އަޅުގަނޑުގެ މޭޔަރު ކަމެއްގައި ހުޅުމާލޭގެ ކަންކަން ހިންގާނީ އަވަށު ކޮމިޓީތަކެއްގެ ދަށުން: ޒަރިޔަންދު

ހުޅުމާލެއަކީ މާލޭ ސިޓީ ކައުންސިލުގެ މަސްއޫލިއްޔަތުގެ ތެރޭގައި ހިމެނޭ ތަނެއް ކަމަށާއި މޭޔަރު ކަމަށް ހޮވިވަޑައިގެންފި ނަމަ ހުޅުމާލޭގެ ކަންކަން ހިންގާނީ އަވަށު ކޮމިޓީތަކެއްގެ ބެލުމުގެ ދަށުން ކަމަށް މާލޭ މޭޔަރު ކަމަށް ވާދަކުރައްވާ އިސްމާއިލް ޒަރިޔަންދު ވިދާޅުވެއްޖެ އެވެ.
ވީ ކިހިނެއް؟ - ހުޅުމާލޭގެ މުނިސިޕަލް ހިދުމަތް ދެމުން ދަނީ ހުޅުމާލޭގެ ބިމުގެ މިލްކުވެރިކަން ވެސް އޮންނަ އެޗްޑީސީންނެވެ. އެ ކަން މާލޭ ކައުންސިލަށް ބަދަލުކުރަން ރައީސް މުހައްމަދު މުއިއްޒު މާލޭގެ މޭޔަރަކަށް ހުންނެވި އިރު ވަކާލާތު ވެސް ކުރެއްވި އެވެ.
މާލޭ ކައުންސިލަށް ހުޅުމާލޭގެ މުނިސިޕަލް ހިދުމަތްތައް ދިނުމުގެ ބާރު ބަދަލުކުރުމަކީ ރައީސް މުއިއްޒުގެ ރިޔާސީ ވައުދެއް ވެސްމެ އެވެ. އެ ވައުދާ އެއްގޮތަށް، އެ ހިދުމަތް ބަދަލުކުރަން 31 ޑިސެމްބަރު 2023ގައި އެ މަނިކުފާނު އެންގެވި އެވެ.
އެކަމަކު އޭގެ ފަހުން ދެ އަހަރު ވީއިރު ވެސް ހުޅުމާލެ އަދިވެސް ބަލަހައްޓަމުން އަންނަނީ އެޗްޑީސީންނެވެ.
ބުނީ ކީކޭ؟ - މިނިވަން ކެންޑިޑޭޓެއްގެ ގޮތުގައި ނަމަވެސް ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ތާއީދާ އެކު ކުރިއަށް އޮތް ކައުންސިލް އިންތިހާބުގައި ވާދަކުރައްވާ ޒަރިޔަންދު 'އެކްސް'ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ރާއްޖޭގެ އިދާރީ ދާއިރާތައް ހިންގަންވާނީ ލާމަރުކަޒީ އުސޫލުންކަން ގާނޫނުއަސާސީން އެނގޭ ހިނދު، ގާނޫނުއަސާސީގައި ރާއްޖޭގެ ވެރިކަންކުރާ ރަށް މާލޭގެ އިދާރީ ދާއިރާއަކީ މާލެ، ހުޅުމާލެ އަދި ވިލިނގިލި ކަމަށް ބަޔާންކޮށްފައިވާ ކަމަށެވެ.
އެހެންކަމުން، މާލޭ ކައުންސިލްގެ ދާއިރާގައި ހިމެނޭ ހުޅުމާލެއަކީ ގާނޫނުގެ މާއްދާ 40 އިން ސިޓީ ކައުންސިލަށް ހަވާލުކޮށްފައިވާ މަސްއޫލިއްޔަތުން ބަރީއަކުރެވޭނެ ތަނެއް ނޫން ކަމަށް އޭނާ ވިދާޅުވި އެވެ. އަދި އެ މަސްއޫލިއްްޔަތުތައް ކައުންސިލާ ހަވާލުކުރުމާއި ނުކުރުމަކީ ސަރުކާރުގެ އިހުތިޔާރުގައި އޮތް ކަމެއް ނޫން ކަމަށް ވެސް ޒަރިޔަންދު ވިދާޅުވި އެވެ.
"އަޅުގަނޑުގެ މޭޔަރުކަމެއްގައި ހުޅުމާލޭގައި އުފެދޭނެ އަވަށު ކޮމިޓީތަކުން ބޭނުންވާ ގޮތަށް އެ މަސްއޫލިއްޔަތާ ހަވާލުވުމުގެ ޝަރުއީ އަދި އިންތިޒާމީ ހަރަކާތްތައް ކުރިއަށް ގެންދާނަމެވެ،" އެ ޕޯސްޓުގައި ލިޔުއްވާފައިވެ އެވެ.
ފާހަގަކޮށްލެވޭ ކަމެއް - ހުޅުމާލެއަކީ މާލޭގެ ބައެއް ކަމަށް ގާނޫނުގައި ލިޔެފައި އޮތުމުން ކުންފުންޏެއްގެ ދަށުން އެ އަވަށް ހިންގަމުން ދަނީ ގާނޫނާ ހިލާފަށް ކަމަށް ރައީސް މުއިއްޒު ވެސް މޭޔަރު ކަމުގައި ހުންނެވިއިރު ވިދާޅުވެފަވެ އެވެ.
އެކަމަކު އެ މަނިކުފާނުގެ ވެރިކަމުގައި ވެސް އެޗްޑީސީގެ ބެލުމުގެ ދަށުން ހުޅުމާލޭގެ ކަންކަން ބަލަހައްޓަމުންދާތީ އެކަމާ ބެހޭ ގޮތުން މިފަހުން ރައްޔިތުންނާ އެކު ބޭއްވި ބައްދަލުވުމެއްގައި މީހަކު ސުވާލު ވެސް ކޮށްފައިވެ އެވެ.
ޖަވާބުގައި ރައީސް އެ ރޭ ވިދާޅުވީ، ހުޅުމާލޭ މުނިސިޕަލް ހިދުމަތްތައް ކައުންސިލް ދަށަށް ބަދަލުނުވެ އޮތީ، އެ ކައުންސިލުން އެ ހިދުމަތްތަކާ ހަވާލުނުވެގެން ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ