ސްރީ ލަންކާގެ އައު ރައީސް ހުވައި ކުރެއްވުމުގެ ކުރިން ބޮޑުވަޒީރު އިސްތިޢުފާ ދެއްވައިފި

ސެޕްޓެންބަރު 21ވަނަ ދުވަހު ސްރީ ލަންކާގައި ބޭއްވި ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެއްވި އަނުރަ ކުމާރަ ދިސާނަޔަކަ ރައީސް ކަމުގެ ހުވައި ކުރައްވައިފިއެވެ. ޖަނަތާ ވިމުކްތި ޕެރަމުނަ (ޖޭވީޕީ) ޕާޓީގެ ވެރިޔާ އަދި ނޭޝަނަލް ޕީޕަލްސް ޕަވަރ (އެންޕީޕީ) އިއްތިޙާދުގެ ކެނޑިޑޭޓު ކަމުގައިވާ ޢުމުރުން 55 އަހަރުގެ ދިސާނަޔަކަ ހުވައި ކުރެއްވުމުގެ ކުރިން އެ ޤައުމުގެ ބޮޑުވަޒީރު ދިނޭޝް ގުނަވަރްދަނަ ވަނީ އިސްތިޢުފާ ދެއްވާފައެވެ.
ސްރީ ލަންކާގެ ރައީސް ކަމުގެ މަޤާމުގެ ހުވައި ދިސާނަޔަކަ ކުރައްވާފައި ވަނީ, އެ ޤައުމަށް ކުރިމަތިވެފައިވާ އިޤުތިޞާދީ ކާރިސާއާއި މާލީ ދަތިކަމުން ރައްޔިތުން ސަލާމަތް ކޮށްދެއްވާނެ ކަމާއި, ހެޔޮ ބަދަލުތަކެއް ގެންނަވާނެ ކަމުގެ ވަޢުދާ އެކުގައެވެ. ޤާނޫނު ހަދާ މަޖިލީހުގައި އިދިކޮޅު މެންބަރެއްގެ ގޮތުގައި ހުންނެވި ދިސާނަޔަކައަށް އެތަކެއް މިލިޔަން މީހުން ވޯޓު ދީފައި ވަނީ, ޚިޔާނަތާއި ކޮރަޕްޝަނަށް ހުޅުވިފައިވާ ދޮރުތައް ބަންދު ކުރައްވައި, ފަގީރު ކަން ނައްތައިލަން ހަރުދަނާ މަސައްކަތްތަކެއް ކުރައްވާނެ ކަމަށް އޭނާ ވަޢުދުވެ ވަޑައިގަންނަވާފައިވާތީއެވެ.
"ޑިމޮކުރަސީ ޙިމާޔަތްކޮށް ނަގަހައްޓަން މަސައްކަތް ކުރުމުގައި ދެމިހުރުމަށް އަޅުގަނޑު ވަޢުދުވަން. އަޅުގަނޑުމެންގެ ސިޔާސީ މައިދާން ސާފުވާން ޖެހޭ, ރައްޔިތުން ބޭނުންވެ ގޮވައިލާފައި ވަނީ ތަފާތު ސިޔާސީ މަސްރަޙަކަށް. ބަދަލުތަކެއް ގެންނަން އަޅުގަނޑު މިހުރީ ތައްޔާރަށް،" ރައީސް ކަމުގެ ހުވައި ކުރެއްވުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ދިސާނަޔަކަ ވިދާޅުވިއެވެ.
ދިސާނަޔަކަ ހުވައި ކުރެއްވުމުގެ ރަސްމިއްޔާތު ކުރިއަށް ދިޔަ ވަގުތު, އޭނާއަށް ތާޢީދު ކުރާ އެތަކެއް ސަތޭކަ ބަޔަކު ވަނީ ވެރިރަށް ކޮލަބްމޯގައި ހުންނަ ރައީސް އޮފީސް ކައިރިއަށް ޖަމާވެ, އޭނާއަށް ތާޢީދު ފާޅުކޮށްފައެވެ. "އަޅުގަނޑު މި ހުރީ ވަރަށް އުފަލުން. މި ކާމިޔާބީ ލިބުނީ އަޅުގަނޑުމެންގެ ބުރަ މަސައްކަތުން. ފަގީރުންގެ ޙައްުޤުތައް ޙިމާޔަތް ކޮށްދެއްވާނެ ވެރިއަކު މި ލިބުނީ ފުރަތަމަ ފަހަރަށް،" ދިސާނަޔަކައަށް ތާޢީދުކޮށް ވޯޓުލީ މީހަކު ބުންޏެވެ.
ދިސާނަޔަކަގެ ކުރިމަތީގައި ދެން އޮތީ އައު ސަރުކާރެއް އެކުލަވައިލައި, ޤާނޫނު ހަދާ މަޖިލީހުގެ ރުހުން ހޯދުމުގެ ޒިންމާއެވެ. 225 މެންބަރުން ތިބޭ ޤާނޫނު ހަދާ މަޖިލީހުގައި އޭނާގެ ޖޭވީޕީ ތަމްސީލު ކުރައްވަނީ އެންމެ ތިން މެންބަރުންނެވެ. ބޭރުގެ ދަރަނި ދެއްކޭނެ ގޮތެއް ނެތި, ބަނގުރޫޓުވެފައިވާ ސްރީ ލަންކާއަށް ކުރިމަތިފައި އޮތް އިޤުތިޞާދީ ހާލަތުން އަރައިގަތުމަށް އިންޓަރނޭޝަނަލް މަނިޓަރީ ފަންޑު (އައިއެމްއެފް)ގެ 2.9 ބިލިޔަން އެމެރިކާ ޑޮލަރުގެ ބެއިލްއައުޓް ޕުރޮގުރާމެއްގައި ބައިވެރިވެފައިވާއިރު, އައު ބަޖެޓު ފާސް ކުރުމަށް ދިސާނަޔަކައަށް ޤާނޫނު ހަދާ މަޖިލީހުގެ އެއްބާރުލުން ބޭނުންވާނެއެވެ.
ދިސާނަޔަކަގެ އައު ސަރުކާރާއި އައު ބޮޑުވަޒީރަށް މަގުފަހި ކޮށްދިނުމުގެ ގޮތުން ބޮޑުވަޒީރު ގުނަވަރްދަނަ ވަނީ އޭނާ ރައީސް ކަމުގެ މަޤާމުގައި ހުވައި ކުރެއްވުމުގެ ކުރިން އިސްތިޢުފާ ދެއްވާފައެވެ. ބޮޑުވަޒީރު ކަމުގެ މަޤާމާ 75 އަހަރުގެ ގުނަވަރްދަނަ ހަވާލުވެ ވަޑައިގަތީ, 2022 ވަނަ އަހަރުގެ ޖުލައި މަހު ކުރީގެ ރައީސް ގޯތާބަޔަ ރާޖަޕަކްޝަ އިސްތިޢުފާ ދެއްވުމާ ގުޅިގެންނެވެ. ރާޖަޕަކްޝަ އިސްތިޢުފާ ދެއްވާފައި ވަނީ, ޤައުމުގެ މާލީ އަދި އިޤުތިޞާދީ ހާލަތު ގޯސްވުމާ ގުޅިގެން އޭނާގެ ސަރުކާރާ ދެކޮޅަށް އެތަކެއް ހާސް ބަޔަކު ކުރި ސިލްސިލާ މުޒާހަރާތަކާ ގުޅިގެންނެވެ.
ސްރީ ލަންކާގައި ރިޔާސީ އިންތިޚާބު ބާއްވާފައި ވަނީ, 2022ވަނަ އަހަރު ބާރު ފައިސާގެ ރިޒަރވް ހުސްވެ, ދަރަނި ދެއްކޭނެ މަގު ބަންދުވެފައިވާ ދަނޑިވަޅެއްގައެވެ. ހުސްވި އަހަރު ކުރިމަތިވި މާލީ ކާރިސާއާ ގުޅިގެން ތެލާއި, ބޭހާއި ކައްކާ ގޭސް ފަދަ އަސާސީ މުދާ އިމްޕޯޓު ކުރުން މެދުކެނޑި, ސްރީ ލަންކާގެ ރައްޔިތުން ހާލުގައި ޖެހުނެވެ. އައިއެމްއެފްގެ ލޯނާ އެކު ސްރީ ލަންކާގެ އިޤުތިޞާދަށް ކޮންމެވެސް ވަރެއްގެ ތަސައްލީއެއް ލިބިފައިވީ ނަމަވެސް, ތަކެތީގެ އަގުތައް އުފުލިފައި އޮތުމަކީ އެ ޤައުމުގެ ރައްޔިތުންގެ މެދުގައި އޮތް އެންމެ ބޮޑު އެއް ކަންބޮޑުވުމެވެ.
ސްރީ ލަންކާއަށް ކުރިމަތިވެފައިވާ އިޤުތިޞާދީ ކާރިސާއިން ސަލާމަތްވުމަށް ދިސާނަޔަކަގެ މެނިފެސްޓޯގައި ހިމަނާފައިވާ ބައެއް ކަންކަމުގެ ތެރޭގައި އައިއެމްއެފްގެ އެންގުމަށް ކުރީގެ ރައީސް ރަނިލް ވިކްރަމަސިންހަގެ ސަރުކާރުން ފަށާފައިވާ ދަރަނި ރީސްޓްރަކްޗަރ ކުރުމުގެ މަސައްކަތްތައް މުރާޖާ ކުރުމާއި, ޓެކުސްތައް ކުޑަ ކުރުން ހިމެނެއެވެ. ނަމަވެސް, އެ ފަދަ ފިޔަވަޅުތަކުގެ ސަބަބުން ބާޒާރުތަކާއި އިންވެސްޓަރުންގެ އިތުބާރު ގެއްލިދާނެ ކަމުގެ ކަންބޮޑުވުން އޮތް ކަމުގައި މަސްރަޙު ދިރާސާ ކުރާ ފަރާތްތަކުން ބުނެއެވެ. ދިސާނަޔަކަ ވިދާޅުވީ, އެ ފަދަ އެއްވެސް ސިޔާސަތެއް ތަންފީޒު ކުރައްވާނީ އައިއެމްއެފާ އެކު މަޝްވަރާ ކުރުމަށް ފަހުގައި ކަމުގައެވެ. އަދި, ދަރަނި ދެއްކުމަށް ހުރަސް އެޅޭ ފަދަ އެއްވެސް ފިޔަވަޅެއް ނާޅުއްވާނެ ކަމުގައި ވެސް އޭނާ ވިދާޅުވިއެވެ.
ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި ދިސާނަޔަކަ ކާމިޔާބީ ހޯއްދަވާފައި ވަނީ އިދިކޮޅު ސަމަގި ޖަނަ ބަލަވޭގޭ (އެސްޖޭބީ) ޕާޓީގެ ވެރިޔާ ސަޖިތު ޕްރޭމަދާސައާ ވާދަ ކުރައްވައެވެ. 17 މިލިޔަން މީހުންނަށް ވޯޓުލުމުގެ ޙައްޤު ލިބިފައިވާ އިންތިޚާބުގައި އޭގެ ތެރެއިން 75 އިންސައްތަ މީހުން ބައިވެރިވެފައިވާ ކަމުގައި އެ ޤައުމުގެ އިންތިޚާބުތަކާ ބެހޭ އިދާރާއިން ހާމަކުރިއެވެ. ޕްރޭމަދާސަގެ މައްޗަށް ދިސާނަޔަކަ ކުރި ހޯއްދަވާފައި ވަނީ ވޯޓުލީ މީހުންގެ 42.31 އިންސައްތަ ތާޢީދާ އެކުގައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ