ބަންދަށް އެދުނު ގޮތް ގޯސްކަމަށް ބުނެ އަސްވާން ދޫކޮށްލައިފި

މާރާމާރީއެއްގެ މައްސަލައެއްގައި އިންޓަޕޯލް ނޯޓިސް ނެރެގެން މިދިޔަ ހުކުރު ދުވަހު ހައްޔަރުކުރި އަސްވާން މުހައްމަދު ބަންދުން ދޫކޮށްލައިފި އެވެ.
އޭނާ އާއި އެކު ހަމަ މި މައްސަލާގައި އިތުރު ދެ މީހަކު ހައްޔަރުކޮށްފައިވެ އެވެ. އެއީ މުހައްމަދު ސިބްތު އަބްދުﷲ އާއި، މުހައްމަދު އަހުސަން އެވެ. ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން އެ ދެމީހުން ވަނީ ޝަރީއަތް ނިމެންދެން ބަންދުކޮށްފަ އެވެ. އެކަމަކު އަސްވާން ވަނީ ދޫކޮށްލާފަ އެވެ.
މި މައްސަލާގައި އެންމެ ފުރަތަމަ އަސްވާން ހައްޔަރުކޮށްފައި ވަނީ މިދިޔަ އަހަރު އެވެ. އޭރު ވެސް އޭނާ ދޫކޮށްލާފައި ވަނީ ތުހުމަތުވާ މައްސަލާގައި އޭނާގެ މައްޗަށް ހެކި ނެތިގެން ބަންދުގައި ބަހައްޓަން ޖެހޭ ސަބަބެއް ނެތް ކަމަށް ނިންމާފަ އެވެ. އެ ނިންމުން އިސްތިއުނާފްކުރުމުން ހައިކޯޓުން ވަނީ ކްރިމިނަލް ކޯޓުގެ އަމުރު ބާތިލްކޮށް އޭނާގެ ބަންދާ މެދު އަލުން ގޮތެއް ނިންމުމަށް އަންގާފަ އެވެ. އެކަމަކު އޭރު އޭނާ ވަނީ ފިލައިގެން ރާއްޖެ ދޫކޮށް ގޮސްފަ އެވެ.
އޭރު ވެސް އަދި ފަހުން ވެސް ފުލުހުން އޭނާ ބަންދުކޮށްދޭން ކޯޓުގައި އެދެމުން އަންނަނީ މުޖުތަމައުއަށް ހުރި ނުރައްކަލެއް ކަމަށާއި، ފިލާފާނެ ބިރު އޮތް ކަމަށް ބުނެ އެވެ. އޭނާ ފިލައިގެން ގޮސް އުޅެނިކޮށް މި އަހަރުގެ ޖެނުއަރީ މަހު އެ މައްސަލާގައި ދައުވާކުރުމަށް ޕީޖީ އޮފީހަށް ފޮނުވާފައިވާއިރު، ޕީޖީ އޮފީހުން އޭނާގެ މައްޗަށް ދައުވާ ވެސް ކޮށްފައިވެ އެވެ. އެކަމަކު ދައުވާގައި އެޑްރެސް ފުށޫ އަރާތީ އެކަން ކަށަވަރުކުރުމަށް އެ މައްސަލަ އަނބުރާ ޕީޖީ އަށް ފޮނުވާފައިވާކަން ކޯޓުން ފާހަގަކުރި އެވެ.
މިފަހަރު އޭނާ ރާއްޖެ އައުމުން އޭނާ ބަންދުކުރުމަށް ފަހު ބަންދާ މެދު ގޮތެއް ނިންމަން ފުލުހުން ކޯޓަށް ގޮސްފައި ވަނީ ވެސް ޖުތަމައުގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވެދާނެ ކަމަށް ފެންނާތީ އެވެ. މިފަދަ މައްސަލަތަކުގައި ދައުވާކުރަން ފޮނުވުމަށް ފަހު އެމީހާގެ ބަންދާއި މެދު ގޮތެއް ނިންމުމަށް ހުށަހަޅަން ޖެހެނީ ޕީޖީ އޮފީހުން ކަމަށް ދިފާއުން ފާހަގަކޮށްފައިވެ އެވެ. އަދި ފުލުހުންނަށް އެ މައްސަލަ ހުށަހެޅޭނީ އޭނާ ފިލައިގެން އުޅޭ ނަމަ ކަމަށާއި، ބަންދާއި މެދު ގޮތެއް ނިންމުމަށް ހުށަހެޅި ފޯމުގައި އެކަން ފާހަގަކޮށްފައި ނުވާކަމަށް ދިފާއުން ބުނެފައިވެ އެވެ.
އެހެންވެ ކޯޓުން ވެސް ވަނީ އޭނާ މިނިވަންކޮށްފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ