ވެރިކަންކުރާ ކޮންގްރެސް ޕާޓީގެ ޓިކެޓްގައި، ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަންގައި ވާދަކުރުމަށް ޝައުޤުވެރި ވާ ފަރާތްތަކަށް އެ ފުރުޞަތު ހުޅުވާލައިފި އެވެ.
ޕީއެންސީ އިން ބުނެފައިވަނީ، އަންނަ ޖޫންމަހުގެ 6 ވަނަދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ބައި އިލެކްޝަންގައި ޕީޕަލްސް ނޭޝަނަލް ކޮންގްރެސްގެ ޓިކެޓްގައި ވާދަކުރަން ބޭނުންވާ ޕާޓީގެ ޢާންމު މެންބަރުންނަށް އެކަމަށް އެދި ހުށައެޅުމުގެ ފުރުޞަތު އަންގާރަ ދުވަހުން ފެށިގެން އޭޕްރިލް 19 ވާ އާދީއްތަ ދުވަހުގެ އިރުއޮއްސި 6:00 އާ ހަމަޔަށް ހުޅުވާލާފައިވާ ކަމަށެވެ.
ކޮންގްރެސް ޕާޓީގެ ޓިކެޓުގައި މި ބައި އިލެކްޝަންގައި ވާދަކުރުމަށް ޝައުޤުވެރިވާ ފަރާތްތަކުން ފޯމު ހުށައެޅުމަށް ހުޅުވާލާފައިވާ ފުރުސަތުގެ ސުންގަޑި ހަމަވާއިރު، ޝަރުޠުތައް ފުރިހަމަވާ އަދި ޕާޓީގެ އިންތިޚާބުތަކާއިގުޅޭ ޓެކްނިކަލް ކޮމިޓީއިން ބަލާ މިންގަނޑުތަކަށް ފެތޭ އެއް ފަރާތަށްވުރެ ގިނަ ފަރާތްތަކުން ކުރިމަތިލާފައިވާނަމަ ޕާޓީގެ ފަރާތުން ވާދަ ކުރާ ކެންޑިޑޭޓެއް ކަނޑައަޅާނީ އެފަރާތްތަކުގެމެދުގައި ބޭއްވޭ ޕާޓީގެ އެތެރޭގެ ޕްރައިމަރީ އަކުން ކަމަށް އެ ޕާޓީން ބުނެއެވެ.
މީގެ އިތުރުން، ޕީއެންސީގެ ޓިކެޓްގައި ވާދަކުރުމަށް އެދޭ ފަރާތްތަކުން އެކަމަށް އެދި ހުށަހަޅާނީ ޕާޓީގެ ރަސްމީ ވެބްސައިޓް މެދުވެރިކޮށެވެ. އަދި ހުށަހަޅާ ހުށައެޅުމާއެކު، އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅަންޖެހޭ ކުށާއި ދަރަނީގެ ރެކޯޑް ފަދަ އެންމެހާ ލިޔެކިޔުންތައް އެކަމަށް އޮންނަ އިޖުރާއާތުތަކުގެ ތެރެއިން ހޯދާ އެ ލިޔެކިޔުންތައްވެސް ހުށަހަޅާންވާނެ ކަމަށްވެސް އެޕާޓީ އިން ބުނެފައިވެއެވެ.
ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ގޮނޑި ހުސްވީ މެންބަރަކަށް ހުންނެވި މުހައްމަދު ސިނާންގެ މެންބަރުކަން ގެއްލިފައިވާ ކަމަށް ސުޕްރީމް ކޯޓުން މިދިޔަ އާދީއްތަ ދުވަހު ހުކުމްކުރުމުންނެވެ.
ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަން: ޕީއެންސީގެ ޓިކެޓަށް ހުޅުވާލައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ