ސާފް ޗެމްޕިއަންޝިޕުގައި ފުރަތަމަ ފަހަރަށް ވީއޭއާރް ތައާރަފްކުރަން މަސައްކަތްކުރަނީ

މިއަހަރު ބޭއްވުމަށް ތައްޔާރުވަމުންދާ ދެކުނު އޭޝިއާގެ އެންމެ ބޮޑު ފުޓްބޯޅަ އީދު، ސާފް ޗެމްޕިއަންޝިޕްގައި ފުރަތަމަ ފަހަރަށް ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް) ބޭނުންކުރުމުގެ މަޝްވަރާތައް ސާފް ފެޑެރޭޝަނުން ފަށައިފިއެވެ. ސަރަހައްދުގެ ގިނަ މީޑިއާތަކުން ރިޕޯޓްކުރާ ގޮތުގައި، މިއީ މުބާރާތުގެ ފެންވަރު މަތިކޮށް، ރެފްރީންގެ ނިންމުންތައް އިތުރަށް ފުރިހަމަކުރުމަށް އެޅޭ ވަރަށް މުހިންމު ފިޔަވަޅެކެވެ. ސާފްގެ ޖެނެރަލް ސެކްރެޓަރީ ޕުރުޝޯތަމް ކަޓޭލް ވިދާޅުވި ގޮތުގައި، ވީއޭއާރް ބޭނުންކުރަން ނިންމާނީ އެކަމަށް ބޭނުންވާ ވަސީލަތްތަކާއި ގާބިލުކަން ހުރިތޯ ބެލުމަށްފަހުގައެވެ. މި އަހަރުގެ މުބާރާތް ބޭއްވުމަށް ހަމަޖެހިފައިވަނީ ބަންގްލަދޭޝްގެ ވެރިރަށް ޑާކާގައެވެ. ރިޕޯޓްތައް ބުނާގޮތުން، ސެޕްޓެމްބަރު 21 އިން އޮކްޓޫބަރު 6 އަށް ކުރިއަށްދާ މި މުބާރާތް އިންތިޒާމްކުރާނީ ކުރިންވެސް އޮތް ގޮތަށް އެއް ގައުމެއްގައި ސެންޓްރަލައިޒްޑް ކޮށެވެ. މީގެ ކުރިން "ހޯމް އެންޑް އަވޭ" ފޯމެޓަށް މުބާރާތް ބަދަލުކުރަން އުޅުނު ނަމަވެސް، ދިމާވި ތަފާތު ގޮންޖެހުންތަކާހުރެ އެކަން ވަނީ މަޑުޖައްސާލާފައެވެ. ސާފްގެ ރަސްމީ އިޢުލާނެއް އަދި ނުލިބުނު ނަމަވެސް، ބަންގްލަދޭޝްގައި މުބާރާތް ބޭއްވުމުގެ ގިނަ ތައްޔާރީތަކެއް މިހާރު ވަނީ ނިމިފައެވެ. ބަންގްލަދޭޝްގައި މިފަހަރު މުބާރާތް ބާއްވައިފިނަމަ، މިއީ ހަ އަހަރަށްފަހު އެ ގައުމުގައި މި މުބާރާތް ބާއްވާ ފުރަތަމަ ފަހަރެވެ. އެންމެ ފަހުން 2018 ވަނަ އަހަރު ބަންގްލަދޭޝްގައި ބޭއްވި ސާފް ޗެމްޕިއަންޝިޕަކީ ދިވެހި ސަޕޯޓަރުންނަށް ވަރަށް ހާއްސަ މުބާރާތެކެވެ. އެ ފަހަރުގެ ފައިނަލުގައި އިންޑިއާ ބަލިކޮށް ރާއްޖެއިން ވަނީ ތާރީޚީ ކާމިޔާބީއެއް ހޯދައި، ދެވަނަ ފަހަރަށް ތަށި އުފުލާލާފައެވެ. މިއަހަރުގެ މުބާރާތަށްފަހު، އަންނަ އަހަރުވެސް އިތުރު ސާފް ޗެމްޕިއަންޝިޕެއް ބޭއްވުމުގެ ފުރުސަތު އޮތް ކަމަށް ސާފް އިން ވަނީ ހާމަކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ