފިއެވެ. މިއީ މިހާތަނަށް ދުނިޔޭގެ ގައުމަކުން މިފަދަ ކަމަކާ ގުޅިގެން އެޅި އެންމެ ބޮޑު ފިޔަވަޅެވެ. މިދިޔަ ހޮނިހިރު ދުވަހުން ފެށިގެން ތަންފީޒުކުރަން ފެށި މި ގާނޫނުގެ ދަށުން ރޮބްލޮކްސް، ޔޫޓިއުބް، ޓިކްޓޮކް، ފޭސްބުކް، އިންސްޓަގްރާމް، ތްރެޑްސް، އެކްސް އަދި ބީގޯ ލައިވް ފަދަ މަޝްހޫރު ޕްލެޓްފޯމްތައް ކުޑަކުދިންނަށް ބޭނުންކުރުން މަނާވާނެއެވެ. އިންޑޮނޭޝިއާ ސަރުކާރުން ބުނާ ގޮތުގައި މި ފިޔަވަޅަކީ ކުޑަކުދިން އޮންލައިންކޮށް ބޭއަދަބީ މަންޒަރުތަކަށް ހުށަހެޅުމާއި، ސައިބަ ބުލީކުރުމާއި، އޮންލައިން މަކަރާއި ހީލަތްތަކުން ސަލާމަތްކުރުމުގެ އިތުރުން ސޯޝަލް މީޑިއާއަށް ދެވޭ ދެވިހިފުން ހުއްޓުވުމަށް އެޅި ފިޔަވަޅެކެވެ. https://sun.mv/219771 މި ނިންމުމުގެ ސަބަބުން އިންޑޮނޭޝިއާގެ ގާތްގަނޑަކަށް 72 މިލިއަން ކުދިންނަށް ސޯޝަލް މީޑިއާ ބޭނުންކުރުން މަނާވާނެއެވެ. މިއީ މީގެ ކުރިން މިފަދަ މަނާކުރުމެއް އިއުލާންކުރި އޮސްޓްރޭލިއާގެ މުޅި އާބާދީއަށްވުރެ ވެސް ބޮޑު އަދަދެކެވެ. އިންޑޮނޭޝިއާގެ ޑިޖިޓަލް އެފެއާޒް މިނިސްޓަރު މިއުޓިއާ ހާފިދު ވިދާޅުވީ، މި ގާނޫނަށް އަމަލުކުރުމުގައި އެއްވެސް ކުންފުންޏަކަށް ދޫދިނުމެއް ނޯންނާނެ ކަމަށެވެ. ނަމަވެސް، މި ބަދަލަށް ހޭނުމަށްޓަކައި ކުންފުނިތަކަށް އެއް އަހަރު ދުވަހުގެ މުހުލަތެއް ދޭނެ ކަމަށާއި، އޭގެ ފަހުން ގާނޫނާ ޚިލާފުވާ ފަރާތްތަކަށް އަދަބު ދޭން ފަށާނެ ކަމަށް އޭނާ ވިދާޅުވިއެވެ. މިނިސްޓަރު އިތުރަށް ވިދާޅުވި ގޮތުގައި މިއީ ފަސޭހަ މަސައްކަތެއް ނޫން ނަމަވެސް، ދަރިންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި މިއީ ކޮންމެހެން ކުރަންޖެހޭ ކަމެކެވެ. މީގެ ކުރިން އިންޑޮނޭޝިއާގައި ވަނީ އާޓިފިޝަލް އިންޓެލިޖެންސް ބޭނުންކޮށްގެން އުފައްދާ ބޭއަދަބީ ފޮޓޯތަކާ ގުޅިގެން "ގްރޮކް" ބޭނުންކުރުން ވެސް ވަގުތީ ގޮތުން މަނާކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ