ބުރިޖު ދަށުގައި ބިދޭސީންތަކެއް ދިރިއުޅޭ މައްސަލައެއް ބަލަނީ

ސިނަމާލެ ބުރިޖުގެ ދަށުގައި ބަޔަކު ދިރިއުޅެމުންދާ ކަމަށް ބުނެ ސޯޝަލް މީޑިއާގައި ދައުރުވަމުންދާ މައުލޫމާތާއި ގުޅިގެން ފުލުހުން އެ ސަރަހައްދު ބަލައި ފާސްކޮށްފިއެވެ.
މިކަމާއި ގުޅިގެން ޕީއެސްއެމް ނިއުސްއަށް މައުލޫމާތު ދެއްވަމުން ފުލުހުން ވިދާޅުވީ، އެ ސަރަޙައްދު ބެލި ބެލުމުން ބައެއް ފަރާތްތަކުން އެތަން ބޭނުންކުރާކަން ފާހަގަކުރެވިފައިވާ ކަމަށާއި ބެލެވޭ ގޮތުގައި އެތަނުގައި އުޅެނީ ބިދޭސީން ކަމަށެވެ. އަދި މިކަން ހުއްޓުވުމަށްޓަކައި ކަމާ ބެހޭ އިދާރާތަކާ ގުޅިގެން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމުގެ މަސައްކަތް ފުލުހުން މިހާރު ދަނީ ކުރަމުންނެވެ.
ފުލުހުން ވިދާޅުވީ، އެ ސަރަޙައްދަކީ އާންމުކޮށް މީހުން ދިރިއުޅުމަށް ކަނޑައެޅިފައިވާ ތަނަކަށް ނުވާތީ، އެކަން ޙައްލުކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ފަށާފައިވާ ކަމަށެވެ.
ފުލުހުން އިތުރަށް ހާމަކުރި ގޮތުގައި، މިފަދަ މައްސަލަތަކުގައި އިޖުތިމާޢީ އެހީތެރިކަމާއި އަޅާލުން ބޭނުންވާ ފަރާތްތައް ހިމެނިދާނެތީ، އެފަރާތްތަކުގެ ރައްކާތެރިކަމާއި މަސްލަހަތު ޙިމާޔަތް ކުރުމަށްޓަކައި ކަމާއި ގުޅުންހުރި މުއައްސަސާތަކާ ގުޅިގެން ކުރަންޖެހޭ މަސައްކަތްތައްވެސް ދަނީ ކުރަމުންނެވެ. މިއީ ހަމައެކަނި ޤާނޫނީ ފިޔަވަޅު އެޅުމުގެ ބަދަލުގައި، އިންސާނީ އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް އެ އެހީތެރިކަން ފޯރުކޮށްދިނުމަށް ކުރާ މަސައްކަތެއް ކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.
މިފަދަ ކަންކަމާ ގުޅޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ، ލަސްނުކޮށް ފުލުހުންނަށް އެކަން ރިޕޯޓު ކުރުމަށް ފުލުހުން ވަނީ ޢިލްތިމާސްކުރައްވާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ