ގޮއިދޫ ސްކޫލް ދަރިވަރުން ސްކޫލަށް ދިއުން މަހަކު އެއްފަހަރު ބައިސްކަލުގައި

ބ.ގޮއިދޫ ސްކޫލްގެ ދަރިވަރުންގެ އަދަދު އެންމެ 122 ކަމަށް ވީ ނަމަވެސް އެސްކޫލުން ހޯދަމުން އަންނަ ކާމިޔާބުތައް މަދެއް ނޫނެވެ. ޚާއްސަކޮށް ކުޅިވަރުގައި އެސްކޫލަކީ ނަމޫނާ އެކެވެ. އެހެން ސްކޫލްތަކާ އަޅާބަލާއިރު ތަފާތު ސްކޫލެއްގެ ގޮތުގައި ފާހަގަކުރެވެ އެވެ.
މި އަހަރުގެ ދިރާސީ އާ އަހަރު ފެށުން ގޮއިދޫ ސްކޫލްގައި ފާހަގަ ކުރިއިރު އަނެއްކާވެސް އެސްކޫލުން ވަނީ ފާހަގަކުރެވޭ ދެ ކަމެއް އަލަށް ތައާރަފް ކޮށްފައެވެ. “ބައިކް ޓު ސްކޫލް” ނުވަތަ “ވޯކް ޓު ސްކޫލް” ގެ ނަމުގައި ފާހަގަކުރާ ދުވަހުގެ ގޮތުގައި މަހަކު އެއްފަހަރު ހުރިހާ ދަރިވަރުން ބައިސްކަލުގައި ސްކޫލަށް ދިއުމާއި ކޮންމެ އަންގާރަ ދުވަހަކަކީ ސްކޫލަށް މޭވާ ގެންދާ ދުވަހެއްގެ ގޮތުގައެވެ.
ގޮއިދޫ ސްކޫލްގެ ޕްރިންސިޕަލް މުހައްމަދު ނިޒާމް ވިދާޅުވިގޮތުގައި ކޮންމެ މަހެއްގެ ފުރަތަމަ ބުދަ ދުވަހު ފާހަގަކުރާ “ބައިކް ޓު ސްކޫލް” ނުވަތަ “ވޯކް ޓު ސްކޫލް” ގައި އެ ސްކޫލުގެ ކުދިންނާއި ޓީޗަރުން އަދި ބެލެނިވެރިން ބައިވެރިވާނެ އެވެ.
ގޮއިދޫ ސްކޫލުގެ ކުދިންނަކީ ދުޅަހެޔޮ ބަޔަކަށް ހެދުމަށް ހިންގާ އެ ހަރަކާތުގެ ފުރަތަމަ ދުވަސް މިއަދު ވަނީ ފާހަގަކޮށްފައެވެ.
“ދަރިވަރުންގެ ކިބައިގައި ހެލްތީ ހެބިޓްސް އަށަގަތުވުމަކީ އެންމެ ބޮޑު ބޭނުން.“ ”މިހާރު“ ނޫހަށް އޭނާ ވިދާޅުވި އެވެ.
ނިޒާމް ވިދާޅުވި ގޮތުގައި، މޭވާ ކެއުމަށް އެ ދުވަހު 10 މިނެޓުގެ ބްރޭކެއް ދަރިވަރުންނަށް ދޭނެ އެވެ. ސްކޫލްގެ ގޯތި ތެރެއަށް ހުރިހާ ކުދިން ނުކުމެ، މޭވާ ކެއުމުން އެ ކަން ދެމެހެއްޓެނިވި ގޮތެއްގައި ގެންދެވޭނެ ކަމަށް ގަބޫލުކުރެ އެވެ.
ގޮއިދޫ ސްކޫލަކީ ކުޅިވަރުގައި ނަމޫނާ ސްކޫލެކެވެ. ނަމަވެސް ކޮވިޑު-19 ގެ ސަބަބުން ސްކޫލްގެ އިތުރު ހަރަކާތްތައް މަޑުޖެހުމާ ގުޅިގެން ކުދިން ވެސް ކުރިއަށް ވުރެ ފިޓް ނޫން ކަމަށް ނިޒާމް ވިދާޅުވި އެވެ.
ގޮއިދޫ ސްކޫލްގައި ޕްރީ-ސްކޫލުން ފެށިގެން ގްރޭޑް 10އާ ހަމައަށް ކިޔަވައިދެއެވެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ