1،400 އެއްހާ މީހުން ދިރިއުޅޭ ކެންދޫން މިއަދު 38 ފަހަރު ކަރަންޓު ކެނޑިއްޖެ، ރައްޔިތުންނަށް އެތައް ގެއްލުމެއް
ވޭތުވެދިޔަ 24 ގަޑިއިރުތެރޭ ބ. ކެންދޫގެ އެކި ސަރަހައްދުތަކުން 38 ފަހަރު ކަރަންޓު ކެނޑި، އެތައް އުނދަގުލަކާ ކުރިމަތިލާން ޖެހިއްޖެއެވެ. އެ ރަށު ކައުންސިލުގެ ރައީސް އިބްރާހީމް ޢަބްދުއްރަޙްމާން 'ސަން'އަށް މިރޭ ވިދާޅުވީ، ވޭތުވެދިޔަ 24 ގަޑިއިރުތެރޭ 38 ފަހަރު ކަރަންޓު ކެނޑިއްޖެ ކަމަށާއި، އެކަމަކު ފެނަކައިން ކަރަންޓު ކެނޑޭ ސަބަބާ މެދު އެއްވެސް ޖަވާބެއް ނުލިބޭ ކަމަށެވެ. ކަރަންޓުގެ މައްސަލަ ހައްލުނުވެ އޮންނަތާ ކެންދުއަށް ދޮޅުއަހަރަށް ވުރެ ގިނަދުވަސް ވެއްޖެކަން އޭނާ ފާހަގަކުރެއްވިއެވެ. "އާންމުގޮތެއްގަ ކަރަންޓު ސްޓޭބަލެއްނޫން، ހާލުގަ މި އޮންނަނީ، ސަރުކާރުން ވަރަށް ފަހުން ވެސް ގެނައި ބްރޭންޑް ނިއު، "ބާ" ޖެނެރޭޓަރެއް،" ކަރަންޓުގެ ހާލަތު އިބްރާހީމް ކިޔައިދެއްވިއެވެ. އިބްރާހީމް ވިދާޅުވީ އެއް ދުވަހެއްގެ ތެރޭ އެހާ ގިނައިން ކަރަންޓު ކެނޑުމުގެ ސަބަބުން، ގިނަ ގޭބިސީތަކުގެ އޭސީތަކާއި ފުރިޖުތައް ފަދަ އިލެކްޓްރޯނިކް ސާމާނުތަކަށް ގެއްލުންވާނެ ކަމަށެވެ. "އަޅުގަނޑަށް މިއަދު އިރުއޮއްސެން އުޅެނިކޮށް މައުލޫމާތު ލިބުނީ ޑައިވް ސެންޓަރެއްގެ ކޮމްޕްރެސަރު ފުނޑިގެން، މިހުންނަނީ ފޫނުބެދޭވަރުގެ ގެއްލުން،" އޭނާ ވިދާޅުވިއެވެ. އިތުރަށް އޭނާ ވިދާޅުވީ، ރަށުން ކަރަންޓު ކެނޑޭ މައްސަލައިގައި ރައްޔިތުންގެ ކަންބޮޑުވުން އިތުރު ކަމަށެވެ. "ދެއަހަރަށް ވުރެ ގިނަ ދުވަސްވީ، އާ އިންޖީނުގެއެއް ހަދައި ނަމަވެސް އިންޖީނުތައް ބަދަލުނުކޮށްދޭ، އަޕްގްރޭޑެއް ނުކުރޭ، މިހާލެއްގަ ހިންގާތާ ކިހާ ދުވަހެއް،" އިބްރާހީމް ވިދާޅުވިއެވެ. ކެންދޫއަކީ 1،400 މީހުންގެ އާބާދީއެއް އޮންނަ ރަށެކެވެ. https://sun.mv/210872 ފާހަގަކުރެވޭ ގޮތުގައި އިރުއިރުކޮޅުން ކަރަންޓު ކެނޑޭތީ އެ ކަމާ ހިތްހަމަ ނުޖެހިގެން ކެންދޫގައި މިދިޔަ ސެޕްޓެންބަރު މަހު ކުރީކޮޅު އިހުތިޖާޖުވެސް ކުރިއެވެ. މީގެ ކުރިން އިބްރާހީމް 'ސަން'އަށް ވިދާޅުވިގޮތުގައި ކަރަންޓުގެ މައްސަލަ ދިމާވާން ފެށީ، ފެނަކައިން ހިންގާ އެ ރަށުގެ އިންޖީނު ގޭގައި ހުރި ޖަނަރޭޓަރެއް މައްސަލަ ޖެހި، އެ ކަން ހައްލުކުރަން ރަށަށް ބާ ޖަނަރޭޓަރެއް ގެނެސް ބޭނުންކުރަން ފެށިފަހުންނެވެ. ރާއްޖޭގެ އެހެން ބައެއް ރަށްރަށުގައި ވެސް ކަރަންޓު ކެނޑުމުގެ މައްސަލަ ވަރަށް ބޮޑު ވެފައިވެއެވެ. މި ސަރުކާރުން ވަނީ، އެ މައްސަލަތައް ދިމާވާ މައިގަނޑު ސަބަބަކީ، އަތޮޅުތެރޭގައި ކަރަންޓު ޚިދުމަތް ފޯރުކޮށްދޭ ފެނަކައިގެ އިންޖީނުގެތައް އަދާހަމަނުކޮށް ކުރުން ކަމަށް ބުނެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ