ޗައިނާގެ އޭއައި 'ހަނގުރާމަ' ފޯރިގަދަވަނީ، އަލީބާބާއިން ބޮޑު ހޭދައެއް ކުރަނީ
ޗައިނާގެ ޓެކްނޮލޮޖީ ކުންފުނިތަކުގެ މެދުގައި އުފެދިފައިވާ އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ގެ ވާދަވެރިކަން ނުވަތަ "ހަނގުރާމަ" އާ ހަރުފަތަކަށް ގޮސް، މި ދާއިރާއިން ކުރިހޯދުމަށް އަލީބާބާއިން 431 މިލިއަން ޑޮލަރު (3 ބިލިއަން ޔުއާން) ހޭދަކުރަން ނިންމައިފިއެވެ. ޗައިނާގެ އެންމެ ބޮޑު އެއް ކުންފުނި ކަމަށްވާ އަލީބާބާއިން މި ބޮޑު ހޭދަ ކުރަން ނިންމީ، ކުރިއަށް އޮތް ޗައިނާގެ އައު އަހަރުގެ ބަންދާ ދިމާކޮށް އެކުންފުނީގެ "ކިއުވެން" އޭއައި އެޕްލިކޭޝަނަށް ކަސްޓަމަރުން އިތުރުކުރުމުގެ މަގުސަދުގައެވެ. އަލީބާބާއިން އިއުލާންކުރި މި އަދަދަކީ އެ ކުންފުނީގެ ވާދަވެރި ޓެންސެންޓާއި ބައިދޫއިން މިކަމަށް ހޭދަކުރާނެ ކަމަށް ބުނި އަދަދަށްވުރެ ތިން ގުނަ އިތުރު އަދަދެކެވެ. ޓެންސެންޓުން އެއް ބިލިއަން ޔުއާން ހޭދަކުރަން ނިންމާފައިވާއިރު، ބައިދޫއިން ކަނޑައަޅާފައިވަނީ 500 މިލިއަން ޔުއާންގެ ބަޖެޓެކެވެ. އަންނަ ހުކުރު ދުވަހު ފެށުމަށް ހަމަޖެހިފައިވާ އަލީބާބާގެ މި ކެމްޕޭނުގައި، ކެއުންބުއިމާއި މުނިފޫހިފިލުވުމުގެ ދާއިރާތަކުން ހާއްސަ އިނާމުތަކާއި، މެދުކެނޑުމެއްނެތި ފައިސާގެ "ރެޑް އެންވެލޮޕް" ބަހަމުންދާނެއެވެ. ޗައިނާގެ ޓެކް ކުންފުނިތަކުން އައު އަހަރުގެ ބަންދު ދުވަސްވަރު މިފަދަ ބޮޑެތި ޕްރޮމޯޝަންތައް ހިންގުމަކީ ޒަމާނުއްސުރެ ކުރަމުން އަންނަ ކަމެކެވެ. މީގެ އެންމެ ފާހަގަކޮށްލެވޭ މިސާލަކީ 2015 ވަނަ އަހަރު ޓެންސެންޓުން "ވީޗެޓް" މެދުވެރިކޮށް ޑިޖިޓަލް ރެޑް އެންވެލޮޕް ބަހައިގެން، އޭރު މާކެޓް ކޮންޓްރޯލް ކުރަމުންދިޔަ އަލިޕޭއާ ވާދަކޮށް "ވީޗެޓް ޕޭ" މަގުބޫލުކުރި ކުރުމެވެ. މި އަހަރުގެ އޭއައި ވާދަވެރިކަން އިތުރަށް ހޫނުވެގެން ދިޔައީ، ޖެނުއަރީ މަހު "ޑީޕްސީކް" ކުންފުނިން ނެރުނު އާރް1 މޮޑެލްއާއެކު ދުނިޔޭގެ މާކެޓަށް އައި ލޮޅުމާ ގުޅިގެންނެވެ. މީގެ އިތުރުން ޑީޕްސީކްއިން ފެބްރުއަރީ މަހުގެ މެދުތެރޭގައި އެކުންފުނީގެ އައު މޮޑެލް "ވީ4" ނެރުމަށް ތައްޔާރުވަމުންދާ ކަމަށްވެސް މީޑިއާ ރިޕޯޓްތައް ބުނެއެވެ. މިފަހަރުގެ ޗައިނާގެ އައު އަހަރުގެ ބަންދު ފެބްރުއަރީ 15 ގައި ފެށޭއިރު، 9 ދުވަހުގެ މި ދިގު ބަންދަކީ ކުންފުނިތަކަށް އައު ކަސްޓަމަރުން ހޯދުމަށް ލިބޭ އެންމެ ރަނގަޅު މާކެޓިން ފުރުސަތެވެ. އެހެންކަމުން، އަލީބާބާގެ މި ބޮޑު ހޭދައާއެކު ޗައިނާގެ އޭއައި މާކެޓަށް އަންނާނެ ބަދަލުތަކަށް ގިނަ ބަޔަކު އަންނަނީ އިންތިޒާރު ކުރަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ