ބިދޭސީންނަށް ސޯޝަލް ހައުސިން ޔުނިޓުތައް ކުއްޔަށް ދޭނަމަ ތަން އަތުލަނީ

ހުޅުމާލޭން ދޫކޮށްފައިވާ ސޯޝަލް ހައުސިން ޔުނިޓުތައް ބިދޭސިންނަށް ކުއްޔަށް ދީފައިވޭތޯ ބަލާ، ފިޔަވަޅު އަޅާނެ ކަމަށް އެޗްޑީސީ އިން ބުނެފި އެވެ.
ވީ ކިހިނެއް؟ - ސޯޝަލް ހައުސިން ސްކީމުތަކުގެ މަގުސަދާ ހިލާފަށް އެތަންތަން ކުއްޔަށް ދޫކޮށްފައި ހުންނަ ކަމަށާއި، ބައެއް ތަންތަނުގައި ބިދޭސިންގެ ލޭބާ ކުއާޓާތައް ވެސް ހަދާފައި ހުންނަކަމަށް ބުނެ ރައީސް މުއިއްޒު މާލޭ ރައްޔިތުންނާއެކު ބޭއްވެވި ބައްދަލުވުންތަކުގައި ރައްޔިތުން ވަނީ ޝަކުވާ އުފުލައިފަ އެވެ.
ތަފްސީލް - އެޗްޑީސީ އިން ރޭ ބުނީ، ހުޅުމާލޭގައި ސަރުކާރުން ތަރައްގީކޮށް ޝަރުތު ހަމަވާ މީހުންނަށް ދޫކޮށްފައިވާ ސޯޝަލް ހައުސިން ޔުނިޓުތައް ބައެއް ފަރާތްތަކުން ގަވައިދާ ހިލާފަށް ބިދޭސިންނަށް ކުއްޔަށް ދެމުންދާކަން ފާހަގަވެފައިވާ ކަމަށެވެ.
މިގޮތަށް ސޯޝަލް ހައުސިން ޔުނިޓުތައް ބިދޭސިންނަށް ކުއްޔަށް ދޫކޮށްފައިވާނަމަ އަންނަ މަހުގެ 3 ވަނަ ދުވަހުގެ ކުރިން ތަން ހުސްކުރުމަށް، ކުއްޔަށް ހިފާފައިވާ ބިދޭސިންނަށް އެންގުމަށް އެޗްޑީސީ އިން ވަނީ ހައުސިން ޔުނިޓުތައް ލިބުނު މީހުންނަށް އަންގައިފަ އެވެ. އަދި އެތަންތަން ލިބިފައިވާ މީހުން އެޗްޑީސީ އާއެކު ހަދާފައިވާ އެއްބަސްވުމާ އެއްގޮތަށް އަމަލު ކުރަން ވެސް ވަނީ އަންގައިފަ އެވެ.
އަންނަ މަހުގެ3 ގެ ފަހުން އެއްވެސް ފަރާތަކުން ބިދޭސިންނަށް ސޯޝަލް ހައުސިން ޔުނިޓު ކުއްޔަށް ދީފައިވާނަމަ، އެޗްޑީސީ އާއެކު ހަދާފައިވާ ހައުސިން ޔުނިޓުގެ އެއްބަސްވުން އުވާލާނެ ކަމަށް އެ ކުންފުނިން ބުންޏެވެ.
ގުޅުން ހުރި -ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)ން ހުޅުމާލޭގައި ތަރައްގީކޮށްފައިވާ ފްލެޓުތައް އެއްބަސްުވުމާ ހިލާފަށް ކުއްޔަށް ދޭ ނަމަ އެ ތަންތަން އަތުލާނެ ކަމަށް އެ ކުންފުނިން މީގެ ކުރިން ވެސް ވަނީ ބުނެފަ އެވެ. މީގެ އިތުރުނ ްހައުސިން ސްކީމްތަކުގެ ދަށުން ރައްޔިތުންނަށް ދޭ ފްލެޓްތައް ކުއްޔަށް ދޫކުރާ ނަމަ، ގާނޫނުގައި ހިމަނައިގެން ވެސް އެކަމަށް ފިޔަވަޅު އަޅުއްވާނެ ކަމަށް ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ވެސް ވަނީ ވިދާޅުވެފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ