ބްރޯޑްކޮމްގެ މެމްބަރު ގައިސް އިސްތިއުފާ ދެއްވައިފި

މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް)ގެ ނައިބު ރައީސް އަހުމަދު ގައިސް ކޮމިޝަންގެ މެމްބަރު ކަމުން އިސްތިއުފާ ދެއްވައިފި އެވެ.
ބްރޯޑްކޮމްގެ މެމްބަރު ކަމަށް އަހުމަދު ގައިސް އައްޔަނު ކުރަން ރައްޔިތުންގެ މަޖިލީހުން ރުހުން ދިނީ ޑިސެމްބަރު ތިނެއް، 2019ގަ އެވެ.
ކޮމިޝަންގެ ނައިބު ރައީސް ކަމަށް ގައިސް ހަމަޖެއްސީ ޑިސެމްބަރު ފަހެއް، 2019 ވަނަ ދުވަހު ބޭއްވި ކޮމިޝަންގެ ބައްދަލުވުމެއްގަ އެވެ.
ބައެއް ނޫސްތަކަށް ގައިސް ވިދާޅުވި ގޮތުގައި ކޮމިޝަންގެ މެމްބަރު ކަމުން އިސްތިއުފާ ދިނީ އެހެން މަސައްކަތަކަށް ވަގުތު ދިނުމަށެވެ.
ގައިސް ވަނީ އެމްޑީޕީގެ ހަރަކާތްތަކުގައި އިސްކޮށް ހަރަކާތެރިވެފަ އެވެ.
ބްރޯޑްކޮމްއަކީ ހަތް މެމްބަރުން ތިއްބަވާ ކޮމިޝަނެކެވެ. ކޮމިޝަންގެ ރައީސްއަކީ މަރިޔަމް ވަހީދާ އެވެ. ކޮމިޝަންގެ މިހާރުގެ މެމްބަރުންނަކީ އަމްޖަދު ވަހީދު އާއި އަލީ ޔޫސުފް އާއި އާމިނަތު އަމީނާގެ އިތުރުން މުހައްމަދު ފަޒީން އަދި ޝިފްލާ އިބްރާހީމް އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ