ނުވަ މަސް ފަހުން ސިނާންގެ ގޮނޑީގެ މައްސަލައިގެ ހުކުމް އާދިއްތަ ދުވަހު އިއްވަނީ
އަޑު އެހުން ނިމުނުތާ، ނުވަ މަސް ފަހުން، ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ޕީއެންސީގެ މެންބަރު މުހައްމަދު ސިނާނުގެ ގޮނޑި ގެއްލިފައިވާ ކަމަށް ބުނެ ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލައިގެ ހުކުމް، އަންނަ އާދިއްތަ ދުވަހަށް ތާވަލުކޮށްފިއެވެ. މިއީ ސިނާން ސާބިތު ދަރަންޏެއް ނުދައްކާކަމަށް ބުނެ އޭނާގެ ގޮނޑިއާ މެދު ގޮތެއް ނިންމުމަށް އެދި އަމިއްލަ ފަރާތަކުން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލައެކެވެ. އަންނަ އާދިއްތަ ދުވަހު މެންދުރު، މައްސަލައިގެ ހުކުމް އިއްވުމަށްވަނީ ތާވަލުކޮށްފަ އެވެ. މި މައްސަލަ ސުޕްރީމް ކޯޓުގައި ބަލަނީ ފަސް ފަނޑިޔާރުންގެ ބެންޗަކުންނެވެ. އެއީ ފަނޑިޔާރު އައިޝާ ޝުޖޫން މުހައްމަދު، އަލީ ރަޝީދު ހުސެއިން، ޑރ. މުހައްމަދު އިބްރާހީމް، ހުސެއިން ޝަހީދު އަދި މުހައްމަދު ސަލީމް އެވެ. މީގެ ތެރެއިން ސަލީމް އަދި ޝަހީދަކީ މި ސަރުކާރުން ސުޕްރީމް ކޯޓަށް އައްޔަން ކުރި ދެ ފަނޑިޔާރުންނެވެ. މި މައްސަލައިގެ އަޑު އެހުންތައް ނިމިފައި އޮންނަތާ މިހާރު ނުވަ މަސް ދުވަސް ވެއްޖެއެވެ. އަޑު އެހުން ނިންމާލަމުން ސުޕްރީމް ކޯޓުންވަނީ ވަރަށް އަވަހަށް މި މައްސަލައިގެ ހުކުމް ކުރައްވާނެކަން އިއުލާންކޮށްފައެވެ. މި މައްސަލައިގެ އަޑު އެހުންތައް ނިންމާލީ، ދަށު ކޯޓުން ހުށަހެޅި ބައެއް ލިޔުންތަކާއި ބޭންކުން ހުށަހެޅި ލިޔުންތަކާމެދު ބަހުސް ކުރުމަށް ފަހު އެވެ. ސިނާނުގެ މައްޗަށް ސާބިތުވީ އެހެން ބަޔަކާ ގުޅިގެން އިސްލާމިކް ބޭންކުން ނަގާފައިވާ 3.8 މިލިއަން ރުފިޔާގެ ލޯނެއްގެ މައްސަލަ އެވެ. އެ މައްސަލަ ރައްދުވަނީ އޭނާގެ އިތުރުން ސ. ހިތަދޫ، ވާދޫގެ، އަހުމަދު ވަހީދާއި އެ ރަށު، ވިހަލަގޮޑިމާގެ، މުހައްމަދު ސަލީމަށެވެ. ސިނާންގެ މައްޗަށް ސާބިތުވެފައިވާ ދަރަންޏެއް ނުދެއްކުމާ ގުޅިގެން، އޭނާގެ ގޮނޑިއާ މެދު ގޮތެއް ނިންމަން ސުޕްރީމް ކޯޓަށް ހުށަހަޅާފައިވަނިކޮށް އެ ދަރަނީގެ ބައެއް އޭނާވަނީ ކުރިން ދައްކަވައިފައި ކަމަށް ރިޕޯޓްކޮށްފައިވެއެވެ. މިއީ 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ މެންބަރެއްގެ ގޮނޑި ގެއްލުމާ ގުޅޭ ގޮތުން ސުޕްރީމް ކޯޓަށް ހުށަހެޅުނު ފުރަތަމަ މައްސަލަވެސް މެއެވެ. މި މައްސަލަ ސުޕްރީމް ކޯޓަށް ހުށައަޅާފައިވަނީ ގާލިބު ސަލީމް ކިޔާ މީހެކެވެ. ސުޕްރީމްކޯޓަށް ހުށަހެޅި މައްސަލާގައި އެދިފައިވަނީ ހުކުމާއި އެއްގޮތަށް ދަރަނި ނުދައްކާތީ މަޖިލިސް މެމްބަރުކަމުގެ ޝަރުތެއް އުނިވެފައިވާކަމަށް ކަނޑައަޅާ ގޮނޑި ގެއްލިއްޖެކަމަށް ކަނޑައަޅާ ދިނުމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ