އެސްޓީއޯ އިން ހިޓާޗީ ބްރޭންޑްގެ ޑިޝްވޮޝަރ ތައާރަފްކޮށްފި

އެސްޓީއޯ ޕީޕަލްސް ޗޮއިސް (އެސްޓީއޯ) އިން ހިޓާޗީ ބްރޭންޑްގެ ޑިޝްވޮޝަރ ތާރަފްކޮށްފިއެވެ.
މި ޑިޝްވޮޝަރ ތައާރަފް ކޮށްފައިވަނީ މި ކަމަށްޓަކައި އެސްޓީއޯގައި މިއަދު ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައެވެ. މި ރަސްމިއްޔާތުގައި އެސްޓިއޯގެ ލޮޖިސްޓިކް ޑިޕާޓްމެންޓުގެ ޖެނެރަލް މެނޭޖަރާއި، އެސްޓިއޯގެ މެނޭޖަރުންނާއި، ކުންފުނީގެ ގިނަ އަދަދެއްގެ މުވައްޒަފުން ބައިވެރިވިއެވެ.
މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އެސްޓިއޯގެ މާކެޓިންގ މެނޭޖަރު މުހައްމަދު ޝާހިދު ވިދާޅުވީ، ދެވައްތަރެއްގެ ޑިޝްވޮޝަރ މާކެޓަށް ނެރުމަށް ހަމަޖެހިފައިވާ ކަމަށެވެ. މި ދެ މޮޑެލްއަކީ މިވަގުތު ރާއްޖޭގެ މާކެޓުގައި ހުރި އެންމެ ފަންގްޝަންސް ގިނަ އަދި އެންމެ އަގު ހެޔޮ ދެ މޮޑެލް ކަމަށެވެ.
ޝާހިދު ވިދާޅުވީ މި ޑިޝްވޮޝާރ ތަކާއެކު، މިއަދުން ފެށިގެން ނޮވެންބަރު 30 ގެ ނިޔަލަށް ޕްރޮމޯޝަނެއް ކުރިޔަށް ގެންދިއުމަށް ހަމަޖެހިފައިވާ ކަމަށެވެ. އެގޮތުން ގުރުއަތުން ހޮވޭ ފަރާތްތަކަށް 20،000 ރުފިޔާގެ އިނާމެއް ދިނުމަށް ހަމަޖެހިފައިވާ ކަމަށްވެސް ވިދާޅުވިއެވެ.
ހިޓާޗީ ބްރޭންޑަކީ ގިނަ ބައެއްގެ މަގްބޫލްކަން ހޯދާފައިވާ ބްރޭންކެވެ. އެސްޓިއޯއިން ބުނިގޮތުގައި މި ޑިޝްވޮޝާރގެ ސަބަބުން ދިވެހިންގެ ދިރިއުޅުމަށް އިތުރު ލުއިފަސޭހަތަކެއް ލިބިގެންދާނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ