އިންޑިއާގެ ކަނޑުގެ ސިފައިންގެ ޚާއްޞަ އުޅަނދެއް ކަމަށްވާ "އައި.އޯ.އެސް ސާގަރު" ބައިނަލްއަޤްވާމީ ފަޅުވެރިންގެ ޓީމަކާއެކު ދިވެހިރާއްޖޭގެ ވެރިރަށް މާލެއަށް ބަނދަރުކޮށްފިއެވެ.
މި އުޅަނދު މާލެއަށް ބަނދަރުކޮށްފައިވަނީ މިއަދު ހެނދުނުގެ ވަގުތެއްގައެވެ. އަދި ރާއްޖޭގައި ހުންނަ އިންޑިއާގެ ހައި ކޮމިޝަނުން މިކަމާއި ބެހޭގޮތުން އެކްސްގައި ޕޯސްޓްކޮށްފައެވެ.
މިއީ މި އުޅަނދު ޤައުމުން ބޭރަށް ކުރާ ދަތުރުތަކުގެ ތެރެއިން ބަނދަރުކުރި ފުރަތަމަ މަންޒިލެވެ.
އިންޑިއާ ހައި ކޮމިޝަނުން ކުރި ޕޯސްޓް
މި އުޅަނދުގައި ތަފާތު 16 ޤައުމަކަށް ނިސްބަތްވާ 39 ފަޅުވެރިން ބައިވެރިވެއެވެ. އޭގެ ތެރޭގައި ދިވެހިރާއްޖޭގެ ޤައުމީ ދިފާޢީ ބާރު (އެމް.އެން.ޑީ.އެފް) ގެ ސިފައިންވެސް ހިމެނޭކަން ފާހަގަކޮށްލެވެއެވެ. މިފަދަ ބައިނަލްއަޤްވާމީ ވަފުދަކާއެކު މި އުޅަނދު ރާއްޖެއަށް އައުމަކީ ދެ ޤައުމުގެ ދެމެދުގައި އޮތް ގުޅުން ހާމަކޮށްދޭ ކަމެކެވެ.
"އައި.އޯ.އެސް ސާގަރު" ގެ މި ދަތުރުފުޅަކީ އިންޑިއާގެ ޚާއްޞަ ތަޞައްވުރެއްގެ ދަށުން ކުރިއަށްދާ ހަރަކާތެކެވެ. މި ތަޞައްވުރު ބިނާވެފައިވަނީ ގުޅިގެން މަސައްކަތްކުރުމުގެ ތެރެއިން ލީޑަރޝިޕް ދެއްކުމަށާއި، އެއްބައިވަންތަކަމުގެ ތެރެއިން ވަރުގަދަ ބާރަކަށް ވުމަށެވެ.
މީގެ އިތުރުން، މި ދަތުރުގެ މައިގަނޑު އެއް މަޤްޞަދަކީ ސުލްހަވެރިކަމާއެކު ކުރިއެރުން ހޯދުމެވެ. "ޕްރޮގްރެސް ތްރޫ ޕީސް" ނުވަތަ ސުލްހައިގެ ތެރެއިން ތަރައްޤީ ހޯދުމުގެ ސިޔާސަތު މި ދަތުރުން ރަމްޒުކޮށްދެއެވެ.
މި އުޅަނދު މާލެއަށް ކުރި މި ޒިޔާރަތަކީ ބައިނަލްއަޤްވާމީ ފެންވަރުގައި ކުރިއަށްގެންދާ "އޯވަރސީސް ޑިޕްލޯއިމަންޓް" ނުވަތަ ބޭރުގެ ޤައުމުތަކަށް ކުރާ ދަތުރުތަކުގެ ފެށުމެވެ. މިއީ ސަރަޙައްދީ ރައްކާތެރިކަމާއި ގުޅުން ބަދަހިކުރުމަށް އެޅުނު މުހިންމު ފިޔަވަޅެކެވެ.
އިންޑިއާގެ ކަނޑުގެ ސިފައިންގެ އުޅަނދު "އައި.އޯ.އެސް ސާގަރު" މާލެއަށް ބަނދަރުކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ