ރައްޔިތުންގެ އަތުގައި އޮތް ވެރިކަމުގެ ބާރު އެގޮތުގައި ދެމެހެއްޓޭނީ ރިޔާސީ ނިޒާމެއް އޮވެގެން ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހީމް ވިދާޅުވެއްޖެއެވެ.
ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަށް ބަދަލުކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު އަނެއްކާވެސް މަސައްކަތް ފަށްތަވާފައިވާއިރު، ގިނަ އަދަދެއްގެ ސިޔާސީ ފަރާތްތަކުން ދަނީ އެބޭފުޅުންގެ ވިސްނުންފުޅު ހުރި ގޮތް ހާމަކުރައްވަމުންނެވެ.
ގާސިމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރައްޔިތުންގެ އަތުގައި އޮތް ވެރިކަމުގެ ބާރު އެގޮތުގައި ދެމެހެއްޓޭނީ، ރިޔާސީ ނިޒާމެއް އޮވެގެން ކަމަށެވެ. އަދި، ރައީސާއި، މަޖިލިސް މެންބަރުންނަކީ ސީދާ ރައްޔިތުންގެ ވޯޓުން ހޮވާ މަގާމުތަކެއް ކަމަށާއި، ބަރުލަމާނީ ނިޒާމެއްގައި ގައުމު ހިންގަން ހަވާލުވާ ބޮޑުވަޒީރަކީ ރައްޔިތުން ސީދާ އިންތިޚާބު ކުރާ ފަރާތެއް ނޫން ކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ގާސިމް އިބްރާހީމް ވަނީ މީގެކުރިންވެސް އެމަނިކުފާނުގެ ތާއީދު އޮތީ ވެރިކަމުގެ ނިޒާމް ރިޔާސީ ނިޒާމުގެ ގޮތުގައި އޮތުމަށް ކަން ހާމަކުރައްވާފައެވެ.
އެގޮތުން، ފާއިތުވި ނޮވެމްބަރު މަހު ނިޒާމުގެ ބަހުސް ހޫނުވުމާއި ގުޅިގެން، ގާސިމް އިބްރާހީމް ވަނީ ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަކަށް ބަދަލުކުރުމަށް ތާއީދުކުރައްވާފައި ނުވާނޭ ކަމަށް ވިދާޅުވެފައެވެ. ރައީސް ނަޝީދުގެ އެދިވަޑައިގަތުމަށް ރައީސް ނަޝީދާ ބައްދަލުކުރެއްވުމަށް ފަހު އެމަނިކުފާނު ވަނީ އެ ބައްދަލުވުމުގައި، ޖުމްހޫރީ ޕާޓީއާއި އެމަނިކުފާނުވެސް ތާއީދު ކުރައްވަނީ ރިޔާސީ ނިޒާމަށްކަން ވަރަށް ސާފުކޮށް ރައީސް ނަޝީދަށް ދެންނެވި ކަމަށް ވިދާޅުވެފައެވެ.
ވެރިކަމުގެ ނިޒާމު ބަދަލުކުރުމަށް އެމްޑީޕީގެ ކޮންގްރެސްއަށް ރައީސް ނަޝީދު ގަރާރެއް ހުށަހަޅުއްވާފައިވާއިރު، ސަރުކާރުގެ އެންމެ އިސްވެރިއަކީ މަޖިލީހުގެ ތެރެއިން އިންތިހާބުކުރާ ބޮޑުވަޒީރު ކަމަށާއި ދައުލަތުގެ އެންމެ އިސްވެރިއެއްގެ ގޮތުގައި ހުންނާނީ ރައްޔިތުންގެ މެދުގައި ނަގާ ރިޔާސީ ވޯޓަކުން ހޮވޭ މީހަކަށްވުމަށް ގަރާރުގައި ހިމަނާފައިވެއެވެ.
އަދި، ފެންނަ ނުފެންނަ ވޯޓެއް ނަގައި ވެރިކަމުގެ ނިޒާމު ބަދަލުކުރުމަށް ފާސްވެއްޖެ ނަމަ ގަރާރުގައި ހިމަނާފައިވާ ބަދަލުތައް ގާނޫނުއަސާސީއަށް ގެނައުމަށްވެސް ރައީސް ނަޝީދު ވަނީ ހުށަހަޅުއްވާފައެވެ.
ނަމަވެސް، ކެބިނެޓުގެ ބައެއް ވަޒީރުންގެ އިތުރުން ޚުދު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހްވެސް ވަނީ އެމަނިކުފާނު ތާއީދުކުރައްވަނީ މިހާރުވެސް އޮތްގޮތަށް ތިންބާރު ވަކިކުރެވިފައިވާ ރިޔާސީ ނިޒާމެއްގެ ތެރެއިން ސަރުކާރު ހިންގުމަށްކަމަށް ވިދާޅުވެ ގަރާރު އަނބުރައި ގެންދެވުމަށް ރައީސް ނަޝީދުގެ އަރިހުން އެދިވޑައިގެންފައެވެ.
ވެރިކަމުގެ ނިޒާމު ބަދަލުކުރުމުގެ ވާހަކައާއި، އެ ވިސްނުމަށް ޕާޓީތަކުން ތާއީދުކުރާ ކަމަށް ރައީސް ނަޝީދު މީގެކުރިން ދައްކަވާފައިވާ ވާހަކަތަކާއި ގުޅިގެން ގާސިމް އިބްރާހީމް ވިދާޅުވީ ޖުމްހޫރީ ޕާޓީ އޮތީ ވެރިކަންކުރާ ކޯލިޝަންގައި ކަމަށާއި، ވެރިކަމުގެ ދައުރު ހަމަވަންދެން ރައީސް އިބްރާހިމް މުހަންމަދު ސާލިހްއަށް ތާއީދުކުރުންމަތީ ޖުމްހޫރީ ޕާޓީ ދެމިއޮންނާނެ ކަމަށެވެ.
ވެރިކަމުގެ ބާރު ރައްޔިތުންގެ އަތުގައި ދެމެހެއްޓޭނީ ރިޔާސީ ނިޒާމުން: ގާސިމް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ