މިއަހަރުގެ މިހާތަނަށް މިސްކިތް ބިނާކުރުމުގެ ހުއްދަ އަމިއްލަ 9 ފަރާތަކަށް

މި އަހަރުގެ މިހާތަނަށް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މިސްކިތް ބިނާކުރުމުގެ ހުއްދަ 9 ފަރާތަކަށް އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާއިން ދެއްވައިފިއެވެ.
އަމިއްލަ ފަރާތްތަކަށް މިސްކިތް ބިނާކުރުމަށް ދީފައިގެ ހުއްދައިގެ ދަށުން، 5 މިސްކިތް ބިނާކުރަނީ މާލެ ސަރަހައްދުގައެވެ. އަދި ބާކީ 4 މިސްކިތަކީ އަތޮޅުތެރޭގައި ބިނާކުރާ މިސްކިތްތަކެވެ.
އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާއިން ވިދާޅުވީ މިސްކިތްތައް ބިނާކުރުމަށް އެ ފަރާތްތަކާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފައިވާ ކަމަށެވެ.
• ހުޅުމާލޭ ދެވަނަ ފިޔަވަހީގައި 2 މިސްކިތެއް ބިނާކުރުން
• ޒިކުރާ މިސްކިތް ހުރި ބިމުގައި އައު މިސްކިތެއް ބިނާކުރުން
• ބަރުބަރީ މިސްކިތް ހުރި ބިމުގައި އައު މިސްކިތެއް ބިނާކުރުން
• ރ. އަލިފުށީގައި މިސްކިތެއް ބިނާކުރުން
• ހއ. އިހަވަންދޫގައި މިސްކިތެއް ބިނާކުރުން
• ހުޅުމާލެ ދެވަނަ ފިޔަވަހީގެ ލޮޓު 2215ގައި މިސްކިތެއް ބިނާކުރުން
• ސ. ހުޅުދޫގައި އައު މިސްކިތެއް ބިނާކުރުން
• ހދ. ނޮޅިވަރަންފަރުގައި އައު މިސްކިތެއް ބިނާކުރުން
އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާއިން ވިދާޅުވީ އެ ވުޒާރާގެ ބެލުމުގެ ދަށުން 22 މިސްކިތެއްގެ ޢަމަލީ މަސައްކަތް މިހާރުވެސް ހިނގަމުންދާކަމަށެވެ. އަދި އަމާޒަކީ މީގެ ތެރެއިން 3 މިސްކިތެއްގެ މަސައްކަތް މިއަހަރުގެ ނޮވެންބަރުމަހަށް ނިންމުންކަމަށް އެ ވުޒާރާއިން ވިދާޅުވިއެވެ.
މިއަހަރުގެ ތެރޭގައި އަމިއްލަ ފަރާތަކުން ބިނާކުރި 2 މިސްކިތަކާއި، އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާގެ ބެލުމުގެ ދަށުން ބިނާކުރި 1 މިސްކިތެއްވަނީ ހުޅުވާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ