ޔާމީންގެ އިލްތިމާސް: ކައުންސިލް އިންތިހާބުގައި ޕީއެންސީގެ ކެންޑިޑޭޓުންނަށް ނޫނެކޭ ބުނޭ ޔާމީންގެ އިލްތިމާސް: ކައުންސިލް އިންތިހާބުގައި ޕީއެންސީގެ ކެންޑިޑޭޓުންނަށް ނޫނެކޭ ބުނޭ

އަންނަ އެޕްރީލް 4، ގައި ބާއްވާ ލޯކަލް ކައުންސިލް އިންތިހާބުގައި ސަރުކާރު ހިންގާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ކެންޑިޑޭޓުންނަށް ނޫނެކޭ ބުނުމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ރޭ އިލްތިމާސް ކުރައްވައިފި އެވެ.
ޕީއެންއެފް އިން އާޓިފިޝަލް ބީޗުގައި ބޭއްވި ޖަލްސާގައި ޔާމީން ވިދާޅުވީ ޕީއެންސީއަށް ވެރިކަމާއި ރައްޔިތުންގެ މަޖިލިސް ދީގެ ރައްޔިތުންނަށް ކުރިއެރުމެއް ނައިސް ރައްޔިތުން އަޅުވެތިވެފައިވުމުގެ ސަބަބުން ޕީއެންސީއަށް ކައުންސިލްތައް ދޭން ނުޖެހޭ ކަމަށެވެ.
"ޕީއެންސީއަށް ވެރިކަން ލިބިއްޖެ. ޕީއެންސީއަށް ރައްޔިތުންގެ މަޖިލިސް ލިބިއްޖެ. އެކަމަކު ރައްޔިތުންވީ ބިކަ. ރައްޔިތުންނަށް ކުރިއެރުމެއް ނާދޭ. އަދިވެސް އަޅުވެތިކަމުގައި މިގެންގުޅެނީ. އެހެންވީމަ ކީއްކުރަންތޯ އަނެއްކާ ޕީއެންސީއަށް ކައުންސިލް ދޭންވީ،" ޔާމީން ވިދާޅުވި އެވެ.
ޔާމީން ވިދާޅުވީ ކުރިއަށް އޮތް ރިޔާސީ އިންތިހާބުގެ ކުރިން މި ސަރުކާރު ޖަވާބުދާރީ ކުރުވަން ލިބޭ ފަހު ފުރުސަތަކީ ކައުންސިލް އިންތިހާބުކަމުން އެ އިންތިހާބުގައި ޕީއެންސީއަށް ނޫނެކޭ ބުނަން ޖެހޭ ކަމަށެވެ.
"ރައްޔިތުންގެ ބާރު ރައްޔިތުން އަމިއްލައަށް އިހްތިޔާރު ކުރަން ބޭނުން ކަމަށްވަންޏާ އަދި މި ސަރުކާރު ޖަވާބުދާރީ ކުރަން ބޭނުންވާ ކަމަށްވަންޏާ އަދި މި ސަރުކާރު ޖަވާބުދާރީ ކުރަން ބޭނުން ކަމަށްވަންޏާ ރިޔާސީ އިންތިހާބެއްގެ ކުރިން ލިބޭ އެންމެ ފަހުގެ ފުރުސަތަކީ އެންމެ ވަރުގަދަ ފުރުސަތަކީ މި ކައުންސިލް އިންތިހާބު. މި ކައުންސިލް އިންތިހާބުގައި ނޫނެކޭ ބުނޭ. ޕީއެންސީއަށް ނޫނެކޭ ބުނޭ." ޔާމީން ވިދާޅުވި އެވެ.
ޕީއެންސީން ނަގައިދިން ފިލާވަޅަކީ ދުވަހަކުވެސް ދިވެހި ރައްޔިތުން ހަނދާން ނެތޭނެ ފިލާވަޅެއް ނޫންކަން ފާހަގަކުރައްވާ ޔާމީން ވިދާޅުވީ ފެންނަމުން މިދަނީ ލޯތްބާއެކު ޕީއެންސީ ވެރިކަަމަށް ގެނައުމުން ރައްޔިތުން ބިކާރީންނަށް ހަދާފައިވާ މަންޒަރު ކަމަށެވެ.
ކައުންސިލް އިންތިހާބުގައި ޕީއެންއެފްގެ ކެންޑިޑޭޓުންނާއި މިނިވަން ކެންޑިޑޭޓުންނަށް ތާއީދުކުރައްވާ ކަމަށާއި ޕީއެންސީ ކެންޑިޑޭޓުން ނޫން އެހެން ހުރިހާ ކެންޑިޑޭޓުންނަށް ތާއީދުކުރައްވާ ކަމަށް ޔާމީން ވިދާޅުވި އެވެ.
ކައުންސިލް އިންތިހާބުގައި ޔާމީންގެ ތާއީދު ޕީއެންސީއަށް ނެތްކަން ހާމަކުރައްވާފައިވާއިރު، ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބު އެއްކޮށްލުމާ ގުޅޭގޮތުން ރައްޔިތުންގެ މެދުގައި ނަގާ ފެންނަ ނުފެންނަ ވޯޓު (ރެފެރެންޑަމް) ގައި ވެސް ސަރުކާރާ ދެކޮޅަށް ނޫނެކޭ ބުނުމަށް ޔާމީން ވަނީ އިލްތިމާސްކުރައްވާފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ