ރައީސުލްޖުމްހޫރިއްޔާ، ސަޢޫދީ ޢަރަބިއްޔާގެ ޤައުމީ ދުވަހުގެ ތަހުނިޔާ ސަޢޫދީ ޢަރަބިއްޔާގެ ރަސްގެފާނަށާއި ވަލީޢަހްދަށް ފޮނުއްވައިފި

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ސަޢޫދީ ޢަރަބިއްޔާގެ ޤައުމީ ދުވަހުގެ މުނާސަބަތުގައި، މާތްވެގެންވާ ދެ ޙަރަމްފުޅުގެ ޚާދިމް އަދި ސަޢޫދީ ޢަރަބިއްޔާގެ ރަސްގެފާނު ސަލްމާން ބިން ޢަބްދުލްޢަޒީޒް އަލް ސަޢޫދަށާއި، ސަޢޫދީ ޢަރަބިއްޔާގެ ވަލީޢަހްދު އަދި ބޮޑުވަޒީރު މުޙައްމަދު ބިން ސަލްމާން ބިން ޢަބްދުލްޢަޒީޒް އަލް ސަޢޫދަށް ތަހުނިޔާ ފޮނުއްވައިފިއެވެ.
ދެބޭފުޅުންނަށް ވަކިވަކިން ފޮނުއްވި މެސެޖުގައި ސަޢޫދީ ޢަރަބިއްޔާއާއި ދިވެހިރާއްޖެއާއި ދެމެދުގައި އޮތް ގާތްގުޅުން ބިނާވެފައި ވަނީ އެއްޤައުމު އަނެއް ޤައުމަށް ކުރާ އިޙުތިރާމާއި އިތުބާރުގެ މައްޗަށްކަމާއި ދެޤައުމުންވެސް ޙިއްސާކުރާ ތާރީޚާއި އިސްކަންދޭ ހަމަތަކަށްކަން ފާހަގަކުރައްވާފައިވެއެވެ. އަދި ދެޤައުމުގެ ދެމެދުގައި އޮތް އަޚްވަންތަކަމުގެ ގާތްގުޅުން ކުރިޔަށް އޮތް އަހަރުތަކުގައި އިތުރަށް ބަދަހިވެ ކުރިއަރައިގެންދާނެކަމަށް އުންމީދުކުރައްވާކަމުގައި ވެސް ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި ފާހަގަކުރައްވާފައިވެއެވެ.
ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި ސަޢޫދީ ޢަރަބިއްޔާގެ ރަސްގެފާނަށާއި ވަލީޢަހްދަށް ފުރިހަމަ ޞިއްޙަތާއި ކާމިޔާބީއަށް އެދިވަޑައިގެންފައިވެއެވެ. އަދި ސަޢޫދީ ޢަރަބިއްޔާގެ ރައްޔިތުންނަށް ކުރިއެރުމާއި ފާގަތިކަމަށް ވެސް އެދިވަޑައިގެންފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ