އިރާނު ހަނގުރާމައާ ދެކޮޅުވާ މީޑިއާތަކުގެ ލައިސެންސް ހިފަހައްޓާނަން: އެމެރިކާ

އިރާނާ އެކު ކުރަމުންދާ ހަނގުރާމައާ ގުޅޭ ގޮތުން ހަގީގަތާ ހިލާފު ނުވަތަ އޮޅުވާލުންތަކެއް ހިމެނޭ ހަބަރުތައް ފަތުރާ ބްރޯޑްކާސްޓަރުންގެ ލައިސަންސް ބާތިލްކޮށްފާނެ ކަމުގެ އިންޒާރު އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސަރުކާރުން އިއްޔެ ދީފި އެވެ.
ސަރުކާރުގެ މި ނިންމުމާ އެކު ގާނޫނު ހަދާ މަޖިލީހުގެ މެންބަރުންނާއި ހިޔާލު ފާޅުކުރުމުގެ މިނިވަންކަމަށް ވަކާލާތުކުރާ ފަރާތްތަކުގެ ބޮޑެތި ފާޑުކިޔުންތަކެއް ވަނީ އަމާޒުވެފަ އެވެ.
ފެޑެރަލް ކޮމިއުނިކޭޝަންސް ކޮމިޝަން (އެފްސީސީ)ގެ ޗެއާމަން ބްރެންޑަން ކާ ވިދާޅުވީ، ބްރޯޑްކާސްޓަރުން މަސައްކަތް ކުރަންވާނީ އާންމު މަސްލަހަތު އިސްކޮށްގެން ކަމަށެވެ. އަދި ދޮގު ހަބަރާއި ހަގީގަތް އޮޅޭ ފަދަ މައުލޫމާތު ނުވަތަ "ފޭކް ނިއުސް" ފަތުރާ ކަމަށް ތުހުމަތުކުރެވޭ ފަރާތްތަކުގެ ލައިސަންސް އާކުރަން ޖެހޭ ވަގުތު އެކަމުގެ ނޭދޭވޭ ނަތީޖާއާ ކުރިމަތިލާން ޖެހިދާނެ ކަމުގެ އިންޒާރު އޭނާ ދެއްވި އެވެ.
ކާގެ މި ބަޔާން އައިސްފައިވަނީ، ސައުދީ އަރަބިއްޔާގައި ހުންނަ އެމެރިކާގެ އަސްކަރީ މަރުކަޒަކަށް އިރާނުން ދިން ހަމަލާއެއްގެ ހަބަރު މީޑިއާތަކުން ރިޕޯޓްކުރި ގޮތާ މެދު ޓްރަމްޕް ހިތްޕުޅުހަމަނުޖެހުން ފާޅުކުރައްވާފައި ވަނިކޮށެވެ. މަތިންދާބޯޓުތަކަށް ތެޔޮ އަޅައިދޭ ބޯޓުތަކެއް ހަލާކުވި ކަމަށް ބުނެ ފެތުރި ހަބަރުތަކަކީ ދޮގު ހަބަރުތަކެއް ކަމަށް ވިދާޅުވެ، ޓްރަމްޕް ވަނީ ބައެއް ނޫސްތަކަކީ ދަށު ދަރަޖައިގެ ނޫސްތަކެއްގެ ގޮތުގައި ސިފަކުރައްވައި އެ ފަރާތްތަކުން ބޭނުންވަނީ އެމެރިކާ ހަނގުރާމައިން ބަލިވުމަށް ކަމަށް ތުހުމަތު ކުރައްވާފަ އެވެ.
މި އިންޒާރާ ގުޅިގެން ސިޔާސީ ބޭފުޅުންނާއި މަދަނީ ހައްގުތަކަށް މަސައްކަތްކުރާ ޖަމިއްޔާތަކުން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. އެ ފަރާތްތަކުން ބުނާ ގޮތުގައި މިއީ ނޫސްވެރިކަމުގެ މިނިވަންކަމަށް އެޅޭ ވަރަށް ބޮޑު ހުރަހެކެވެ.
ހަވާއީގެ ސެނެޓަރު ބްރިއަން ޝާޓްޒް ވިދާޅުވި ގޮތުގައި، މިއީ ހަނގުރާމައިގެ ހަބަރުތައް ހަމައެކަނި ސަރުކާރުން ބޭނުންވާ ގޮތަށް ޕޮޒިޓިވްކޮށް ގެނެސްދިނުމަށް މީޑިއާތަކަށް ކުރާ މަޖުބޫރުކުރުމެކެވެ. އޭނާ ވިދާޅުވީ، މިއީ ހަނގުރާމައާ ގުޅޭ ރަނގަޅު ހަބަރުތައް ފެތުރުމަށް ނުވަތަ ލައިސަންސް އާނުކޮށްފާނެ ކަމުގެ ބިރު ދެއްކުމަށް ސަރުކާރުން ދިން ސީދާ އަމުރެއް ކަމަށެވެ.
ފައުންޑޭޝަން ފޯ އިންޑިވިޖުއަލް ރައިޓްސް އެންޑް އެކްސްޕްރެޝަންގެ އާރޮން ޓެރް ވެސް ވަނީ މި ނިންމުމަށް ފާޑުވިދާޅުވެފަ އެވެ. އޭނާ ވިދާޅުވީ، ދައުލަތުން ކުރަމުންދާ ހަނގުރާމަ އަކާ ގުޅޭ މައުލޫމާތު ސެންސަރު ކުރުމުގެ ބާރު ގާނޫނުއަސާސީން ސަރުކާރަށް ލިބިގެން ނުވާ ކަމަށެވެ.
މި މައްސަލަ ހޫނުވެފައި މިވަނީ ހަނގުރާމައާ މެދު އެމެރިކާގެ އާންމުންގެ މެދުގައި ނުތަނަވަސްކަން އުފެދިފައިވާ ދަނޑިވަޅެއްގަ އެވެ. ކުއިނިޕިއަކުން ކުރި ސާވޭއަކުން ދައްކާ ގޮތުގައި، މިދިޔަ މަހުގެ 28ގައި އެމެރިކާ އާއި އިޒްރޭލުން ދޭން ފެށި ހަމަލާތަކާ ގުޅިގެން ފެށުނު މި ހަނގުރާމައާ ވޯޓުލާ މީހުންގެ %53 ދެކޮޅެވެ.
ފާޑުކިޔުންތައް އަމާޒުވި ނަމަވެސް، ޓްރަމްޕް ގެންދަވަނީ މި ހަނގުރާމަ ކާމިޔާބު ކަމަށް ވިދާޅުވަމުންނެވެ.
"އަހަރެމެން ކާމިޔާބު ހޯދައިފިން. ހަނގުރާމައިގެ ފުރަތަމަ ގަޑިއިރު ތެރޭގައި ހުރިހާ ކަމެއް ވަނީ ނިމިފައި،" ކެންޓަކީގައި ބޭއްވި އެއްވުމެއްގައި ސަޕޯޓަރުންނާ ވާހަކަދައްކަވަމުން އޭނާ މިދިޔަ ބުރާސްފަތި ދުވަހު ވިދާޅުވި އެވެ.
މިހާރު ވެސް ހަނގުރާމަ އިތުރަށް ވަރުގަދަވަމުންދާއިރު، އިރާނުން ދަނީ އެމެރިކާގެ ފައުޖުތަކަށް ހަމަލާދެމުންނެވެ. އަދި ހޮރްމުޒް ކަނޑުއޮޅި ބަންދުކުރުމާ ގުޅިގެން ދުނިޔޭގެ ހަކަތައިގެ ބާޒާރަށް ވަނީ ބޮޑެތި ބުރޫތަކެއް އަރާފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ