ޤަޠަރު އެއާވޭސްގެ ދަތުރުތައް އަލުން ރާއްޖެއަށް ފަށައިފި

ޤަޠަރު އެއާވޭސްއިން އަލުން ރާއްޖެއަށް ދަތުރުތައް ފަށައިފިއެވެ. ޤަޠަރު އެއާވޭސްއިން ރާއްޖެއަށް ކުރަމުން އައި ދަތުރުތައް ވަގުތީގޮތުން މެދުކަނޑާލީ މެދުއިރުމަތީގެ ހަމަނުޖެހުމާ ގުޅިގެން އެސަރަހައްދުގެ ވައިގެ ސަރަހައްދު ބަންދުވުމާ ގުޅިގެންނެވެ.
ޤަޠަރު އެއާވޭސްއިން މިއަދު ދަތުރުތައް ފަށާފައިވާއިރު، މިމަހުގެ 31ވަނަ ދުވަހާ ހަމައަށް އެއާލައިނުން ރާއްޖެއަށް ކޮންމެ ދުވަހަކުވެސް ދަތުރުކުރާނެ ކަމަށް އެމްއޭސީއެލުން ވިދާޅުވިއެވެ.
ޤަޠަރު އެއާވޭސް އަކީ ރާއްޖެއަށް އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން ގެންނަ އެއް އެއާލައިނެވެ. ޤަޠަރު އެއާވޭސްއިން ރާއްޖެއަށް ދަތުރުތައް ފެށުމާއެކު، މެދުއިރުމައްޗާއި ޔޫރަޕް އަދި އެމެރިކާ ފަދަ ގައުމުތަކަށް ދަތުރުކުރާ ފަރާތްތަކަށް ކަނެކްޓިވިޓީ އިތުރަށް ފުޅާވެގެންދާނެކަމަށް ޤަޠަރު އެއާވޭސް އިން ޤަބޫލުކުރެއެވެ.
ޤަޠަރު އެއާވޭސް އިން ވިދާޅުވީ ޖޫންމަހުގެ 15ގެ ނިޔަލަށް ދަތުރު ކުރުމަށް ޓިކެޓް ނަގާފައި ހުރި ފަސިންޖަރުންނަށް ފަސޭހައިން ދުވަސް ބަދަލުކުރެވޭނެ ކަމަށެވެ.
މި ހަފުތާގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ފަތުރުވެރިކަމާ ބެހޭ ވަޒީރު ޠާރިޤު އިބްރާހީމް ވިދާޅުވީ، ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު ދަށްވެފައިވީ ނަމަވެސް، ރާއްޖެއަށް ދަތުރުކުރާ އެއާލައިންތަކުގެ ސީޓް ކެޕޭސިޓީ އާއި ސީޓް އޮކިއުޕެންސީ ވަރަށް ބޮޑަށް އިތުރުވެފައިވާ ކަމަށެވެ. އަދި ދުވާލެއްގެ މައްޗަށް ކެންސަލްވާ ފްލައިޓުގެ އަދަދުވެސް މިހާރު 20 އިން 16އަށް ދަށްވެފައިވާ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ