ޑާކާރް ފެޝަން ވީކްގެ ރަންވޭ އޮތީ މޫދުގައި، ދިވެހި ފަންނުވެރިންނަށް ވެސް މިއީ ރަނގަޅު ހިޔާލެއް

މިމަހު ކުރީކޮޅު ކުރިއަށްދިޔަ ސެނެގަލްގެ ޑާކާރް ފެޝަން ވީކްގެ 23 ވަނަ އެޑިޝަންގެ ނިންމާލުމުގެ ރަސްމިއްޔާތުގައި ހެދުން ކަލެކްޝަންއެއް ދައްކާލީ ސީދާ އެޓްލާންޓިކް ކަނޑުގެ އައްސޭރިފަށުގައި ދޯނިތަކެއްގެ މަތީގަ އެވެ. މިފަހަރުގެ ފެޝަން ވީކް އެޑިޝަންގެ  ޝިޔާރަކީ 'ދަ އޯޝަން އޭސް އަ ސްޓޭޖް' އެވެ. މި ޝިޔާރުގެ ދަށުން ތަފާތު ގޮތަކަށް އުފެއްދުންތައް ދައްކާލައި، މުޅި ދުނިޔޭގެ ސަމާލުކަން ޑާކާރް ފެޝަން ވީކް ހޯދައިފި އެވެ.
ސެނެގާލްގެ ފެޝަން ޑިޒައިނަރެއް ކަމަށްވާ އެޑަމާ ޕެރިސް 2002ގައި އުފެއްދި ޑާކާރް ފެޝަން ވީކަކީ އެފްރިކާގެ އެންމެ ދުވަސްވީ އަދި އެންމެ ނުފޫޒު ގަދަ ފެޝަން ޕްލެޓްފޯމެވެ. ޑާކާރް ފެޝަން ވީކް ވަނީ ކުރިއަރަމުން އަންނަ ޒުވާން ޑިޒައިނަރުންނަށް ހަރުދަނާ ޕްލެޓްފޯމެއް ގާއިމުކޮށްދީފަ އެވެ. މި އިވެންޓް ތައްޔާރުކުރީ އެގައުމުގެ އެންމެ ހުނަރުވެރި ފަންނުވެރިންގެ މަސައްކަތް ދުނިޔެއަށް ދައްކާލައި، އެ ފަންނުވެރިންނަށް އިތުރު ފުރުސަތުތައް ފަހިކޮށްދިނުމަށެވެ. އެފްރިކާގެ ފަންނުވެރިކަން ކުރިއެރުވުމުގެ އިތުރުން، ދެމެހެއްޓެނިވި ގޮތެއްގައި ދާއިރާގައި މަސައްކަތްކުރުމަށް އަހައްމިއްޔަތުކަން ދީގެން އެމީހުންގެ ސަގާފީ ތަރިކަ ވެސް ވަނީ ކުރިއަރުވައިފަ އެވެ.
'ދަ އޯޝަން އޭސް އަ ސްޓޭޖް' ގެ ދަށުން، އެޓްލާންޓިކް ކަނޑު އެމީހުންގެ ފަންނުވެރިކަން ދައްކުވައިދޭ ސްޓޭޖަކަށް ބަދަލުކޮށްލި އެވެ. މި ބޮޑު އިވެންޓު ނިންމާލުމުގެ ޝޯ ކުރިއަށް ދިޔައީ ޑާކާރް ކައިރީގައި އޮންނަ އެންގޯރް ރަށުގަ އެވެ. ކުލަގަދަ ދޯނިތަކެއް މަތީގައި މޮޑެލުން އެކި ވައްތަރުގެ ޑިޒައިނުގެ ކެޝުއަލް ހެދުމާއި ރަސްމީ ހަފްލާތަކާ ގުޅޭ ދިގު ހެދުމާއި، ފިރިހެނުންގެ ސޫޓައި ގަމީސް ކަލެކްޝަންތައް ވެސް ލައިގެން ދައްކާލި އެވެ. މި ފޯރިގަދަ އިވެންޓު ބަލަން މެހެމާނުން ތިބީ ވެސް ދޯނިތަކެއްގައި ލައިފްޖެކެޓު އަޅައިގެނެވެ.
މި އިވެންޓުގައި ސެނެގާލް އާއި ވަށައިގެންވާ މޫދުގެ ދިގު ތާރީހައި ސަގާފަތާއި ފެޝަން އެއްކޮށްލައި، ޑިޒައިނަރުން ވަނީ އެމީހުންގެ ސަގާފީ ފޮއްޗައި، ފެހުމުގެ ހުނަރައި، ތިމާވެއްޓާ ރަހުމަތްތެރި އުސޫލެއްގައި އުފައްދާފައިވާ ކަލެކްޝަންތަކެއް ދައްކާލައިފަ އެވެ.
ޑާކާރްގެ މި ތަފާތު ފެޝަން ވީކް އަކީ ދިވެހިންނަށް ވަރަށް އެކަށީގެންވާ މިސާލެކެވެ. ދިވެހިންނަކީ ވަށައިގެން އޮތް ކަނޑުތަކަށް ވަރަށް ބޮޑަށް ބަރޯސާވެފައިވާ އުފެއްދުންތެރި ބަޔަކަށް ވެފައި މޫދުގައި ފެޝަން ޝޯއެއް ބޭއްވުމަކީ ވަރަށް ރަނގަޅު ހިޔާލަކަށް ވެދާނެ އެވެ. ދިވެހިންނަކީ އުފެއްދުންތެރިކަމާއި، ފަންނުވެރިކަމުގެ ގޮތުން ބައިނަލްއަގްވާމީ މައިދާނުގައި ވެސް ވާދަކުރެވޭ ފެންވަރު ހުރި ބައެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ