ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގެ ޑައިލިސިސް އެކްސްޓެންޝަން އިމާރާތާއި އައު އީ.އާރު ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މިއަދު ހުޅުއްވައިދެއްވައިފި

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގެ ޑައިލިސިސް އެކްސްޓެންޝަން އިމާރާތާއި އައު އީ.އާރު ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު، މިއަދު ހުޅުއްވައިދެއްވައިފިއެވެ.
މިރަސްމިއްޔާތަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން، ވަޑައިގަތުމުން އެކަމަނާއަށް މަރުޙަބާ ވިދާޅުވީ، ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގެ ޗީފް އެގްޒެކެޓިވް އޮފިސަރ ނާޠިމާ ޢަލީއެވެ.
މީގެ އިތުރުން މިއަދު ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގެ އައިސޮލޭޝަން ފެސިލިޓީގެ ބިންގާ ވެސް މިއަދު ވަނީ އަޅުއްވާފައެވެ. ބިންގާ އަޅުއްވައިދެއްވީ ޞިއްޙީ ވަޒީރު ޢަބްދުﷲ ނާޘިމް އިބްރާހީމް އެވެ.
އަތޮޅު ތެރޭގެ ޞިއްޙީ ޚިދުމަތް ފުޅާކޮށް ތަރައްޤީކުރުމަށް ސަރުކާރުން ގެންގުޅުއްވާ ސިޔާސަތުގެ ދަށުން ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލަކީ ސަރުކާރުން ޓަރޝަރީ ފެންވަރަށް ތަރައްޤީކުރާ އެއް ހޮސްޕިޓަލެވެ. ހޮސްޕިޓަލުގައި މިއަދު ޚިދުމަތް ފުޅާކުރެވުނު ޑައިލިސިސް އެކްސްޓެންޝަން އިމާރާތުގައި އެއްފަހަރާ 9 މީހުންނަށް ޑައިލިސިސް ހެދޭނެއެވެ. އައު އިމަރޖެންސީ ރޫމްގައި 6 އެނދާއިއެކު ޚިދުމަތް ވަނީ ފުޅާކޮށްފައެވެ. މީގެ އިތުރުން މިއަދު ބިންގާ އެޅި އައިސޮލޭޝަން ފެސިލިޓީގެ ސަބަބުންވެސް އެ ސަރަހައްދުގެ ޞިއްޙީ ދާއިރާއަށް އިތުރު ކުރިއެރުން ލިބިގެންދާނެއެވެ. އައިސޮލޭޝަން ފެސިލިޓީގައި، ޕްރައިވެޓް ރޫމްތަކާއި 800 މީހުންގެ ޖާގައިގެ އޮޑިޓޯރިއަމެއްގެ އިތުރުން ކޮންވަރޓިބަލް ކަރަންޓީނު ފެސިލިޓީއެއް ހުންނާނެއެވެ.
މި ރަސްމިއްޔާތުގައި ދައުލަތުގެ ބައެއް ވަޒީރުންނާއި، ޞިއްޙީ ވުޒާރާގެ އިސްވެރިންގެ އިތުރުން ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގެ އިސްވެރިންނާއި މުވައްޒަފުން ބައިވެރިވެވަޑައިގެންނެވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ