އެމެރިކާ ވަނީ އީރާންގެ މައްޗަށް ކާމިޔާބު ހޯދާފައި، އީރާނާއެކު ދެކެވުނު ވާހަކަތައް ކާމިޔާބު ވުން މުހިއްމެއްނޫން: ޓްރަމްޕް

ވޮޝިންޓަން (12 އެޕްރީލް 2026): އެމެރިކާއާއި އީރާނާ ދެމެދު ޕާކިސްތާނުގައި ދެކެވުނު ވާހަކަތައް ކާމިޔާބުކަން ނުވަތަ ނޫންކަން ބެލުމަކީ އޭނާއަށް މުހިއްމު ކަމެއް ނޫންކަމަށް، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެއެވެ. ވައިޓް ހައުސްގައި ދެއްވި ބަޔާނެއްގައި ޓްރަމްޕް ވިދާޅުވީ އީރާނާއެކު އެއްބަސްވުމަކަށް އާދެވުމާއި ނާދެވުން އެއީ އޭނާއަށް މުހިއްމު ކަމެއް ނޫން ކަމަށެވެ. މުހިއްމު ކަމަކީ އީރާން އަސްކަރީ ގޮތުން ބަލިކޮށްލެވިފައިވުން ކަމަށާ ހަނގުރާމަ ހުއްޓާލީވެސް މި މަގްސަދު ހާސިލްކޮށްފައި ކަމަށް ޓްރަމްޕް ވިދާޅުވިއެވެ. ޓްރަމްޕް ވިދާޅުވީ، އީރާން އަސްކަރީ ގޮތުން ވަރަށް ބޮޑަށް ބަލިކުރެވިއްޖެ ކަމަށާއި، އެ ގައުމުގެ އަތުގައި މިހާރު އެކައްޗެއްވެސް ނެތް ކަމަށެވެ. އަދި އެމެރިކާ ވާނީ އެ ގައުމުގެ އަތުގައި ހުރި ހުރިހާ އެއްޗެއް ހަލާކުކޮށްލާފައި، ނިއުކްލިޔާ މަރުކަޒުތަކައި ބަލިސްޓުކް މިސައިލްތަކާއި ޑްރޯންތައްވެސް ހަލާކުކޮށްލާފައި ކަމަށް ޓްރަމްޕް ވިދާޅުވިއެވެ. މީގެ އިތުރުން، ހަނގުރާމައިގައި އެމެރިކާ ވަނީ އީރާންގެ މައްޗަށް ސްޓްރެޓީޖިކް ގޮތުންނާއި އަސްކަރީ ގޮތުން ކާމިޔާބު ހޯދާފައި ކަމަށާއި މި ހާލަތުގައި ވާހަކަތައް ކާމިޔާބުވުން ނުވަތަ ނުވުން އެއީ އެމެރިކާއަށް މުހިއްމު ކަމެއްނޫން ކަމަށް ވިދާޅުވިއެވެ. "ހުރުމުޒު ކަނޑުއޮޅިވެސް މިހާރުވާނީ ހުޅުވާފައި. ނޭޓޯއިން އެމެރިކާއަށް އެހީތެރި ނުވިޔަސް ހުރުމުޒު ކަނޑުއޮޅި ހުޅުވުމުގައިވެސް އަހަރެން ވާނީ ކާމިޔާބު ހޯދާފައި، އެމެރިކާ މިހާރު ގެންދަނީ އެކަނޑުއޮޅިއަށް އީރާން އަޅާފައިވާ މައިންތައްވެސް ނަގައި ސާފު ކުރަމުން، މިއަދު އެމެރިކާގެ ދެ މަނަވަރު އެ ތަނުން އަމާންކަމާއެކު ދަތުރުކުރި އަދި ތެޔޮބޯޓުތައްވެސް ދަތުރުކުރި، އެހެންކަމުން ހަނގުރާމައިގެ ހުރިހާ މަގްސަދުތަކެއްވެސް ވަނީ ހާސިލް ކުރެވިފައި،" ޓްރަމްޕް ވިދާޅުވިއެވެ. ޓްރަމްޕް މިހެން ވިދާޅުވި ނަމަވެސް އީރާންވަނީ ހުރުމުޒު ކަނޑުއޮޅިން އެމެރިކާގެ އަސްކަރީ އެއްވެސް އުޅަނދެއް ހުރަސް ނުކުރާކަން ކަށަވަރު ކޮށްދީފައެވެ. އީރާނުގެ ޚާރިޖި ވުޒާރާގެ ތަރުޖަމާނު އިސްމާއީލް ބަގާއީ ވިދާޅުވިގޮތުގައި ހުރުމުޒު ކަނޑުއޮޅި ހުރަސްކުރަން އެމެރިކާގެ އަސްކަރީ ދެ އުޅަނދު މަސައްކަތް ކުރިއެވެ. ނަމަވެސް އެ ތަން ހުރަސްކުރާނަމަ ހަމަލާދޭނެކަމުގެ އިންޒާރު އެ ދެ އުޅަނދަށް އީރާން ދިނުމުން އެ ދެ އުޅަނދުވަނީ އެނބުރި އައިކޮޅަށް ގޮސްފައި ކަމަށް އޭނާ ވިދާޅުވިއެވެ. މިއަދު ހުރުމުޒު ކަނޑުއޮޅި ހުރަސްކުރީ އީރާން އާއެކު ކޯޑިނޭޓްކޮށް އީރާނުގެ ހުއްދަ ލިބުނު މަދަނީ ދެތިން އުޅަނދުކަމަށް އީރާނުގެ ތަރުޖަމާނު އިސްމާއީލް ބަގާއީ ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ