ތިލަދެކުނު ފުޓްބޯޅަ މުބާރާތުގެ ތަށި ކޮރަލްސް އިން އުފުލާލައިފި

ތިލަދެކުނު ފުޓްބޯޅަ މުބާރާތުގެ ފައިނަލް މެޗުގައި އިއްޔެ ނޮޅިވަރަންފަރު ސްޕޯޓްސް ކުލަބު ބޮޑު ތަފާތަކުން ބަލިކޮށް މުބާރާތުގެ ތަށި ކުޅުދުއްފުށީ ކުލަބު ކޮރަލްސް އިން އުފުލާލައިފި އެވެ.
އިއްޔެ ހަވީރު ކުޅުދުއްފުށީ ޒޯން ސްޓޭޑިއަމްގައި ކުޅެވުނު ފައިނަލް މެޗުގައި ކޮރަލްސްއިން ނޮޅިވަރަންފަރުގެ މައްޗަށް ކުރިހޯދީ 5 - 0 ގެ ތަފާތުބޮޑު ނަތީޖާއަކުންނެވެ.
ފޯރިގަދަ ކުޅުމެއް ފެނިގެން ދިޔަ މިމެޗުގައި ދެޓީމުން ވެސް ރަނގަޅު ކުޅުމެއް ދެއްކިއިރު މެޗުގެ ފުރަތަަމަ ހާފު ނިމުނީ ދެޓީމުން ކުރެ އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހި އެވެ. މިހާފުގައި ޑޮމިނޭޓްކޮށްގެން ކުޅެފައިވަނީ ނޮޅިވަރަންފަރުންނެވެ.
މުޅި މެޗަށް ބަލާލާއިރު މެޗުގައި ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅެފައިވަނީ ކޮރަލްސްއިންނެވެ. ދެޓީމަށްވެސް ލަނޑު ޖަހާނެ ރަނގަޅު ފުރުސަތުތައް ލިބުނެވެ. މެޗުގައި ޖުމްލަ 5 ޝޮޓް ނޮޅިވަރަންފަރުގެ ޓީމުން ހެދި ނަމަވެސް ކޮރަލްސްއިން ވަނީ ނޮޅިވަރަންފަރަށް ލަނޑެއް ޖެހުނަނުދީ ހިފަހައްޓާފަ އެވެ.
ކޮރަލްސްގެ ފަރާތުން 5 ހަމަލާއެއް ފެނިގެންދިޔައިރު އެޓީމުން ވަނީ ފަސް ހަމަލާ ވެސް ކާމިޔާބު ކޮށްފަ އެވެ. އެގޮތުން ދެވަނަ ހާފު ފެށިގެން މާގިނައިރުތަކެއް ނުވެ ކޮރަލްސްއިން ވަނީ ލިބުނު ކޯނަރެއްގައި އެޓީމުގެ އާދަމް އާޒިމް ނަގައިދިން ހުރަސް ބޮލުން ގޯލްގެ ތެރެއަށް ފޮނުވާލާފަ އެވެ. މިގޯލު އެޓީމަށް ޖަހައިދިނީ އެޓީމުގެ ކެޕްޓަން ޑޭވިޑް އެވެ.
ކޮރަލްސްގެ ފުރަތަމަ ލަނޑު ކާމިޔާބުކުރުމަށްފަހު ނޮޅިވަރަންފަރުގެ ޓީމަށް ހަމަޖެހުމެއް ނުދީ އަނެއްކާވެސް ކޮރަލްސްއިން ވަނީ ލަނޑެއް ޖަހާ ލީޑް ފުޅާކޮށްފަ އެވެ. މިއީ އޭރިއާ ތެރެއަށް ދުރުން ވައްޓާލި ބޯޅައެއް އެއްފަހަރުން ގޯލުގެ ތެރެއަށް ފޮނުވާލައިގެން ކޮރަލްސްގެ ބިދޭސީ މިޑްފީލްޑަރު އިބްރާހީމް އޮލަޑިމޭޖީ ޖިމޯ ކާމިޔާބު ކުރި ހިތްގައިމު ގޯލެކެވެ.
މިލަނޑަށްފަހު ނޮޅިވަރަންފަރުގެ ޓީމު ޕްރެޝަރަށް ވެއްޓުނުއިރު ކޮރަލްސްއިން ވަނީ ކުޅުން އިތުރަށް ވަރުގަދަކޮށް ކައިރި ކައިރީގައި އިތުރު 3 ލަނޑު ޖަހާފަ އެވެ. ކޮރަލްސްގެ ފަހު 3 ލަނޑުގެ ތެރެއިން ދެލަނޑަކީ އެޓީމުގެ ބިދޭސީ ފޯވާޑް ޕްރިންސް ލާބީ ކާމިޔާބުކޮށްދިން ދެ ލަނޑެވެ. އަދި އަނެއް ލަނޑު ޖަހައިދިނީ ޒައިދު މުހައްމަދެވެ.
ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ މިމެޗުގެ މޮޅުކުޅުންތެރިއަކަށް ހޮވުނީ ކުލަބް ކޮރަލްސްގެ ބިދޭސީ ކުޅުންތެރިޔާ އިބްރާހީމް އޮލަޑިމޭޖީ ޖިމޯ އެވެ.
މުބާރާތުގެ ވަނަތަކަށް ބަލައިލާއިރު މުބާރާތުގެ އެންމެ މޮޅު ޑިފެންޑަރުގެ މަގާމު ހޯދައިފައިވަނީ ނޮޅިވަރަންފަރުގެ ޖޯޒީ ނަންބަރު 4 މުހައްމަދު ނިޒާމް އެވެ. އެންމެ މޮޅު މިޑްފީލްޑަރުގެ މަގާމު އެޓީމުގެ އައްޒާމް ހޯދިއިރު އެންމެ މޮޅު ސްޓްރައިކަރަކަށް ހޮވުނީ ކުލަބް ކޮރަލްސްގެ ޒުވާން ކުޅުންތެރިޔާ ސާލިމް މުހައްމަދު (ލިމޭ) އެވެ.
މުބާރާތުގެ އެންމެ މޮޅު ގޯލް ކީޕަރުގެ މަގާމު ކޮރަލްސްގެ މާހީއަށް ލިބުނުއިރު އެންމެ އުއްމީދީ ކުޅުންތެރިއަކީ މަގުލަހުގެ އަނޫސް އެވެ. އެންމެ މޮޅު ކޯޗަކަށް ކޮރަލްސްގެ އާސިފް ހޮވުނުއިރު މުބާރާތުގެ އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާގެ މަގާމު ހޯދައިފައިވަނީ މުޅި މުބާރާތުގައި ޖެހި 9 ލަނޑާއެކު ކޮރަލްސްގެ ލިމޭ އެވެ.
މިފަހަރުގެ މުބާރާތުގެ ފެއާޕްލޭ ޓީމަކަށް ހޮވުނީ ހަނިމާދޫގެ ސާއްބަ އެކުވެރި ކްލަބެވެ. އަދި ހުރިހާ ގޮތަކުން އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދައިފައިވަނީ މުބާރާތުގައި އާދަޔާ ޚިލާފް މޮޅުކުޅުމެއް ދެއްކި ކުލަބް ކޮރަލްސްގެ ސާލިމް މުހައްމަދު (ލިމޭ) އެވެ.
ހދ އަތޮޅަށް ހުޅުވާލައިގެން އެންމެފަހުން ފުޓްބޯޅަ މުބާރާތެއް އަތޮޅު ކައުންސިލުން ބޭއްވީ 2017 ވަނަ އަހަރު އެވެ. ހދ އަތޮޅު ކައުންސިލް ފުޓްބޯޅަ މުބާރާތުގެ ނަމުގައި ބޭއްވި އެ މުބާރާތުގެ ޗެމްޕިއަންކަންވެސް ހޯދީ ކުލަބު ކޮރަލްސް އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ