އަނިޔާއަކީ ހަމައެކަނި ޖިސްމާނީ އަނިޔާއެއް ނޫން! އަނބިންނަށް ދޭންޖެހޭ ޙައްޤެއް ނުދިނުމަކީވެސް އަނިޔާ!

އަނިޔާ އާއިމެދު ގިނަ ބައަކަށް ޤަބޫލުކުރެވިފައި އޮންނަނީ ރަނގަޅަކަށް ނޫނެވެ. އެހެންވެ އަނިޔާކުރުން ކަމަށް ބަލަނީ ޖިސްމާނީ އަނިޔާކުރުމަށެވެ. ނަފްސާނީ ގޮތުން އަނިޔާކުރުން ފަދަ ކަންކަމަކީ އަނިޔާކަމަކަށް ނުވެސް ބަލައެވެ. 
އަނބިމީހާއަށް ދޭންޖެހޭ ވަޤުތު ނުދިނުމާއި އެއްދާން ނުކުރުމާއި ލޯބި ނުދިނުމާއި އަނބިންނަށް ސަމާލުކަން ނުދިނުމަކީވެސް ހަމަ އަނިޔާއެވެ. ކުރުކޮށް ބުނާނަމަ އަނބިންނަށް ދޭންޖެހޭ ހުރިހާ ޙައްޤުތަކެއްވެސް ފޯރުކޮށްދޭންޖެހޭނެއެވެ. ނޫންނަމަ އެކުރެވެނީ އަނިޔާއެވެ. 
ރަނގަޅެވެ. އަނބިން ފިރިންނަށް އަދާކުރަންޖެހޭ ޙައްޤުތައްވެސް އަދާކުރަންޖެހޭނެއެވެ. އަނބިންގެ ވާހަކަ ގިނައިން ދައްކަންޖެހެނީ އެމީހުންގެ ނިކަމެތިކަމުންނެވެ. ހެޔޮލަފާ އަނބިންނަކީ ކައިވެނިކުރާ ވަޤުތުން ފެށިގެން ކޮށީގައި ބަންދުކުރެވިފައިވާ ކުކުޅެއްފަދަބައެކެވެ. އެމީހުން ތިބެނީ ކިޔަމަންތެރިކަމާއިއެކު ގޭގައެވެ. އެމީހުންނަށް ކާން ލިބޭނީ ފިރިމީހާ ދިން އެއްޗެކެވެ. އުފާވެރިކަން ލިބޭނީ ފިރިމީހާ ހިނިތުންވެލުމުންނެވެ. އެހެނިހެން އުފާލިބުންވެސް ގުޅިފައިވަނީ ފިރިމީހާ އާއިއެވެ. 
ވީމާ އަނބިންނަށް އަނިޔާވެރިނުވާށެވެ! އެއްވެސް ގޮތަކުންނެވެ. އަދި އެކަނބަލުންނަށް އުފާވެރިކަންދޭން މަސައްކަތްކުރާށެވެ. އަދި ތިބާ ބޭނުންވަރަކަށް އެކަނބަލުންގެ ކިބައިން އުފާ ލިބިގަންނާށެވެ. ސަމާލުކަންދޭންޖެހޭނެ ހަމައެކަނި ކަމަކީ ﷲ ތަޢާލާ ހުއްދަ ކުރައްވަވާފައިވާ އިންތަކުގެ ތެރޭގައި ޢަމަލުތައް ބެހެއްޓުމެވެ. 
ދެމަފިރިން އެކަކު އަނެކަކަށް ލޯބިދީ އަޅައިލާނަމަ ﷲ ތަޢާލާގެ ރުހިވޮޑިގަތުން ލިބި ހުރިހާ ކަމަކުންވެސް އުފާވެރި ގޮތްތައް މެދުވެރިކުރައްވަވާނެތެވެ. އިން ޝާ ﷲ
- އިސްލާމީ ތިލަފަތުގެ ދަރުސަކުން 
"އެއްވެސް ގޮތަކުން އެއްވެސްކަހަލަ އަނިޔާއެއް އަނބިމީހާއަށް ކުރުމަކީ އަދި އެހެން މީހަކަށްވެސް އަނިޔާވެރި ވުމަކީ އިސްލާމް ދީން ވަރަށް ބޮޑަށް މަނާ ކުރައްވާފައިވާ ކަމެއް. ﷲ ތަޢާލާ އެ އިލާހުގެ އަމިއްލަ ޒާތުފުޅަށް ވަނީ އަނިޔާވެރިކަން ޙަރާމް ކުރައްވާފައި، އަދި މީސް ތަކުންގެ މެދުގައި އަނިޔާވެރި ނުވުމަށް ޙައްޖަތުލް ވަދާޢު ދުވަހުގައި ރަސޫލުﷲ ޞައްލައްﷲ ޢަލައިހި ވަސައްލަމަ ވަނީ އުންމަތަށް މަނާ ކުރައްވާފައި، ޚާއްޞަ ގޮތެއްގައި އަނބިމީހާދެކެ ލޯބި ވުމާއި، އަނބި މީހާއަށް އަޅާލުމާއި، އޯގާތެރި ވުމަކީ އިސްލާމް ދީން ވަރަށް ބޮޑަށް ބާރު އަޅުއްވާފައިވާ ކަންތައްތައް."
- ޑރ. މުޙައްމަދު ޢިޔާޟު ޢަބްދުލްލަތީފް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ