މަތީ ތަޢުލީމުގެ ކޯސްތަކުގައި ކޮންޓްރޯލްޑް އެސެސްމަންޓުން 50% ހާސިލުނުކުރާނަމަ ފާސްނުވާ ގޮތަށް އެމްކިއުއޭއިން ނިންމައިފި

މަތީ ތަޢުލީމުދޭ ކޯސްތަކުގެ ކޮންޓްރޯލްޑް އެސެސްމަންޓްތަކުން މަދުވެގެން 50% ހާސިލުނުކުރާނަމަ ފާސްނުވާ ގޮތަށް މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީ (އެމްކިއުއޭ) އިން އެކްރެޑިޓޭޝަން އުސޫލަށް ބަދަލު ގެނައުމަށް ނިންމައިފިއެވެ.
އެމްކިއުއޭގެ ސީއީއޯ، މަރްޔަމް ފިޒާނާ ރަޝީދު ވިދާޅުވި ގޮތުގައި، ކޯސްތަކުގައި ދަރިވަރުންނަށް ޙަވާލުކުރެވޭ އެސައިންމަންޓްތައް އެހެން މީހުން ލައްވައި ތައްޔާރުކުރުމާއި، "ޗެޓްޖީޕީޓީ" ފަދަ އޭއައިގެ ވަސީލަތްތައް ބޭނުންކޮށް އެސައިންމަންޓްތައް ފުރިހަމަކުރުމަކީ މިހާރު ދިމާވެފައިވާ ވަރަށް ބޮޑު މައްސަލައެކެވެ. މި މައްސަލަތަކަށް ޙައްލު ހޯދުމަށް އަމާޒުކޮށް، މަތީ ތަޢުލީމުދޭ މަރުކަޒުތަކުން ހިންގާ ކޯސްތަކުގެ ހުރިހާ މާއްދާއެއްގައި ވެސް ކޮންޓްރޯލްޑް އިމްތިހާނުން 50% ހާސިލު ނުކުރާނަމަ ކޯހުން ފާސްނުވާނެ ކެ ކަމަށް އެމްކިއުއޭ އިން ވަނީ ނިންމާފައެވެ.
މަތީ ތަޢުލީމު ފޯރުކޮށްދޭ ބައެއް މަރުކަޒުތަކުން ދަރިވަރުންނަށް އެއްވެސް އެހެން އިމްތިހާނެއް ހެދުމަކާ ނުލައި 100% މާކްސް ހަމައެކަނި އެސައިންމަންޓުން ހޯދައިގެން ފާސްވާ މާއްދާތައް ވެސް އެކި ކޮލެޖުތަކާއި އިންސްޓިޓިއުޓްތަކުގައި ކުރިއަށް ގެންދާކަން ފާހަގަކުރެވެއެވެ. މީގެ ނަތީޖާއެއްގެ ގޮތުން، އެސައިންމަންޓް ގަނެވިއްކުން އިތުރުވެ، ޤާބިލު ނޫން ފަރާތްތަކަށް މަތީ ތަޢުލީމުގެ ސަނަދު ލިބިފައިވާކަން ފާހަގަކުރެވެއެވެ.
މި މައްސަލައަށް ޙައްލު ހޯދުމަށްޓަކައި، އެމްކިއުއޭ އިން ވަނީ މިހާރު އެކްރެޑިޓްކުރުމަށް ހުށަހަޅާ ކޯސްތައް އެކްރެޑިޓްކުރުމުގައި، އައު އެކްރެޑިޓޭޝަން ގައިޑްލައިނާ އެއްގޮތަށް ކޮންޓްރޯލްޑް އެސެސްމަންޓުން 50% ހާސިލުނުކޮށް، ފާސް ނުވާނެގޮތަށް ނިންމާފައެވެ.
މަތީ ތަޢުލީމާއި ތަމްރީނުގެ ޤަވާޢިދުގެ 65 ވަނަ މާއްދާގެ (ހ)ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ދަރިވަރުންގެ މަސައްކަތް އެހެން ފަރާތެއް މެދުވެރިކޮށް ކުރުވުމަކީ ޤާނޫނީ ކުށެކެވެ. މިފަދަ ޢަމަލުތައް ހިންގާ ދަރިވަރުންނަށް ފިޔަވަޅު އެޅުމުގެ ގޮތުން އެ ދަރިވަރަކު 5,000 ރުފިޔާއިން ޖޫރިމަނާ ކުރެވޭނެކަމަށް، ހަމަ މި މާއްދާގައި ވަނީ ބަޔާންކުރެވިފައެވެ.
މި ބަދަލާއެކު، ރާއްޖޭގެ މަތީ ތަޢުލީމުގެ ފެންވަރު މަތިވެ، ދަރިވަރުންގެ ޤާބިލުކަން އިތުރުވެގެންދާނެ ކަމަށް އެމްކިއުއޭއިން އުންމީދުކުރެއެވެ. މި ބަދަލު ތަންފީޒުކުރަން ފަށާނެ ތާރީޚެއް އަދި އިޢުލާނުކޮށްފައި ނުވިނަމަވެސް، ކަމާބެހޭ މުއައްސަސާތަކާއި މަޝްވަރާކުރުމަށްފަހު އެކަން އަންގާނެ ކަމަށް އެމްކިއުއޭއިން މަޢުލޫމާތު ދެއެވެ.
މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާ ބެހޭ ވުޒާރާގެ ވަޒީރު، ޑރ. އިބްރާހީމް ޙަސަން ވިދާޅުވީ މި ބަދަލަކީ ރާއްޖޭގެ މަތީ ތަޢުލީމުގެ ފެންވަރު ރަނގަޅުކުރުމަށް އެޅޭ މުހިންމު ފިޔަވަޅެއް ކަމަށެވެ. "މި ބަދަލުގެ ސަބަބުން ދަރިވަރުން އިތުރަށް މަސައްކަތްކޮށް، އަމިއްލައަށް ދަސްކުރުމަށް ބާރުއެޅިގެންދާނެ. އަދި ވަޒީފާގެ މައިދާނަށް ނުކުންނައިރު އިތުރަށް ތައްޔާރުވެފައިވާ ދަރިވަރުންތަކެއް ބިނާކުރެވިގެންދާނެ،" ވަޒީރު ވިދާޅުވިއެވެ.ނަމަވެސް، ބައެއް ދަރިވަރުންނާއި މަތީ ތަޢުލީމުދޭ މަރުކަޒުތަކުން މި ބަދަލާމެދު ކަންބޮޑުވުން ފާޅުކޮށްފައިވެވެއެވެ. އެގޮތުން، މާލޭގެ އަމިއްލަ ކޮލެޖެއްގައި ކިޔަވާ ދަރިވަރެއް ކަމަށްވާ އާމިނަތު ޝަހުލާ ބުނީ މި ބަދަލުގެ ސަބަބުން ބައެއް ދަރިވަރުންނަށް ކިޔެވުން ދަތިވެދާނެ ކަމަށެވެ. "ހުރިހާ މާއްދާއެއްގައި ކޮންޓްރޯލްޑް އެސެސްމަންޓުން 50% ހޯދުމަކީ ވަރަށް ގިނަ ދަރިވަރުންނަށް ގޮންޖެހުމަކަށް ވެދާނެ. ޚާއްޞަކޮށް މަސައްކަތްކުރަމުން ކިޔަވާ ދަރިވަރުންނަށް މިއީ ވަރަށް ބޮޑު ޕްރެޝަރެއް،" އޭނާ ބުންޏެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ