ޒަރޫރީ ބޭހާއި ސިއްހީ އެހެނިހެން ސާމާނު ލިބުމުގައި ލަސްވުމާއި އެކަމާ ގުޅޭ ގޮތުން އާންމުންނަށް ޖަވާބުދިނުމުގައި ދިގު މުއްދަތެއް ހޭދަވާ ވަކި ސަބަބެއް ވިދާޅުވާން ދަތި ކަމަށާއި އެ މައުލޫމާތު އާންމު ފޯރަމެއްގައި ހިއްސާކުރެވެން ވެސް ނެތް ކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހީމް މިއަދު ވިދާޅުވެއްޖެ އެވެ.
ވީ ކިހިނެއް؟ - ހެލްތު މިނިސްޓްރީން ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިޔަކު ސުވާލުކުރީ، އާންމުން ކޮންމެހެން ބޭނުންވާ ބޭހާއި ސިއްހީ ސާމާނު ފަދަ ތަކެތި ގެނައުމަށް އެންސްޕާއިން ދޭން ޖެހޭ ހުއްދަދިނުމާއި އެފަދަ ކަންކަމުގައި އާންމުންނަށް ޖަވާބުދިނުމުގައި ނުވަތަ އެ ތަކެތި ފޯރުކޮށްދިނުމުގައި އެކަށީގެންނުވާ ދިގު މުއްދަތެއް ހޭދަވެގެންދަނީ ކީއްވެތޯ އެވެ.
ބުނީ ކީކޭ؟ - އެ ސުވާލު ނޫސްވެރިޔާ ދެ ފަހަރަށް ތަކުރާރު ކުރުމުން ވެސް ނާޒިމް ވިދާޅުވީ އެ މައުލޫމާތު ދެއްވަން އުނދަގޫ ކަމަށެވެ. އަދި އެފަދަ މައުލޫމާތު ހިއްސާކުރަނީ ކަމާ ބެހޭ ފަރާތްތަކާ އެކަނި ކަމަށް އޭނާ ވިދާޅުވި އެވެ.
"އަބަދު ވެސް އަޅުގަނޑު ދަންނަވަމުންދާ ވާހަކައަކީ ހެލްތު ފެސިލިޓީސްތަކުގައި ހިނގާ މިފަދަ ވަކި ސްޕެސިފިކް މިކަހަލަ މައްސަލައަކަށް މިފަދަ ފޯރަމެއްގައި ވާހަކަދައްކަން ވަރަށް އުނދަގުލޭ،" ނާޒިމް ވިދާޅުވި އެވެ.
"... ތިކަމާ ބެހޭ އެފަދަ މައުލޫމާތުތައް އާންމުކޮށް ޕަބްލިކް މީޑިއާގައި ހިއްސާކުރަނީ، އެކަމާ ގުޅޭ ފަރާތްތަކަކަށް ދޭންޖެހޭ މައުލޫމާތުތަކެއް ދެނީި. [ޕަބްލިކް މީޑިއާގައި] އާންމުކޮށް ހިއްސާކުރަނީ މިކަން ބެލުމުންދާ ވާހަކަ އާއި ގާނޫނީ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އަޅަމުންދާނެކަން."
ނާޒިމް އިތުރަށް ވިދާޅުވީ:
ސިއްހީ ހިދުމަތްދޭ ތަންތަނުގައި މިފަދަ ހާދިސާތައް ހިނގާ ކަމާއި މިއީ ދުނިޔޭގެ ހުރިހާ ސިއްހީ ނިޒާމެއްގައި ވެސް އޮތް ވަރަށް ބޮޑު ގޮންޖެހުމެއް ކަމަށް ޑަބްލިއުއެޗްއޯއިން ވެސް ފާހަގަކުރޭ
އެކަމާ ގުޅޭ ބޮޑެތި ކޮންފަރެންސްތައް ބާއްވާ، މިފަދަ ހާދިސާތައް މަދުކުރުމަށް ބޮޑެތި މަސައްކަތްތަކެއް ކުރޭ
މިފަދަ ހާދިސާތައް މަދުކުރަން ކުރަންޖެހޭ އެންމެ މުހިންމު އެއް ކަމަކީ މިފަދަ ހާދިސާތައް ރިޕޯޓުކުރެވޭނެ ނިޒާމު ހަރުދަނާކުރުން
ފޯނުން ގުޅައިގެންނާއި އޮންލައިންކޮށް އަދި އަމިއްލައަށް އައިސްގެން ވެސް މިފަަދަ ކަންކަން ރިޕޯޓުކުރެވޭނެ ނިޒާމެއް މިހާރު ވެސް ހެލްތު މިނިސްޓްރީގެ ކޮލިޓީ އެޝުއަރެންސް ޑިޕާޓްމަންޓުގައި ގާއިމުކޮށްފައި އެބަހުރި
މިފަދަ ކަންކަން ރިޕޯޓުކުރުމުން އެކަންކަން ބަލައި ފިޔަވަޅު އެޅޭނެ ނިޒާމެއް ގާއިމުކޮށް، އެ ނިޒާމު އަންނަނީ ދުވަހެއް ދުވަހަކަށް ހަރުދަނާ ކުރަމުން
ސިއްހީ ފަރުވާ ހޯދުމުގެ ގައިޑްލައިންތައް ހަދައި އެއަށް އާންމުން އަހުލުވެރިކުރުމަކީ ވެސް މުހިންމު ކަމެއް
ނޫސްވެރިޔާ މި ސުވާލުކުރީ، އުމުރުން 6 އަހަރުގެ ކުއްޖަކު ކެއިންބުއިމަށް ބޭނުންވާ ފީޑިން ޓިއުބެއް ލިބުން ލަސްވެ މިދިޔަ މަހު މަރުވި މައްސަލައާ ގުޅިގެންނެވެ. އެ ޓިއުބް ހޯދަން އެސްޓީއޯގައި އެދިގެން އުޅޭތާ އަށް މަސް ވީއިރު ވެސް ނުލިބިގެން ކާން ނުދެވި ހާލު ދެރަވަމުންދާތީ އެ ކުއްޖާގެ މަންމަ ސޯޝަލް މީޑިއާގައި ވެސް އެކަން ހިއްސާކޮށްފައިވެ އެވެ.
ސޯޝަލް މީޑިއާގައި އެ ކުއްޖާގެ މަންމަ ވެސް އެންމެ ބޮޑު ކަންބޮޑުވުމެއް ހިއްސާކުރީ، އިންސާނެއްގެ ދިރިހުރުމާ ގުޅިފައިވާ އެފަދަ އެއްޗެއް ފޯރުކޮށްދިނުން އެހާ ލަސްވާއިރު ވެސް، އެކަމާ ގުޅޭ ގޮތުން ތަކުރާރުކޮށް ސުވާލުކުރިއިރު ވެސް ޖަވާބެއްދީފައިނުވާތީ އެވެ.
އެ ޓިއުބަށް އޯޑަރު ނުދެވިގެން އުޅެނީ އެންސްޕާގެ ހުއްދަ ނުލިބިގެން ކަމަށް އެސްޓީއޯއިން ބުނެފައިވަނީ އެއަށް އެދިގެން އުޅޭތާ އަށް މަސް ފަހުން ކަމަށް ކުއްޖާގެ މަންމަ ބުންޏެވެ. އަދި އެފަދަ ޒަރޫރީ އެއްޗަކަށް އެންސްޕާއިން ހުއްދަ ނުދޭ ސަބަބަކީ ކޮބައިތޯ ވެސް އޭނާ ސުވާލުކުރި އެވެ.
މި މައްސަލާގައި އެއްވެސް ފިޔަވަޅެއް އަޅާފައިވޭތޯ ނޫސްވެރިޔާ ސުވާލުކުރުމުން ވެސް ނާޒިމް ވިދާޅުވީ، މީހަކު މަރުވީ ވަކި ކަމަކާ ގުޅޭ ގޮތުންނޭ ނުވަތަ ވަކި ގޮތަކަށް ވަކި ކަމެއް ވެގެންނޭ ބުނުމަކީ ވެސް ކުރެވޭނެ ކަމެއް ނޫން ކަމަށެވެ.
"އާއިލާއަށް ހިއްސާކުރަންޖެހޭ މައުލޫމާތު އާއިލާއާ ހިއްސާކޮށް އަދި ސިއްހީ ހިދުމަތުން އަޅަންޖެހޭ ފިޔަވަޅުތައް އެ ހިދުމަތަކުން އެޅުމަށްޓަކައި ގާނޫނީ ގޮތުން ކުރަންޖެހޭ ކަންކަން ކުރަމުންދާނެ ކަމުގެ ކަށަވަރުކަން ހަމަ އަބަދު ވެސް ދެން. މިފަދަ ފޯރަމެއްގައި އެހާ ތަފްސީލުކޮށް މިފަދަ ވާހަކަތައް ދެއްްކުމަކީ އާއިލާއަށް ވެސް އަދި ސިއްހީ ހިދުމަތްތައް ދޭ ފަރާތްތަކަށް ވެސް އެހާ ރައްކާތެރިކަމަކަށް ނުވޭ،" ނާޒިމް ވިދާޅުވި އެވެ.
ޒަރޫރީ ބޭސް ލިބުން ލަސްވުން: މިނިސްޓަރަށް ވަކި ސަަބަބެއް ވިދާޅުވާން ދަތި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ